ޕްލާސްޓިކުން ތަގައްޔަރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ޓޮބްލެރޫން" ޗޮކްލެޓް ރާއްޖެ އެތެރެކުރުން މަނާކޮށް، ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގައިފިއެވެ.

އެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓޮބްލެރޯން ބްރޭންޑުގެ މިލްކް ޗޮކްލެޓް ޕްލާސްޓިކުން ތަގައްޔަރުވެފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ (އައިއެންއެފްއެސްއޭއެން) މެދުވެރިކޮށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

އެ ޗޮކްލެޓު ރާއްޖެ އެތެރެވެފައިވާ ކަމަށާއި އެއީ އެ ޗޮކްލެޓް އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް ކަމަށް އެ އިދާރާތަކުން އެފްޑީއޭއަށް އަންގާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ޗޮކްލެޓު ކެއުމުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތައް ގެއްލުންވުން ފަދަ ކަމެއް ވެދާނެ ކަމަށް އެފްޑީއޭއިން ބުންޏެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޗޮކްލެޓް އެތެރެކުރުން މަނާކޮށް، ވިއްކުން މަނާކުރަން އެ އިދާރާއިން ވަނީ އަންގައިފައެވެ.