''ހޭއި!، ކޮންކަމަށް ގެއްލިފަތަ؟...'' މަނާލްގެ އަޑަށް ނާލާ ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ބަލައިލިއިރު އޭނަ އިން ބެންޗާ ދިމާއަށް ހިނގާފައި އަންނަ މަނާލް ފެނިއްޖެއެވެ. ގަދަކަމުން ނާލާ ހިނިތުންވެލިއެވެ.

''އަހަރެން ހާދަ ވަރަކަށް ގޮވައިފީމޭ...'' މަނާލް އައިސް ނާލާގެ ގާތުގައި އިށީނެވެ. އިރުއޮއްސެމުން ދިޔަ ވަގުތުކަމުން މަޑު ރަތްކުލައަކުން ޖަައްވު އޮތީ ހުޅުދާންވެފައެވެ. ޖެހިލާ ރޯޅިތަކުގައި ވެސް އެކުލެވިގެން ވަނީ ހިތްގައިމުކަމެވެ.

''މިހާ ޑިޕްރެސިވް ތަނެއްގައި މިކަހަލަ ހިތްފަސޭހަ ތަނެއް ހުރީމަ ހާދަ ހިތްހަމަޖެހެޔޭ... ނޫންތަ؟...'' މަނާލް ލުއި ހިނިތުންވުމަކާއެކުގައި ބުންޏެވެ. ދެ އެކުވެރިން ތިބީ ހޮސްޕިޓަލުގައި ހުރި ޕާކުގައެވެ. އެއީ ބޮޑު ޕާކެކެވެ. ތަފާތު ވައްތަރުގެ މާގަސްތަކާއި، ދުރުދުރަށް ފެތުރިފައި އޮތް ފެހިކަން ގަދަ ވިނަގަނޑުން ދިރުން ގެނެސްދީފައި އޮތެވެ. ޖެހިލާ ރޯޅިތަކުގައި އެކުލެވިގެންވަނީ މާމެލާމެލީގެ މީރުވަހެވެ.

''ހޭއި... ކިހިނެއް ވީތަ؟... ހާދަ މަޑުމަޑުން ތިހުންނަނީ؟...'' ނާލާގެ މޫނަށް ބަލައިލަމުން މަނާލް ވާހަކަދެއްކިއެވެ. އެމޫނުމަތިން ފެންނަނީ ކުރީގެ ހިތްދަތިކަމެވެ. މާޔޫސްކަން އެކުލެވިގެންވި ދެލޮލުގައިވި ރިހުމުން އެ ހިތުގައި ވަންހަނާ ކުރަމުން އަންނަ ވޭން ބަޔާންކޮށްދެއެވެ.

''ނަތިންގް...'' ފުންނޭވާއެއް ދޫކޮށްލަމުން ނާލާ ބުންޏެވެ. ވާހަކަ އޮއްބާލަން އުޅުނަސް މަނާލްގެ ސުވާލުތަކުން ނާލާއަށް ސަލާމަތެއް ނުވެވުނެވެ.

''އެއްކަލަ ނާލާ... އަހަރެން ކިތައް ފަހަރުތަ ބުނާނީ ހިތުގައި ހުރިހާކަމެއް ވަންހަނާ ކުރާނަމަ ލިބޭ ވޭން އިތުރުވުން ނޫންކަމެއް ނުވާނެޔޭ... ޔޫ ހޭވް ޓު ސްޓޮޕް ބޮޓަލިންގް އެވްރީ ޕެއިން... މީހުންނާއި ހިއްސާކުރުމުން ހިތަށް ލިބޭ ވޭން ވެސް ކުޑަ ވާނީ... ދެން ބުނެބަލަ... އަހަރެން ނާލާގެ ސިއްރު ހިފަހައްޓައިދޭނަމޭ...'' ނާލާގެ އަތުގައި ހިފާލަމުން އެއަތަށް މަޑުމަޑުން ފިތާލަމާއެކު މަނާލް ބުންޏެވެ. ނާލާއަށް ލުއި ހިނިތުންވުމެއް ދެމުން ބޯޖަހާލީ އޭނައާ ހިއްސާކުރުމުގެ އިޝާރާތެއްގެ ގޮތުންނެވެ.

މަދުދުވަސްކޮޅެއްގެ ތެރޭގައި މަނާލް ވެފައިވަނީ ނާލަގެ ގާތް ރަހުމަތްތެރިއަކަށެވެ. ދިރިއުޅުމުގެ މައިދާނުގައި އޭނާ އެންމެ އެކަނިވެރިވި ވަގުތު އެހީތެރިކަން އެންމެ ބޮޑަށް ލިބުނީ ވެސް މަނާލްގެ ފަރާތުންނެވެ. މަންމައާއި ބައްޕަގެ ފަރާތުން އަޅާލުމާއި ލޯބި ލިބުނަސް ހިތުގެ އުދާސްތައް ހިއްސާކުރަން ނާލާ ޖެހިލުން ވެއެވެ. ލުޔޫންއާއި ވެސް ހުރިހާ ވާހަކައެއް ހިއްސާކުރަން އުނދަގުލެވެ. ފަރުދާއެއް ނެތި ހިތުގެ އުދާސްތައް ފަސޭހައިން ބަނޑުންކޮށްލެވެނީ ވެސް މަނާލް އަށެވެ. މަނާލްގެ އެކުވެރިކަމާއި އޯގާތެރިކަމަށް ދެކޮޅުހަދަން އުދަގޫވާތީއެވެ. ވޭނާއި ކެކުޅުމުގެ ތެރޭން ވެސް އެތުންފަތުގައިވާ ހިނިތުންވުމާއި ދެލޮލުގައިވާ ވިދުމުން އޭނަގެ ހިތަށް އުއްމީދު ގެެނެސްދެއެވެ. މި ހިތްދަތި ދުވަސްތަކަށް ވެސް ނިމުމެއް ވާނެކަމުގެ އުއްމީދެވެ.

''ނާލާ...'' މަނާލް ގޮވާލިއެވެ.

''މިއަދު މީ އަހަންނާއި ރުހައިމްގެ އެނިވާސަރީ...'' އިސްޖާހާލަމުން ނާލާ ބުންޏެވެ. އެ ދެލޮލަށް އޭރު ކަރުނަ ޖަމާވެއްޖެއެވެ. ''ކޮންމެ މީހަކު ވެސް ބުނޭ ރުހައިމް މަތިން ހަނދާން ނައްތާލާށޭ... އަހަރެން ވެސް އެކަން އެހެން ވާން ބޭނުންވޭ... ކުރީ ދުވަހު މަސައްކަތް ވެސް ކުރިން... އެކަމަކު... އެކަމަކު އެއީ އަހަރެން ހީކުރި ވަރަށް ވުރެން އުނދަގޫ ކަމެއް... އެ ލޯތްބަށް އަދިވެސް އަހަރެން ހިތް އިންތިޒާރުކުރޭ... މޮޔަކަމެއް ކަން އެނގޭއިރުގައި ވެސް އެ ލޯބި ލިބުމަށް އަހަރެންގެ މޮޔަ ހިތް ބޭނުންވޭ.......... މި ހިތަަށް ހާދަ ތަދެއްވެޔޭ... މަނާލް... ކީއްވެތަ އަހަންނަށް ރުހައިމް މަތިން ހަނދާން ނައްތާނުލެވިގެން އުޅެނީ؟... ރުހައިމްގެ ފަރާތުން އަހަންނަށް އެހާ ބޮޑު ހިތްދަތިކަމެއް ލިބުނު އިރުގައި ވެސް މި ހިތް ބަދަލު ނުވަނީ ކީއްވެގެންތަ؟... އަހަރެން މުޅިން ވަރުބަލި ވެއްޖެ... އައު ފެށުމަކުން ފަށަން ބޭނުން ވިޔަސް އެކަން އެހާ ފަސޭހައެއް ނޫން، ރުހައިމްއާއެކު އަހަރެން ހޭދަކުރި ދުވަސްތައް އަނބުރައެއް ނުލިބޭނެ... ލުޔޫން ވެސް ބުނޭ ރުހައިމްއަށް ވުރެން ރަނގަޅު މީހެއް އަހަރެންގެ ނަސީބުގައި ވާނެޔޭ... އެކަމަކު...''

ވާހަކަ މެދުކަނޑާލަމުން މަނާލްގެ މޫނަށް ނާލާ ބަލައިލިއެވެ. އެދެލޮލުގައި އޭރު ބަބުޅަމުން ދިޔައީ ތާޒާ ކަރުނަތަކެވެ.

