އޮފީސް ދަތުރެއްގައި ކުއްލިޔަކަށް ރުހައިމް ފުރައިގެން ދިއުމުން ޔަޝްފީ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނޭވެ. ހިސާބަކަށް މީހާ ބިރުވެސް ގަތެވެ. ހިތުގައި އުފެދުނު ސުވާލުތަކުން މުޅި މީހާގެ ހަމަޖެހުން ގެއްލުނެވެ. ކުރީ ދުވަހުގެ ހޫނު ޒުވާބަށް ފަހު ރުހައިމް އޭނަގެ ގާތަށް އައީ ފުރަން ފޮށި ހިފައިގެންނެވެ. ހަފުތާއެއް ތެރޭގައި އަންނާނެ ވާހަކަ ބުނަން އެކަންޏެވެ. ހުއްޓުންއަރާފައި ހުރެވުން ނޫންކަމެއް ޔަޝްފީއަށް ނުކުރެވުނެވެ. ހަމަހޭވެރިކަން ވިއިރު ރުހައިމް ނިކުމެގެން ގޮސްފިއެވެ. ފަހަތުން ދެވުނު އިރު ރުހައިމް ފެންނާކަށް ނެތެވެ. ތިރިއަށް ދާން ބެލިއިރުގައި ހުސް ލިފްޓެއް ވެސް ނުލިބުނެވެ.

''ޑޭމިޓް!...'' ފާރުގައި ހުރި ލިފްޓުގެ ބަޓަނުގައި ގޮތްމުށްކަވާފައި ޖެހުނީ ނިކަން ބާރަށެވެ. އެތަދުގެ އިހުސާސް ވެސް ޔަޝްފީއަކަށް ނުކުރެވުނެވެ. އޭނާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ނިތުގައި ވަނީ ދަލުގެ އަސަރެވެ. ލޮލުގައި ހާސްކަމެވެ. ސިޑިއާ ދިމާއަށް އޭނައަށް ދެވުނީ ނިކަން ބާރަށެވެ. ބަނޑުގައި ހިފަހައްޓާލަމުން އަވަސް އަވަހަށް ސިޑިން ފައިބަން ފެށިއެވެ. ރުހައިމް ދިއުމުގެ ފުރުސަތު ދޭކަށް އޭނަ ބެނުމެއް ނޫނެވެ. އޮފީސް ދަތުރެކޭ ބުންޏަސް ހިތުގައި ވަނީ ޝައްކެވެ. ނާލާގެ ބަލީގެ ހަލަތު އެނގުމަށް ފަހު ކުއްލިގޮތަކަށް ރުހައިމް ފުރަންޖެހުމުން އެކަން އޭނައަށް ހަޖަމުކުރެވޭ ގޮތެއް ނުވިއެވެ.

ތިރިއަށް ފޭބުނު އިރު ރުހައިމް ލިސާނެއް ވެސް ނެތެވެ. ހިތުގައި އުފެދުނު ބިރުވެރިކަމާއި ނުތަނަވަސްކަމުން ޔަޝްފީއަށް ރޮވުނެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އޭނަ ރުހައިމްއަށް ގުޅިއެވެ. ރިންގުވެފައި ކެނޑެނީއެވެ. ތިން ފަހަރު ގުޅި އިރުވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ގަސްދުގައި ރުހައިމް އޭނަގެ ފޯނަށް ޖަވާބު ނެދެނީކަން ޔަޝްފީއަށް ޔަގީން ކުރެވި ހިތުގެ ނުތަނަވަސްކަމުގެ މައްޗަށް ކުރި ހޯދީ ރުޅިވެރިކަމެވެ.

''ޕިކް އަޕް ދަ ފޯން!!!...'' ދަތްކުނޑި ވިކާލަމުން ޔަޝްފީއަށް ބުނެވުނެވެ. ދެން ގުޅި އިރު ފޯނު އޮތީ ނިއްވާލާފައެވެ. ރުހައިމްގެ ފަހަތުން އެއާޕޯޓަށް ދާން ވެސް އޭނަގެ ހިތަށް އެރިއެވެ. އެޚިޔާލު މަތީގައި ހުރި ޔަޝްފީ މަގުމަތިން ކާރެއް ލިބޭތޯ ބެލިއެވެ. ނަމަވެސް ނަސީބު އޭނައާއި ރުޅިވެފައިވާ ދުވަހެކެވެ. ދުރުދުރުން ވެސް ކާރެއްގެ ނަސީބު ލިބޭނެކަމުގެ ނިޝާނެއް ނެތެވެ. އިހުނަށް ވުރެން އޭނަ ރުޅި ގަދަވިއެވެ. އެއާއެކު ބޮލަށް އެނބުރުން އެރި ހިނދު މީހާ އަރިއަޅާލައިފިއެވެ. ބާރަށް ބަނޑުގައި ވެސް ހިފަހައްޓާލެވުނެވެ. މަގުމަތިން ދިޔަ މީހެއްގެ އެހީތެރިކަން ނުލިބުނު ނަމަ ވެއްޓުނީހެވެ.

''ކޮއްކޯ، ރަނގަޅުތަ؟...'' ފިޔަވަޅުތައް ސާބިތުކޮށްލަމުން އެމީހާގެ އަތް ޔަޝްފީ ފޮޅުވާލިއެވެ. އަދި ރުޅިވެރިކަމާއެކު މެދުއުމުރުގެ އަންހެން މީހާއަށް ބަލައިލިއެވެ. ހައިރާންކަމާއެކު ޔަޝްފީއަށް ބަލަން ހުރެފައި އެމީހާ ދެފަރަތާށް ބޯހޫރާލިއެވެ. އެއަށްފަހު ދާން ހިނގައިގަތެވެ.

''އެއްވެސް ކަމެއް ރަނގަޅަކަށް ނުދެޔޭ، ޔަގީން އެކޫޑިގަނޑު ކައިރިއަށްކަން ދިޔައީ... އޮފީސް ދަތުރެކޭ ނުބުނެ ތެދުތެދަށް ބުނިނަމަވެސް ރަނގަޅޭ، ރުހައިމް ހީކުރަނީ އަހަރެން މިއީ ގަމާރެއް ކަމަށްތަ...'' ޔަޝްފީއަށް ބުނެވުނެވެ. ވިސްނުމެއްގައި ހުރެފައި އޭނަ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ލިފްޓްގެ ބަޓަނަށް ފިތާލުމާއެކު ދޮރުހުޅުވުނެވެ.

''މިތީ ވެސް މިހާރު ހުޅުވޭނެ، ބޮޑު ކަމެކޭ!، ދެން އަހަރެން ހަދާނީ ކިހިނެއްތަ... ރުހައިމް!...'' ޔަޝްފީގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ރުހައިމްއާއި ނާލާ ބައްދަލުވުމުގެ ފުރުސަތު ލިބެން އޭނަ ހަމަހިލާ ބެނުމެއް ނުވެއެވެ. ރުހައިމްގެ ފަހަތުން ދާން އޭނަ ގަސްދުކުރިއެވެ. ނަމަވެސް ދިޔަ ތަނެއް އޮޅުން ފިލުވާނެ ގޮތެއް ނޭނގި މީހާ އިތުރަށް ރުޅިގަދަވިއެވެ.

''ޔަޝް ދެން އެއްޗެއް ކާން އުޅެބަލަ...'' ފިޔާޒާއަށް ޔަޝްފީ ގުޅުމުން އޭނަ އައީ މެންދުރު ކޮއްތު ބޭރުން ހިފައިގެންނެވެ. އޭނަ މިހާރު އުޅެނީ އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކުގައެވެ.

''އެއްޗެއް ކެވޭތަ!... މަށަށް ޔަޤީނޭ ނާލާ ގާތަށް ކަން ރުހައިމް ދިޔައީ!...'' ސޯފާގައި އިން ޔަޝްފީގެ މޫނު ހީވަނީ ކަޅުފޮއި އަނދިރި ރެޔެއް ހެންނެވެ. ރުޅީގެ ސަބަބުން މީހާގެ ސިފަ ވަނީ ގެއްލިފައެވެ.

''ދައްކާ ވާހަކަ، ދިޔަޔަސް ވާނީ ކޮންކަމެއްތަ؟...'' ޔަޝްފީގެ ޝަކުވާތަކުން އުނދަގޫވެފައިވާ ރާގަކަށް ފިޔާޒާ ބުންޏެވެ. އެއާއެކު ފިޔާޒާއަށް ޔަޝްފީ ލޯއަޅާލިއެވެ.

