ހުތުބާ ކިޔުމުގެ ހުއްދަ ނަގަން 160 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި އަންނަ ހަފުތާގައި އެ ޒުވާނުންގެ އިންޓަވިއު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން "ވަން" އަށް މިއަދު ބުނީ ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ފޯމް ހުށައެޅުމަށް ހުޅުވާލުމުން މިހާތަނަށް 160 އަށްވުރެ ގިނަ ޒުވާނުން ފޯމް ހުށަހެޅިކަމާއި މި މަހުގެ ދެވަނަ ހަފުތާގައި އިންޓަވިއުކުރަން ކުރިން ހަމަޖެއްސި ނަމަވެސް އޭގެ އުސޫލުތައް ނިމުމުން ފަށަން ފަސްކޮށް އަންނަ ހަފުތާގައި އިންޓަވިއުކުރަން ފަށާނެކަމަށެވެ.
ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމީ ހުސްވި ޑިސެމްބަރު މަހުއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިމަހުގެ ފުރަތަމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޯމް ހުށަހެޅި ޒުވާނުންގެ އިންޓަވިއު ނެގުމަށްފަހު، ފިގުހީ ތަމްރީނުތަކެއް ދޭނެ ކަމަށެވެ. އެއަށްފަހު އެ ޒުވާނުން މިންބަރުތަކުން ފެނިގެންދާނެ ކަމަށާއި ރޯދަ މަހުގެ ކުރިން އެ ހުރިހާ ކަމެއް ނިމޭނެ ކަމަށް ވިދާޅުވިއެވެ.
ޝަހީމު ހިއްސާކުރައްވާފައިވާ ތަފުސީލަށް ބަލާއިރު، އިމާމުކަމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ޒުވާނުންނާ އިންޓަވިއު ކުރަން ހަމަޖެހިފައި ވަނީ މާލޭގައި ނަމަ އެ މިނިސްޓްރީއަށް ހާޒިރުކޮށްގެން އަދި ރަށެއްގައި ނަމަ އޮންލައިންކޮށެވެ. އިންޓަވިއު މަރުހަލާއަށްފަހު އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އެ ޒުވާނުންނަށް ދޭނެއެވެ.
އެއަށްފަހު ހުއްދަ ދޭ ޒުވާނުންނަށް ހާއްސަ ތަމްރީނެއް ވެސް ދޭނެއެވެ. އެ ތަމްރީނު ކުރިއަށްދާނީ އަތޮޅުގައި އުޅޭ ޒުވާނުންނަށް އަތޮޅުގައި މާލެ ސަރަހައްދުގައި އުޅޭ ޒުވާނުންނަށް މާލޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު