ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކުރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން އައްޔަންކުރައްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި މުހުތާޒް އެ މަގާމަށް އައްޔަނުކުރައްވާފައިވާކަން ރައީސް އޮފީހުން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

ރައީސްގެ އެޑްވައިޒަރަކަށް މުހުތާޒު އައްޔަންކުރައްވާފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައި ވަނިކޮށެވެ.

މުހުތާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ނަމަވެސް، ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ދުރުކުރީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި 11 ނޮވެމްބަރު 2015 ގައެވެ.

އޭގެ ފަހުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 17 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްވެސް ކުރިއެވެ. އެއީ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމަށް ބުނާ މައްސަލައިގައެވެ. ނަމަވެސް ސްޕްރީމް ކޯޓުން އެ ހުކުމް ފަހުން ވަނީ ބާތިލްކޮށްފައެވެ.