''ސޮރީ...'' އަމާންކަން ދެމުން ފިޔާޒާ ބުނެލިއެވެ. އޭނަ ޔަޝްފީ އުޅޭ އެޕާޓެމެންޓުން ނިކުމެގެން ދިޔައީ ވެސް ޔަޝްފީގެ ނުފޫޒުން ސަލަމަތްވާންވެގެންނެވެ. ޔަޝްފީގެ އުޅުން ހުންނަ ގޮތުން އޭނަ ބިރުގަންނާތީއެވެ. ބައެއްފަހަރު ކުރެވުނީ ރަނގަޅު ކަމެއް ބާވައޭ ވެސް އޭނަގެ ހިތަށް އަރައެވެ. ތުންތުންމަތިން ނާލާ އުޅުނު ހާލުގެ ވާހަކަތައް ވެސް އޭނަގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. ކެންސަރުގެ ވޭނާއި ހަނގުރާމަކުރަން ދާކަން ވެސް ޔަޝްފީގެ ފަރާތުން އެނގިއްޖެއެވެ.

''ކިހިނެއްތަ ދެން އަހަރެން ހަދާނީ؟...'' ޔަޝްފީއަށް ރޮވުނެވެ. މަންޒަރު ބަލަން ހުރި ފިޔާޒާ ދެފަރާތަށް ބޯހޫރާލިއެވެ.

''އަހަންނަށް ހިޔެއްނުވޭ ނާލާގެ ފެމިލީ ރުހައިމްއަށް ނާލާއާއި ބައްދަލުކުރުމުގެ ފުރުސަތު ދީފާނެހެނެއް...'' ފިޔާޒާ ބުނެލިއެވެ.

''އެކަމަކުވެސް ވަރިހަމައޭ... ރުހައިމް ދިޔަ ތަނެއް އެނގެން އަހަރެން ބޭނުން...'' ޔަޝްފީ ދަތްކުނޑިވިކައިގަތެވެ.

''ބުނީމެއްނު ހޮސްޕިޓަލުން ދިމާވި ފާޑެއްގެ މީހެއްގެ ފަރާތުންނޭ ނާލާ ކެންސަރު ޖެހިގެން އުޅޭކަން ރުހައިމްއަށް އެނގުނީ... ޔަޝް ދެއްކި ވާހަކަތަކުން ހީވަނީ ނާލާދެކެ ރުޅިއަންނަ މީހެއްހެން އެއީ... އޭނަ ގާތަށް ދާން ވީއެއްނު ނާލާ ފަރުވާ ހޯދާތަނެއް ބަލަން... ރުހައިމް ވެސް ދާނީ އެތަނަކަށް ނޫންތަ؟، އޭރުން އެނދިގާނެއެއްނު ނާލާ ގާތަށް ރުހައިމް ގޮސްފިއްޔާ...'' ދެޚިޔާލެއްގައި ހުރެފައި ވެސް ފިޔާޒާ ޚިޔާލެއް ދިނެވެ.

''އާނ!، ތީ ރަނގަޅު ޚިޔާލެއް... ކީކޭތަ އޭނައަށް ކިޔަނީ... ކޮންމެވެސް އިނގިރޭސި ނަމެއް... ހޫންން!، ހަނދާން ވެއްޖެ، ވިވިއަން!...'' ޔަޝްފީގެ މޫނު އުޖާލާވެއްޖެއެވެ. ސޯފާއިން ތެދުވެލަމުން އެއަތްޖޯޑުކޮށްލަމުން ގެެނެސް މޭގައި ޖައްސާލިއެވެ. ނުބައި ރޭވުމެއް ސިކުނޑީގައި ރާވާމުން ދިޔަކަމުގެ ނިޝާންތައް އެމޫނުން ފެންނަން ހުއްޓެވެ.

''ވަޓް ހޭވް އައި ޑަން!...'' ހިތާހިތުން ފިޔާޒާއަށް ބުނެވުނެވެ. ރަނގަޅު ނަސޭހަތެއް ޔަޝްފީއަށް ދިނުމުގެ ބަދަލުގައު ދެވެނީ މުޅިން ވެސް ގޯސް ޚިޔާލުތަކެވެ.

*****

ކެންޓީނުން ނިކުންނަން ދިޔަ ވިވިއަންއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނީ ޔަޝްފީ ފެނުމުންނެވެ. ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިވީ ޔަޝްފީގެ މޫނުން ފެނުނު ކުލަވަރުތަކުންނެވެ. އޭނައާއެކުގައި ތިބި ރައްޓެހިން ގާތު އެބައަންނަމޭ ބުނެ ޔަޝްފީގެ ގާތަށް ޖެހިލިއެވެ.

''އާރ ޔޫ ފޮލޯވިންގް މީ؟...'' ކިބުރުވެރިކަމުގެ ރާގަކަށް ވިވިއަން ބުންޏެވެ. ޔަޝްފީ ތުންއަނބުރާލިއެވެ.

''ނާލާއާއި ކަލެއާ އޮންނަ ގުޅުމަކީ ކޮބާ؟...'' މޭގައި ދެއަތް ހުރަސްކުރަމުން ޔަޝްފީ ބުނެލިއެވެ. ވިވިއަންނާއި ވާހަކަދައްކަން ވީފޫއްސެއްގެ ބޮޑުކަމުން އޭނަ ދިޔައީ ސީދާ މައުޟޫޢުއަށެވެ.

''ހެހެހެހެ...'' ވިވިއަން ބާރަށް ހީގަތެވެ. ހައިރާންކަމާއެކު ޔަޝްފީއަށް ހުރެވުނީއެވެ. ވިވިއަންއަކީ އޭނަ ހީކުރިވަރަށް ވުރެން އަޑިނުބައި މީހެއްކަން ދެނެގަންނަން ގިނަ ވަގުތެއް ނުނެގިއެވެ.

''ކޮޅަށް ތިބެގެންތަ ވާހަކަދައްކަނީ؟... ހިނގާބަ އެހެރަ މޭޒާ ދިމާއަށް...'' ކެންޓީނު ބޭރުގައި ހުރި ހުސް މޭޒަކަށް އިޝާރާތް ކުރަމުން ވިވިއަން ބުނެލިއެވެ. ''މާބަނޑުއިރު ގިނައިރު ކޮޅަށް ހުންނާކަށް ނުވާނެ...''

އިންކާރުކުރަން އުޅެފައި ވެސް ވިވިއަންގެ ފަހަތުން ޔަޝްފީ ދިޔައެވެ. ވިވިއަން އިށީނީ ޔަޝްފީގެ ކުރިމައްޗަށް ވާހެން ހުރި ގޮނޑީގައެވެ. ޔަޝްފީއާ މެދު ވިވިއަން ނިކަން ޝައުޤުވެރި ވެއްޖެއެވެ.

''ޓީ؟...'' ވިވިއަން އަހާލިއެވެ. ވަގުތުން ޔަޝްފީ ދެފަރާތަށް ބޯހޫރާލިއެވެ.

''ސޫޓް ޔޫ ސެލްފް...'' އެއްފައި މައްޗަށް އަނެއްފައިލަމުން ގޮނޑީގައި ވިވިއަން ހަމަޖެހިލިއެވެ. އަދި ޔަޝްފީގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެރީތިކަން އަންދާޒާކޮށްލާ ދަފައަކުންނެވެ. ވިވިއަންގެ ތުންފަތުގައި ކުޅެލަމުން ދިޔައީ ސިއްރުވެރި ހިނިތުންވުމެކެވެ.

''ކީއްވެ ތިހެނީ؟...'' ޔަޝްފީ ގާތަށް ރުޅިއައެވެ. ބައްދަލުވީއްސުރެން ވިވިއަންގެ ފަރާތުން ފެންނަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އެމޫނުގައި ބޮނޑިއެއް އަޅާލަން ވެސް ހިތަށް އެރިއެވެ.

''ނާލާގެ މޮޔަކަމުން!...'' ވިވިއަން ބުނެލިއެވެ.

''ތިބުނީ؟؟؟...'' ސިހުމާއެކު ޔަޝްފީއަށް ބުނެވުނެވެ. ވިވިއަންގެ ތޫނު ނަޒަރުން އެހިތް ތަޅުވާލައިފިއެވެ.

''އިޒިންޓް އިޓް އޮބްވިޔަސް!... އައި މީން ލުކް އެޓް ޔޫ!... އަހަރެން ޤަބޫލުކުރަން ބޭނުން ނުވިޔަސް ނާލާއަށް ލިބިފައި ވަނީ ނިކަން ފުރިހަމަ ރީތިކަމެއް... އެފަދަ ރީތި އަންބަކު ލިބިފައި ހުއްޓާ ހަމަހޭގައި ހުރެފައި ރުހައިމް ކަލޭއާ ގާތްނުވަނެކަން މަށަށް އެނގޭ... އައި މީން ލުކް އެޓް ޔޫ...'' ޔަޝްފީގެ މޫނަށް އިޝަރާތްކުރަމުން ވިވިއަން ބުނެލިއެވެ. ''ޔޯ އައިސް އާ އަންއީވެން... ނޯސް އިޒް އަ ލިޓްލް ކްރޫކްޑް... ލިޕްސް އާރ ޑްރައި... ނޯ ޑިވައިސިވް ކޮލިޓީ... ފްލެޓް ޗެސްޓް!...''

''ވަޓް ދަ!...'' ފުންމައިގެން ގޮނޑިން ތެދުވަން ހަދައިގެން މޭޒުގައި ޔަޝްފީގެ ބަނޑު ޖެހުނެވެ. ވީތަދުން އާހެއްގެ އަޑު ނިކުތެވެ.

''ކާމް ޑައުން!... މިތާ ޑްރާމާއެއް ހިންގާލަންތަ ބެނުމީ؟...'' ގޮނޑިއަށް ލޮލުން އިޝާރާތްކުރަމުން ވިވިއަން އަމަރުވެރިކަމާއެކު ބުނެލިއެވެ. މުޅި އެބައްދަލުވުން އޮތީ އޭނަގެ މުށުތެރޭގައިކަން އަންގާލުމުގެ އިޝާރާތެކެވެ.

''އޭރު ކުރި ސުވާލަށް ޖަވާބު ދީފާނަން... ބުނެވިދާނެ އަހަންނަކީ ނާލާގެ ރައްޓެއްސެކޭ...'' އުނގުގައި އޮތް އަތްދަބަހުން ލިޕްސްޓިކެއް ނަގާލަމުން ވިވިއަން ބުނެލިއެވެ. އެއަށް ފަހު ކުޑަވަރެއްގެ ލޯގަނޑެއް ވެސް ނަގައިފިއެވެ.

''ރައްޓެއްސެކޭ؟؟؟...'' ޔަޝްފީ ގާތަށް އައީ ނުލަފާ ހިންޏެވެ. ވިވިއަން ހީކުރަނީ އޭނައަށް އޮޅުވާލެވޭނެ ކަމަށް ހެއްޔެވެ؟ އޭނަ ހުރީ ވިވިއަން ދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. ހާއްސަކޮށް އޭނަގެ ފުރިހަމަ ބުރުސޫރައަށް ފާޑުކިޔުމުންނެވެ. އެތުންފަތުގައިވި ހިނިތުންވުން ޖަހައިގަންނަން ވެސް ބޭނުންވިއެވެ.

''ޔޫ ކޭން ސޭއި ފްރެމެނީސް...'' ބުމަ އަރުވާލަމުން ވިވިއަން ބުނެލިއެވެ. އަދި ރަތްކަން އެކުލެވިގެންވި ތުންފަތް އިތުރަށް ރަތްކޮށްލިއެވެ.

''އަހަރެން ހައިރާން ވަނީ ކަލޭގެ ވާހަކަތައް ނާލާ ޤަބޫލުކުރުމުން... އައި ހޭވް ޓު ގިވް ޔޫ ކްރެޑިޓް ފޯރ ދެޓް... އީވެން ވިތް އޯލް ދަ ފްލޯސް ޔޯރ ޑަމްބް ޕްލޭން ވޯކްޑް!...'' ކުރިއަށް ޖެހިލަމުން ވިވިއަން ބުނެލިއެވެ. ސިއްރެއް ބުނާ ފަދައަކުންނެވެ. ޔަޝްފީއަށް ލިބުނު ސިހުމުން ވިވިއަން ހިނިގަނޑެއް ޖަހާލިއެވެ.

''ކޮން ބޭކާރު ވާހަކައެއް ތިދައްކަނީ؟...'' ޔަޝްފީ ބުމަގޮށްޖަހާލިއެވެ.

''އިފް ޔޫ ސޭއި ސޯ...'' ދެއަތް މައްޗަށް ނަގާލަމުން ވިވިއަން ހިނިތުންވެލިއެވެ. ''ހައު ލޯންގް އަންޓިލް ޔޯރ ޕްލޭން ސްޓާޓްސް ޓު ކްރެކް...''

''އަހަންނަކަށް ކަލޭ ތިދައްކާ ވާހަކައެއް ނޭނގޭ...'' ޔަޝްފީއަށް ބުނެވުނެވެ. އޭނައަށް މޭގައި ދެއަތް ހުރަސްކޮށްލެވުނެވެ.

''ރިއަލީ ސިސް؟... ލެޓްސް ބީ ރިއަލް ހިޔާރ... އަހަންނަށް އެނގޭ ތިިއައީ ކީއްވެގެން ކަން!، ނާލާގެ ގާތަށް ރުހައިމް ދިޔައީ ދޯ...'' ވިވިއަންގެ މޫނުމަތިން ފެންނަނީ ތަފާތު ވިދުމެކެވެ.

''ވަޓް!...'' ޔަޝްފީއަށް ލިބުނީ ހައިރާންކަމެވެ. ''ކިހިނެއް؟...''

''ސީ... އަންލައިކް ޔޫ އައި ޕްލޭން އެވްރީތިންގް... އަހަންނަށް އެނގޭ ރުހައިމްއަށް ނާލާގެ މަޢުލޫމާތު ދިނީ ކާކުކަން ވެސް...'' ހަށަން ބަނދެލަމުން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ވިވިއަން ބުނެލިއެވެ.

''ކޮބާތަ ކަލޭގެ ބޭނުމަކީ؟...'' ޔަޝްފީއަށް ދަތްކުނޑިވިކާލެވުނެވެ.

''ޔޫ ނޯ ވަޓް؟، އައި ލަވް ޑްރާމާ...'' ވިހަ ހިނިތުންވުމަކާއެކު ވިވިއަން ވާހަކަދެއްކިއެވެ.

''ކަލޭ ސިކުނޑި ހަމަނުޖެހޭކަން އެނގޭތަ؟...'' ޔަޝްފީއަށް އިތުރަށް ކެތެއް ނުވިއެވެ. ވިވިއަން އޭނަގެ ހަޤީޤަތް ހޯދައިފިކަން އެނގުމުން ބިރުވެސް ގަނެއްޖެއެވެ.

''އެއީ!، ކަލޭގެ ހައިސިއްޔަތު ދަނެގެން ވާހަކަދައްކާނީ!، ކޫޑިގަނޑު!... ކަލޭ ހޯދަން އައި މަޢުލޫމާތު އަހަރެން ދީފާނަން!، އެކަމަކު ބުނަން!، އަހަންނަށް ހިޔެއްނުވޭ ކަލެއަށް ރުހައިމްއާއި ނާލާ ވަކިކުރެވިދާނެހެނެއް... އެކަމަކު ކެންސާރ، މޭއިބީ ދެޓް ވިލް ޑޫ އިޓް...'' ކޮނޑު އަރުވާލަމުން ވިވިއަން ބުނެލިއެވެ. އެއަޑުގައި އެއްވެސް އަސަރެއް ނުވެއެވެ. ''އަސްލު އަހަރެން އަތުގަ ނެތް ކަލެއަށް ދޭނެ ގިނަ ވަގުތެއް... ސޯ އައިލް ޓެލް ވެއާރ ނާލާ އިސް، ގުޑް ލަކް ޓު ޔޫ...''

ވަގުތު ހަމަވެއްޖެކަން އަންގާލަމުން ވިވިއަން ގޮނޑިން ތެދުވެއްޖެއެވެ. ދަމުން އޭނަ ޔަޝްފީގެ ކޮނޑުގައި އަތްބާއްވާލިއެވެ. އަދި ކަންފަތް ދޮށުގައި ސިއްރުން އެއްޗެއް ބުނެލިއެވެ.

''ކޯޗެއްތަ ރުހައިމްއަށް ދިނީ؟...'' ވިވިއަންގެ ސުވާލުން ޔަޝްފީގެ މޫނު މުޅިން ހުދުވެގެން ދިޔައެވެ. އޭނަ ބޭނުންވި ހުރިހާ ޖަވާބެއް ވިވިއަންއަށް ލިބުނެވެ. ނަމަވެސް ޔަޝްފީ ބޭޒާރުކުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އޭނަ ބެނުންވަނީ ކުރިއަށް ކަންތައް ވެގެން ދާނެ ގޮތެއް ބަލައިލާށެވެ. ރުހައިމްއާއި ނާލާގެ ދެމެދުގައި އޮތީ ކޮން ފަދަ ލޯތްބެއްތޯ އިމްތިހާނު ކުރާށެވެ. އަބަދުވެސް މީހުންނަށް އިޝްތިހާރުކުރަމުން ދިޔަ އެލޯތްބަށް އަންނާނެ ނިމުން ދެކިލުމަށެވެ.