''މަނާލް...'' ތުންފަތުގައި ދަތްއަޅާލަމުން ނާލާ ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ.

''އަހަރެން މީ މޮޔައެއްތަ؟... މިހިތް ޒަހަމްވެފައިވާ އިރު ވެސް ރުހައިމް ނޫން ލޯތްބެއް ބޭނުން ނުވަނީ ކީއްވެތަ؟... އަހަރެން މި ހިތަށް ވިސްނައިދޭނީ ކިހިނެއްތަ؟... ރުހައިމް އަހަންނާ މެދު ކަންތައް ކުރި ގޮތް އެނގޭއިރު ވެސް ކީއްވެގެންތަ މި ހިތް ބަދަލުނުވަނީ... އަހަރެން މޮޔަ ވެދާނެ...'' ނާލާއަށް އޭނަގެ މޫނުގައި ދެ އަތް އަޅާލެވުނެވެ. ހިތުގައި ޖެހި އޭނައަށް ރޮވެނީއެވެ. އައު ފެށުމަކުން ދިރިއުޅުން ފަށަން ކުރި ހުރިހާ އުއްމީދެއް ދިޔައީ ފެނަށެވެ. ލޯމަރާލާ އިރު އަދިވެސް ސޫރަ ވަނީ ރުހެއިމްއެވެ. އެހޫނު ނޭވާތަކާއި ފިރުމުންތައް އިހުސާސްކުރެވޭކަހަލައެވެ. ނިމުމެއް ނެތް ސަޒާ އެކެވެ. ހިތަށް އިތުރަށް ތަދުވަނީ ރުހައިމް ދެކެ ލޯބި ވެވުނީ އޭނައަށް އެކަނި ކަމުގައި ވީތީއެވެ. ރުހައިމް އެނާ ދެކެ ލޯބި ވިނަމަ އެފަދަ ހިތްދަތިކަމެއް އޭނާއަށް ނުދޭނެއެވެ. ކަންއެހެން އޮތްއިރުގައި ވެސް އޭނާގެ ބަސްނާހާ ހިތް އެދެނީ އެންމެ ފަހަރަކު ވިޔަސް ރުހައިމްގެ ފިރުމުމަކަށެވެ. އެ އަތުގެ ހިމާޔަތަށެވެ.

''ނޫން!... ތީ މޮޔައެއް ނޫން... ތިހުރިހާ އިހުސާސަކީ ނާލާ ރުހައިމް ދެކެވި ތެދުވެރި ލޯބީގެ އަސަރު... ސްކޫލް ދައުރުން ފެށިގެން ނާލާއަށް ލޯބިވާން ދަސްވީ ހަމައެކަނި ރުހައިމް ދެކެ... އެ ހަނދާންތަކާއި ދުރުވާން އުނދަގޫވާނެ... މިފަދަ ވަގުތުތަކުގައި މާތްﷲގެ މަދަދުވެރިކަމަށް އެދެންވީ... އޭރުން ނާލާގެ ހިތަށް ވެސް ފިނިކަމެއް ލިބޭނެ، ގިނަގިނައިން މާތްﷲއަށް ދުއާ ދަންނަވާ... އިތުރުމަގެއް ދެއްކެވުމަށް އެދި އެކަލާނގެއަށް ދަންނަވާ... އެންމެ ފަހަރަކު ވެސް އެކަނި ހުރިކަމަށް ނާލާ ނުވިސްނާތި... އެކަލާނގެ އަބަދު ވެސް ވޮޑިގެންވާނީ ކެތްތެރިންނާއެކުގައި... އެކަން ހިނދުކޮޅަކަށް ވިޔަސް ހަނދާން ނައްތާނުލާތި...'' ނާލާގެ ބުރަކަށީގައި ފިރުމާލަމުން މަނާލް ބުންޏެވެ.

މަނާލްގެ ވާހަކަތަކުން ނާލާގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ތަރިތަކުގެ ފަނޑު ބެބުޅުން ފާޅުވަމުން ދިޔަ އުޑަށް ނާލާ ނަޒަރު ހިންގާލިއެވެ. އޭރު ވެސް ކަރުނައިގެ އަސަރު އެ ކޯތާފަތުފައި ވެއެވެ.

