ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ގާއިމުކުރަން ނިންމައިފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް އެ މަރުކަޒުތައް ގާއިމުކުރުމުގެ އިތުރުން ގާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެ އޭޖެންސީން އިސްނަގައިގެން މަސްތުވާތަކެތީގެ ގާނޫނުގެ 17/2011 ގައި ބަޔާންކުރާ ފަދަ، ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެންޑީއޭއިން ބުންޏެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމުގައި، އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގަން، އެ މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.

އެންޑީއޭ އިން ބުނީ އެ ޕްރޮގްރާމް ހިންގާ ސަރަހައްދުތަކުން އެއް ސަރަހައްދަކީ ލ. އަތޮޅު ކަމަށާއި އެ އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް އެ އެޖެންސީން މިމަހުގެ 24 އިން 28 އަށް އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށްވާފައިވާ ކަމަށެވެ.

އެ ދަތުރުތަކުގައި ލ. ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، މާވަށް، ހިތަދޫ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދުއަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ރަށްތަކަށް ކުރާ ދަތުރަށްފަހު ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައަޅާނީ އެ އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށް އެންޑީއޭ އިން ބުންޏެވެ.

އެންޑީއޭ އިން ބުނީ މަސްތުވަތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން ޖަލު ހުކުމުން ސަލާމަތްވުމަށް އެދި އެ އެޖެންސީގެ ފަރުވާއަށް އެދޭ މީހުންނަށްވުރެ އަމިއްލައަށް އެދިގެން އެ ވަބާއިން ސަލާމަތްވުމަށް އަންނަ މީހުންނަށް އެ އެޖެންސީގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށެވެ.

މިދިޔަ ޑިސެމަބްރު މަހުގެ 21 ވަނަ ދުވަހު ހޯމް ލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ޑްރަގު ކޯޓުން މަސްތުވާތަކެތީގެ ފަރުވާއަށް ހުކުމްކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި ކިޔުގައި ތިބިކަން ފާހަގަކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ޑްރަގު ކޯޓުން ކޮމިއުނިޓީ ފަރުވާއަށް ހުކުމް ކޮށްފައިވާ 700 މީހުންގެ ބެކްލޮގެއް އެބައޮތް ކަމަށެވެ.

"ކުރެވިފައިވާ ރިހެބިލިޓޭޝަން އަމުރުތަކާ އެއްގޮތަށް ކްލައިންޓުންނަށް ދޭންޖެހޭ ފަރުވާތައް ދިނުމަށްޓަކައި މުޅި އެންޑީއޭގެ ޓެކްނިކަލް އަދި އިދާރީ ޓީމު އެކުލެވިގެން ޖޮއިންޓް މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކްލައިންޓުންނަށް ގުޅުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެކަމަށްޓަކައި މުވައްޒަފުންތަކެއް ވަކިން ނެގިގެން، އެ މަސައްކަތް ކުރިއަށް އެބަދޭ،" އިމާދު ވިދާޅުވެފައިވެއެވެ.

އުންމީދަކީ ކުރިއަށްއޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ 700 މީހުންގެ ފަރުވާ ފުރިހަމަކުރެވުން ކަމަށާއި، އެންޑީއޭގެ މަސައްކަތްތައް ފުޅާކުރުމަށް މި އަހަރު ތެރޭ، މިހާރު ހިދުމަތް މެދުކެނޑިފައި ހުރި ހދ. ހަނިމާދޫގެ އެންޑީއޭގެ ސެންޓަރުގެ މަސައްކަތް އަލުން ފަށައި، ނ. ވެލިދޫގައިވެސް ފަރުވާގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ލ. އަތޮޅުގައިވެސް އެންޑީއޭގެ ފަރުވާގެ ހިދުމަތް ފެށޭނެ ކަމަށް އިމާދު ވިދާޅުވެފައިވެއެވެ.