''ދިސް ވިލް ބީ ފަން!... ގުޑް ލަކް ސިސް...'' ކުރިއަށް ހިނގައިގަނަމުން ހުނުމަކާއެކު ވިވިއަން ބުނެލިއެވެ.

ޔަޝްފީއަށް އިނދެވުނީ ބިރުވެރިކަމެއް ތެރޭގައެވެ. އޭނަ ހޯދަން ބޭނުންވި މައުލޫމާތު ލިބުނުކަމުގައި ވިޔަސް މީހާ ބޭޒާރުވެއްޖެކަމުގެ ހިލަން ވެއްޖެއެވެ. ހިންދިރުވަލަން ވެސް ނޭނގުނެވެ. ވިވިއަން ގާތަށް އައުން އެއީ އޭނައަށް ހެދުނު ގޯހެއް ހެއްޔެވެ؟ ނާލާގެ ސިކުނޑީގައި އޭނައާ މެދު ވިވިއަން ޝައްކު އުފައްދަފާނެ ހެއްޔެވެ؟

*****

އުޑުމަތި ބަނަ ދުވެހެކެވެ. ފަތިހު ވެހެން ފެށި ވާރޭ މެންދުރު ވިއިރުގައި ވެސް އަލިކޮށްފާނެކަމުގެ ނިޝާނެއް ނުފެނެއެވެ. ވައިރޯޅިތައް ވެސް ހިނދަށްހިނދަކަށް ގަދަވަމުން ދިޔައެވެ. މެންދަމު ނާލާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ނެގައީއްސުރެން ނަދީމާ ހުންނަނީ ހާސްކަމެއްގެ ތެރޭގައެވެ. އައި.ސީ.ޔޫ އިން ޕްރައިވެޓްރޫމަކަށް ބަދަލުކުރެވުނު ކަމުގައި ވިޔަސް ނަދީމާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ކެތްެރިކަމާއެކު އިންތިޒާރު ކުރަމުން އެދަނީ ރިޕޯޓްތަކުގެ ނަތީޖާ ލިބޭނެ އިރަކަށެވެ.

''ނަދީ...'' ނަދީމާ ސިހުނީ ބިލާލްގެ އަޑަށެވެ. އޭރު ވެސް ނަދީމާ ދިޔައީ މަޑުމަޑުން ނާލާގެ އަތުގައި ފިރުމަމުންނެވެ. ފުން ނިދީގައި އޮތް ނާލާއަށް ބަލަން އިން ނަދީމާގެ ދެލޯފެންކަޅިވެއްޖެއެވެ.

''ރޭއްސުރެން ނަދީ ތިހުންނަނީ ނުނިދާ... ނަދީ ބަލިވާކަށް އަހަރެން ބޭނުމެއް ނޫން، ގެއަށް ގޮސް އަރާމުކޮށްލަންވީ އެއްނު، އިރުކޮޅަކުން ލުޔޫން ވެސް އަންނާނެ!...'' ނަދީމާގެ ކޮނޑުގައި ބިލާލް ފިރުމާލިއެވެ.

''ރިޕޯޓް ލިބުނީމަ އަހަރެން ދާނީ... ޕްލީޒް...'' ނަދީމާގެ އަޑުގައި ވަނީ އާދޭހެވެ. އެތެރެއަށް ލީ ފުންނޭވާއާއެކު ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. އަދި އެނދުކައިރީ ހުރި ކަބަޑުމަތީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި ނޭފަތް ފޮޅާލިއެވެ.

''އެއްޗެއް ކައިފިންތަ؟...'' ބިލާލް ސުވާލުކޮށްލިއެވެ. ހެނދުނު ވެސް ނަދީމާއަށް ސައިދޭން ޖެހުނީ ގަދަކަމުނެވެ.

މަޑުމަޑުން ދެފަރާތަށް ނަދީމާ ބޯހޫރާލިއެވެ. އެވަގުތު ލުޔޫން ވެސް ދޮރުގައި ޓަކި ދެމުން އެތެރެއަށް ވަދެއްޖެއެވެ.

''އަހަރެން ވެސް އަދި ނުކުރަން، ހިނގާބަލަ އަހަންނާއެކު ކެންޓީނަށް ދާން، ލުޔޫން މަޑުކުރާނެ އަހަރުމެން އަންނަންދެން...'' ބިލާލް ބުންޏެވެ. ހައިވެފައި ހުރުމުން ބިލާލްއަށް އިތުރު ބަހަނާއެއް ދައްކަން ނަދީމާ ބޭނުމެއް ނުވިއެވެ. އޭނަ ލުޔޫންއަށް ބަލާލިއެވެ.