''ނާލާ... އަހަރެން ސުވާލެއް ކޮށްލަންތަ؟...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު މަނާލް ވާހަކަދެއްކިއެވެ.

''އެއްފަހަރު ވެސް ކަންތައް ވެދިޔަ ގޮތް ރުހައިމް ކިޔައި ނުދޭތަ؟...'' ޖެހިލުންވުމާއެކުގައި މަނާލް ސުވާލުކޮށްލިއެވެ. އަދިވެސް ހުރިހާކަމެއްގެ ތަފުސީލު ނާލާ ހާމައެއް ނުކުރެއެވެ. ގިނަ ކަންތައްތައް އެހިތުގެ އަޑީގައި ވަނީ ސިއްރުކޮށްފައެވެ. އެހުރިހާކަމެއް ހާމަކޮށްގެން މެނުވީ ނާލާގެ ހިތަށް ލުޔެއް ނުލިބޭނެކަން މަނާލްއަށް އެނގެއެވެ.

''ރުހައިމް އަހަންނަށް އެއްވެސް ކަމެއް ކިޔައެއް ނުދޭ... ލަންޑަނަށް ގޮސްފައި އައި ފަހުން ރުހައިމްއަށް ބަދަލުތަކެއް އަންނަން ފެށިކަން އަހަންނަށް ފާހަގަ ކުރެވުނު، އަހަރެން ހީކުރީ ވާޒީގެ ގޮތުން އައި ބަދަލުތަކެއް ކަމަށް، ބައެއްފަހަރު ހީވޭ ރުހައިމް އަހަރެން ގާތު ވާހަކައެއް ބުނަން ބޭނުންވާހެން ވެސް... އެހެންވެ ރުހައިމްއަށް ވަގުތު ދީގެން އަހަރެން ހުރީ... އެހެން ހުއްޓައި އަހަންނަށް އަންނަން ފެށީ ފޯންކޯލްތަކެއް، އެއަށްފަހު މެސެޖްތަކެއް... އެ އަންނަ ފޯންކޯލްގެ ހަގީގަތް ހޯދަން އަހަރެން ދިޔައީ... އެ ދުވަހު އަހަންނާއި ބައްދަލުވީ ޔަޝްފީގެ އެކުވެރިޔަކާ... އޭނަ އަހަންނަށް ހުރިހާ ކަމެއް ކިޔައިދިނީ...'' އިތުރަށް އެ ވާހަކަތައް ކުރިއަށް ގެންދާނެ ހިތްވަރެއް ނާލާއަކަށް ނުލިބުނެވެ. އެ ހިތްދަތި ދުވަހުގެ ކޮންމެ ހިނދުކޮޅެއް ވެސް ސިކުނޑީގައި ބިންވަޅު ނެގިފައި ވެއެވެ.

''އިފް އިޓްސް ޓޫ މަޗް، ޔޫ ޑޯންޓް ހޭވް ޓު ޓެލް މީ އެވްރީތިންގް...'' ނާލާގެ ގައިގައި ބައްދާލަމުން މަނާލް ބުންޏެވެ. ނާލާ ދެއްކި ވާހަކަތަކާ މެދު އޭނަ ވިސްނާލިއެވެ.

''ރުހައިމްއާ ބައްދަލުވާން ފުރުސަތު ލިބިޖެއްޔާ ނާލާ ބައްދަލުކުރާނަންތަ؟...'' މަނާލް އަހާލިއެވެ. ނާލާ ޖަވާބެއް ނުދިނެވެ. އޭނާ އިނީ ހިމޭންކަން މަތީގައެވެ.

''ސަމް ޓައިމް ވަންސް ޔޫ ގެޓް އެ ކްލޯޝާރ، އިޓްސް އީޒީ ޓު މޫވް އޮން...'' މަނާލް ނަސޭހަތް ދިނެވެ. ދެން ވެސް ނާލާގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. ނާލާއާ ދުރަށް ޖެހިލަމުން މަނާލް ވެސް ތަރިތަކުގެ ބެބުޅުން ފެންނަމުން ދިޔަ އުޑަށް ނަޒަރު ހިންގާލިއެވެ. ލުއިލުއި ރޯޅިތަކުން މަނާލްގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ.

