މާލެ ސިޓީ ކައުންސިލުން ހިންގަމުންދިޔަ ބޮޑެތި މަޝްރޫއުތައް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ އެ މިނިސްޓްރީން ސުޕަވައިޒް ކުރާ ގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ ހުވާ އާޒިމް ކުރެއްވުމުގެ ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ 100 މިލިއަން ރުފިޔާއަށްވުރެ މަތީގެ ޕްރޮޖެކްޓްތައް އިންފްރާސްޓަކްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފައެެވެ. އޭގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ތެރޭގައި ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތައް ހެދުމުގެ މަޝްރޫއު ހިމެނެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެ މަޝްރޫއުތައް އިންފްރާސްޓަކްޗާ މިނިސްޓްރީއަށް ބަދަލުކުރުމުގެ ކަންކަން ހިނގައި ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން ފާސްކޮށް ނިންމީ އެ މަޝްރޫއުތައް ސުޕަވައިޒް ކުރަން އިންފްރާސްޓަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ކަމަށާއި އެ މަޝްރޫއުތަކަކީ އަދިވެސް ސިޓީ ކައުންސިލުގެ މަޝްރޫއުތަކެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅު ނިންމުމެއް ނޫން އެ ދުވަހު ނެގީކީ. އެހެން ނަމަވެސް އަޅުގަނޑު އިހުތިރާމް ކުރަން. ދެން އޮތީ މަޝްރޫތައް ހިންގުމުގައި ދެން ވާނެ ގޮތެއް. ކޮންމެ ގޮތެއްވިޔަސް މަޝްރޫއުތަކުގެ އޯނަރަކީ ސިޓީ ކައުންސިލު އަދިވެސް. ސިޓީ ކައުންސިލުގެ ހުރިހާ ކަމަކާ ޒިންމާވާ ފަރާތަކީ މިވަގުތު އެތަން ހިންގަން ހުރީ އަޅުގަނޑު، މޭޔަރު" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަޝްރޫއުތައް އަވަހަށް ނިންމައި އޭގެ ފައިދާއާ ފަސޭހަ ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަމަށެވެ. އެ މަޝްރޫއުތައް ހަ މަސް ދުވަހުގެ ތެރޭގައި އިންފްރާސްޓަކްޗާ މިނިސްޓްރީއަށް ފަށައި ނުގަނެވޭ ނަމަ އެ މަޝްރޫއުތައް އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސުޕަވައިޒް ކުރަން ހަވާލުކުރެވެނީ. އަދި ކޮންޓްރެކްޓް ނުފެނޭ އަޅުގަނޑަކަށް. ހަވާލުކުރަން ބުނެފައި އޮންނާނީ މިހާރު. ބަލަން ބޭނުންވާކަން ބުނެފައި އޮންނާނީ. އެއީ އެ މަޝްރޫއު ގަޑިއަށް ނިންމުމަކީ އަޅުގަނޑުގެ ޒިންމާއެއް،" އާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންނާ ގުޅޭ ކަންކަމުގައި މުހިންމީ ކަންކުރަނީ ކާކުތޯ ބެލުމެއް ނޫން ކަމަށާއި އެކަމެއް ވުން ކަމަށެވެ. އަދި ރައްޔިތުންނާ ގުޅޭ ކަންކަމުގައި އޭނާގެ ހުރިހާ އެއްބާރުލުމެއް ސަރުކާރަށް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.