*****

މެންދުރު ކައިގެން އާދެވުނު އިރު ރިޕޯޓްތަކުގެ ނަތީޖާ ހިފައިގެން ޑޮކްޓަރު ވެސް އައިސްފިއެވެ. ޑޮކްޓަރު ބޭނުންވީ ނަދީމާއާއި ބިލާލްއާއި ވަކިން ވާހަކަދައްކާށެވެ.

ޑޮކްޓަރުގެ ފަހަތުން ނިކުމެގެންދިޔަ މަންމައާއި ބައްޕައަށް ބަލަން ލުޔޫން އިނީ މާޔޫސްކަމާއެކުގައެވެ. ދޮރު ލެއްޕުމާއެކު އޭނައަށް ބަލާލެވުނީ ފުން ނިންޖެއްގައި އޮތް ނާލާއަށެވެ. ނާލާގެ ނޭވާގައި އެކުލެވިގެން ވަނީ ބުރަހެލިކަމެވެ.

''ކުޑާ...'' ނާލާގެ އަތުގައި ހިފާލަމުން ލުޔޫން ބުނެލިއެވެ. އެދެލޮލުގައި ކަރުނަ ވިއެވެ. ލަސްލަހުން ގެނެސް ނާލާގެ އަތްތިލް އޭނަގެ ނިތުގައި ޖައްސާލެވުނެވެ. ''ޔޫ ކޭން ފައިޓް ދިސް...''

*****

ޑޮކްޓަރުގެ އޮހީހަށް ވަނީއްސުރެން ތަނަށް ވެރިވެފައި އޮތީ ހަމަހީމެންކަމެވެ. ޑޮކްޓަރު އިޝާރާތް ކޮށްލީ މޭޒު ކައިރީގައި ހުރި ދެގޮނޑިއަށެވެ. ބަހެއް ބުނުމެއްނެތި ބިލާލްއާއި ނަދީމާ އިށީނެވެ. ޑޮކްޓަރުގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ނަދީމާއަށް ނިކަން ބާރަށް ބިލާލްގެ އަތުގައި ހިފާލެވުނެވެ. ބިރުވެރި ރަނގަބީލެއްގެ އަޑު ކަންފަތުގައި ގުގުމާލިއެވެ. ލިބެން އުޅޭ ބިރުވެރި ޚަބަރަށް ނޭވާވެސް ހިފަހައްޓާލެވުނެވެ.

ޑޮކްޓަރު ފުރަތަމަވެސް ދެއްކީ ނަތީޖާތަކުގެ ވާހަކައެވެ. އެއާއެކު އިވިގެން ދިޔައީ ނަދީމާގެ ގިސްލުމުގެ އަޑެވެ. ތާޒާ ކަރުނަތައް އެދެލޮލުގައި ވިއެވެ. ނަދީމާއަށް ހިތްވަރު ދިނުމުގެ ގޮތުން، ނަދީމާގެ ބުރަކަށީގައި ބިލާލް ފިރުމާލިއެވެ. އަދި އޭނައާއި ކައިރިކޮށްލިއެވެ.

''މިވަގުތު ދެވެން އޮތް ހަމައެކަނި ޓްރީޓްމެންޓް ދެމުން މިދަނީ... ނާލާއަށް ދާއިމީ ފަރުވާއެއް ލިބެން އޮތީ ބޯންމެރޯ ޑްރާންސްޕްލާންޓް ހަދައިގެން... މިިހާރު ނާލާ ހުރި ހާލަތުގެ ސަބަބުން އެކަމަށް ވެސް ގޮންޖެހުންތަކެއް އެބަހުރި...'' ޑޮކްޓަރުގެ އަޑުގައި ވަނީ ހިތްވަރެވެ. އަދިވެސް ފަރުވާ ދީގެން ނާލާ ރަނގަޅުކުރެވިދާނެކަމުގެ އުއްމީދު އާކޮށްދޭން ބޭނުންވިއެވެ.

''ވީވިލް ޓެސްޓް ދަ ފެމީ ޓު ސީ އިފް ދެއާރ އިސް އެ މެޗް...'' ޑޮކްޓަރު ބުންޏެވެ.

(ނުނިމޭ)