''ޔޫ ނޯ ވަޓް؟... މިކަހަލަ ކުޑަކުޑަ ކަންތަކުން ލިބޭ ހިތްހަމަޖެހުން މާ ބޮޑު ވާނެ، ދެޓްސް ވައި އައި ލަވް ނޭޗާރ، އިޓްސް އޯލްވޭސް ދެއާރ ފޯރ ޔޫ... މީހުން ގޮތަށް ދެމޫނެއް ނުދައްކާނެ... ހެހެހެ...'' މަނާލް މައުޟޫއު ބަދަލުކޮށްލިއެވެ. އެ ޖުމުލައިން ނާލާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

''އެނގޭތަ؟... އަހަރެން ކައިވެނި ބާއްވަން ވެސް ބޭނުންވަނީ ރިމޯޓް ބީޗެއްގަ... އަލޫކް ހުންނަނީ އަހަރެން ބޭނުން ގޮތެއް ވަރިހަމަވެގެން... އެހެންވުމުން ކައިވެނީގެ ހުރިހާ ކަމެއް ވެސް ރޭވުމުގެ ފުރުސަތު އޮތީ އަހަންނަށް... މައި ޑްރީމް ވެޑިންގް...'' މަނާލް ހުވަފެނީ ގޮތަކަށް ބުންޏެވެ. ނާލާއަށް މަނާލްގެ މޫނަށް ފުން ނަޒަރެއް ދެވުނެވެ. ކެންސަރުގެ ބިރުވެރިކަން އެ ދެލޮލުން ފާޅުވިޔަސް އެކަމާ ކުރިމަތިލާން މަނާލް ބޭނުންވަނީ ކެރިގެންނެވެ. އެ ހިތުގައިވާ ލޯތްބަށްޓަކައެވެ.

''ކުޑާ!، ރެޑީ ޓު ގޯ؟...'' އިވިގެން ދިޔައީ ލުޔޫންގެ އަޑެވެ. ފަސްއެނބުރި ނާލާ ބަލައިލިއެވެ. ދާން ވެގެން މަނާލް ވެސް ތެދުވެލީ އެ ވަގުތުއެވެ.

''ހޭއި މަނާލް...'' ނާލާ ގާތަށް ހުއްޓިލަމުން ލުޔޫން ހިނިތުންވުމެއް ދިނެވެ. ''އަހަރުމެންނާ އެކީ މިރޭ ކެއުމުގައި ބައިވެރިވާންވީ އެއްނު... މަންމަ އެބައުޅޭ ސްޕެގެޓީ ކަންކަން ވެގެން...''

މަނާލް ލުއި ހިނިތުންވުމަކާއެކު ދައުވަތު ގަބޫލުކޮށްލިއެވެ. އަދި ނާލާއާއި ލުޔޫންގެ ފަހަތުން ހިނގައިގަތެވެ.

*****

''ރުހައިމް...'' އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ރުހައިމް ސިހުނީ ޔަޝްފީގެ އަޑަށެވެ. ވަގުތުން އެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ނުރުހުމާއެކު ބުމަ ވެސް ގޮށްޖަހާލެވުނެވެ.

''ކިހިނެއް މިތަނަށް ވަނީ؟...'' ރުހައިމްގެ އަޑުގައި ވަނީ ރުންކުރުކަމެވެ. ޔަޝްފީގެ އުނދަގޫ ބޮޑުވެެގެން ދޮރުގެ ތަޅު ބަދަލުކުރި މީ ތިންވަނަ ފަހަރެވެ.

''މިގޭ ބޮޑު މީހާ ކައިރީ ބުނެގެން ތަޅުދަނޑި ހޯދީ... އަހަރެން ލަދުގަތް ވަރެއް ރުހައިމްއަށް ނޭނގޭތަ؟... އަހަރެން މީ ރުހައިމްގެ އަނބިމީހާއެއް ނޫންތަ؟... ރުހައިމް ހުންނަ ތަނަކަށް ކީއްވެ އަހަންނަށް ނުވަދެވެންވީ؟... ރުހައިމް އަހަންނާ މެދު ކަންތައް ތިކުރަނީ ހިލޭ އަންހެނެއް ފަދައިން!...'' ބޮޑުކޮޓަރީގެ ސޯފާއިން ތެދުވަމުން ޔަޝްފީ ބުންޏެވެ. ބޮޑުވެފައިވި ބަނޑުގައި އޭނަ މަޑުމަޑުން ފިރުމާލިއެވެ.

''ތީ ހިލޭ އަންހެނެކޭ... ޔަޝްފީ ބޭނުންވީ ދުނިޔޭގެ ލަދުން ސަލާމަތްވާން ވިޔަސް ހުއްދަ ނޫން ކައިވެންޏެއް ކުރާކަށެއް ނޫންތަ!، އެކަން އަހަރެން ކޮށްދީފީމެއްނު، ދަރިފުޅު ވިހެއުމަށް ފަހު އެ ކައިވެންޏަށް ވެސް ނިމުން އަންނާނެ!...'' ފަޔާއި ވަކިކޮށްލި އޮފީސް ބޫޓު ހަރުގަނޑުގައި ބަހައްޓަމުން ރުހައިމް ބުންޏެވެ. އެއަށް ފަހު އޭނަ ގޮސް ވަނީ ބަދިގެއަށެވެ. އައިސްއަލަމާރިން ފެންފުޅިއެއް ނެގި ވަގުތު ބާރުބާރަށް ހިނގާފައި އައިސް ޔަޝްފީ ބަދިގެއަށް ވަދެއްޖެއެވެ. ރުޅިން ގޮސް މީހާ އޭރު ހުރީ ރަތްވެފައެވެ. އޭނާ އުންމީދު ކުރި ގޮތަށް އެއްވެސް ކަމެއް ނުދާތީއެވެ.

ރުހައިމްއާއެކު އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް ދެކެވުނު ހުވަފެންތައް ބިލާހަކަށް ވެއްޖެއެވެ. އޭނާގެ ހިތުގެ ހަމަޖެހުން ގެއްލި މުޅި މީހާ ހުންނަނީ އަބަދު ރުޅިގަދަވެފައެވެ. ރުހައިމް ހޯދަން އޭނަ އެތުރި ދަންމަޅީގައި ރުހައިމް ހައްޔަރުކުރެވުނު ކަމުގައި ވިޔަސް، ރުހައިމްގެ ފަރާތުން އޭނާ ބޭނުންވާ ފަދަ ލޯތްބެއް ނުލިބުނެވެ. އެންމެ ކުޑަމިނުން އޯގާތެރިކަމުގެ ބަހެއް ވެސް ނުލިބުނެވެ. އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟ ރުހައިމް ދެކެ ލޯބިވުން ހެއްޔެވެ؟

''ރުހައިމް ބޭނުން ގޮތެއް އަހަންނަށް ހަދަން ފުރުސަތު ދީގެން ހުންނާނެ ކަމަށް ހީނުކުރަނީތަ؟، އަހަރެން މިހުރީ ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި އާފެށުމަކުން ފަށަން ތައްޔާރަށް!، އެކަމަކު ރުހައިމްގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ... ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅުގެ ނަސްލެއް އޮޅުވައެއް ނުލެވޭނެ...'' ޔަޝްފީ ހަޅޭއްލަވައިގަތެވެ. އޭނަ ހުރީ ހިތުގައި ޖެހިފައެވެ. ރުހައިމްއާއި އެހާ ގާތުގައި ހުރެވުނުކަމުގައި ވިޔަސް ބީހިލުމުގެ ފުރުސަތެއް ވެސް އޭނައަކަށް ނެތެވެ. އެހިތަށް ކެތްނުވާ ހިސާބަށް ކަންތައް ގޮސްފިއެވެ.

''ޔަޝްފީ!...'' އަތުގައި އޮތް ފެންފުޅި ކާމެޒުމަތީގައި ރުހައިމްއަށް ބަހައްޓާލެވުނީ ނިކަން ބާރަށެވެ. ބިއްލޫރި ފުޅި ތަޅައިގެން ނުދިޔައީ ކިރިޔާއެވެ.

''އަދިވެސް ބާރަށް ހަޅޭއްލަވާބަލަ...'' ޔަޝްފީ ދެލޯ ހަނިކޮށްލިއެވެ. ''ޝުކުރުކޮށްބަލަ ރުހައިމް ގޮވައިގެން އަހަރެން ފުލުހަށް ނުދާތީ...''

''އަހަރެންގެ ފަރާތުން ޔަޝްފީ އެއްވެސް ކަމަކަށް އުއްމީދުނުކުރަން އަހަރެން ނުބުނަންތަ؟... މި ދެމެދުގައި އޮތް ގުޅުން ދެމިގެން ދާނީ ދަރިފުޅު ވިހަންދެން، އެއަށްފަހު ޔަޝްފީއާއެކު އިތުރު ގުޅުމެއް ވެސް ނުބާއްވާނަން، ދަރިފުޅު ވެސް އަހަރެން އަތުލާނަން...'' ރުހައިމް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ރުޅި އިސްކުރަން ބޭނުން ނުވިޔަސް ރުހައިމްއަށް އަމިއްލަ ނަފުސު ކޮންޓްރޯލުކުރަން އުނދަގޫ ވެއެވެ. ޔަޝްފީ އިން ހާލުން އަޅާލުން ދޭން ބޭނުން ވިޔަސް އެކަން ވެސް ފަސޭހަކަމަކަށް ނުވެއެވެ. ޔަޝްފީގެ އަމަލުތައް ހުންނަނީ ގޯސް ނިޔަތެއްގެ މަތީގައެވެ.

''ދަރިފުޅު އަތުލައިގެން ގޮސް ނާލާއަށް ދޭންތަ؟، އޭނާއަށް ދަރިން ނުލިބޭތީ ދޯ؟... އޭރުން ރުހައިމް ހީކުރަނީ އޭނަ ރުހައިމްއަށް މައާފުކޮށްފާނެ ކަމަށްތަ!...'' ރުހައިމްގެ އަތުގައި ޔަޝްފީ ހިފާލިއެވެ. އެއާއެކު ރުޅިވެރިކަމާއެކު އެއަތް ރުހައިމް ފޮޅުވާލިއެވެ.

''އާހް...'' ޔަޝްފީއަށް ވޭނާއެކު ބުނެލެވުނެވެ. ''ރުހައިމް ހީކުރަނީ އޭނާ ރުހައިމްއަށް މައާފުކޮށް ގުޅިދާނެކަމަށްތަ!... ތީ މޮޔައެއްދޯ؟... އެ ރަންޑިގަނޑާ ހެދި ހަމަ ރަނގަޅަށް ވެސް މޮޔަވެފައި ތިހިރީ!...''

''އަހަރެން ބޭނުމެއް ނޫން އިތުރަށް ޔަޝްފީއާ ވާހަކަދައްކަން... އެހެރީ ވަން ދޮރު!، ހަމަ މިހާރު މިތަނުން ނުކުމޭ، އަދި ބުނަން ދެވަނަ ފަހަރަކު ނާލާއަށް ބަދުބަހެއް ނުބުނާތީ!...'' ރުހައިމް ހަޅޭއްލަވައިގަތެވެ. ކަރުގެ ނާރުތައް ވެސް ލޭގެ ހޫނުކަމުން ފުފިފައި ހުއްޓެވެ. މަޑު ތުރުތުރުލުމެއް ވެސް ދަތްދޮޅީގައި ވިއެވެ.

''އެއްޗެހި ކިޔަސް ރުހައިމް ކީއްކުރާނީ؟، ރުހައިމްއާއި ނާލާއާ ދެމެދު އޮތީ ކޮން ގުޅުމެއްތަ؟... އަހަރެން...'' ދެލޯ އަޅާލަމުން ޔަޝްފީއަށް ބުނެވުނެވެ. ރުހައިމްގެ ދެލޮލުން ފެނުނު ރުޅިވެރިކަމުން ޔަޝްފީގެ މެޔަށް ފިނިވެގެން ދިޔައެވެ. އިތުރަށް ޒުވާބުކުރަން ހަދައިގެން އޭނަ ބޭޒާރު ވެދާނެތީ އަވަސްއަވަހަށް ނިކުންނަން ހިނގައިގަތެވެ. އައިސްފައި ހުރި ގަދަ ރުޅީގައި ދުލާ ހަމައަށް އަންނަން އުޅުނު ބަސްތައް ދިރުވާލެވުނީ ވެސް ކިރިޔާއެވެ.

އެޕާޓްމެންޓުން ނިކުމެވުމާއެކު ޔަޝްފީއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ހަޤީޤަތް ބޭޒާރުނުވީ ކިރިޔާއެވެ. އޭނަގެ އަމަލުތަކުން މިހާރު ރުހައިމްގެ ހިތުގައި ސުވާލު އުފެދޭނެކަން ގައިމެވެ. އެކަމާ ވިސްނާލުމާއެކު ޔަޝްފީގެ މެޔަށް ފިނިވެއްޖެއެވެ.

''ޝިޓް!.... އެނާލާގެ ސަބަބުން ވާހާ ކަންތަކޭ، ދުރުގައި ހުއްޓަސް އެމުސީބާތުން ދުރު ވެވޭކަށް ނެތް... ރުހައިމް މިހާރު އެވިސްނަނީ ވިހެއުމަށް ފަހު އަހަންނާއި ވަކިވާން، ދަރިފުޅު ވެސް އަތުލާނަމޭ ބުނެފިއެއްނު... ކީއްވެތަ މިހެން މިވަނީ!... އަހަރެން ކުރި ހުރިހާކަމެއް ޚަރާބުވެގެން ދާތަން ބަލަން ނުހުރެވޭނެ، ރުހައިމް އަކީ ހަމައެކަނި އަހަރެންގެ މީހެއް...'' ޔަޝްފީއަށް ރޮވެން ފަށައިފިއެވެ. ރުހައިމްގެ ރުޅިވެރިކަން ފެނި އެހިތަށް އަސަރުކޮށްފިއެވެ. މޭގައި އުފެދުނު ރިހުމާއެކު ވޭނީ އާހެއް ވެސް ދުލުން ބޭރުވެއްޖެއެވެ.

*****

ނަދީމާއާއި ބިލާލްގެ ދެމެދުގައި ނާލާގެ ބަލިހާލަތުގެ ސަބަބުން އޮތީ މައްސަލަ ޖެހިފައެވެ. ނާލާއަށް ހަގީގަތް ހާމަކުރަން އަދިވެސް ނަދީމާ ދެކޮޅެވެ. އެންމެފަހުން ހެދި ޓެސްޓުގެ ނަތީޖާ ވެސް ގޯހެވެ. ކަންތައް އިތުރަށް ސިއްރުކުރަން ބިލާލް ބޭނުމެއް ނޫނެވެ. ހުރިހާ ކަމެއްގެ ހަގީގަތް ނާލާއަށް އެނގުމުގެ ހައްގު ލިބިފައިވެއެވެ. ބިލާލްގެ ވިސްނުމާ މެދު ނަދީމާ އަންނަނީ ރުޅިއެވެ.

''ކީއްވެގެންތަ އަހަރެންގެ ވާހަކަ ބިލާލް އަޑު ނާހަނީ؟... މީ އެ ވާހަކަތައް ނާލާއާ ދެއްކުން ރަނގަޅު ވަގުތެއް ނޫނޭ... ކެންސަރު ރަނގަޅު ނުވެޔޭ ބުނެފިއްޔާ އިތުރަށް ފަރުވާ ހޯދަން ވެސް ނާލާ ދެކޮޅު ހަދާފާނެ... އޭރުން ކަންތައް ވާނީ ކިހިނެއްތަ؟... ބިލާލް އެކަމާ މެދު ވިސްނާލައިފިންތަ!...'' އެނދުގައި އިށީން ނަދީމާއަށް މޫނުގައި އަތް އަޅާލެވުނެވެ. އޭނައަށް ރޮވެނީއެވެ.

''ނަދީމާ...'' ނަދީމާގެ މަގަތުގައި ބިލާލް އިށީނެވެ. އަދި ނަދީމާގެ ކޮނޑުގައި ހިފަހައްޓާލުމާއެކު ނަދީމާ ޖެހުނީ ދުރަށެވެ. ނުރުހުމާއެކު ބިލާލްއަށް ބަލައިލިއެވެ.

''ނާލާއަށް ދެރަގޮތެއް ވާން އަހަރެން ވެސް ބޭނުމެއް ނޫނޭ... އަހަރެން މީ ނާލާގެ ބައްޕައޭ...'' ނަދީމާ ގޮތް ދޫނުކުރާނެކަން އެނގުމުން ބިލާލްއަށް ބުނެވުނެވެ.

''ތިބުނީ އަހަރެން މީ ނާލާއަށް ހެޔޮއެދޭ މީހެއް ނޫނޭތަ؟...'' ނަދީމާއަށް ގިސްލެވިއްޖެއެވެ. ބިލާލްއާއި ދެބަސްވުން މިހާރު އާންމުކަމަކަށް ވެއްޖެއެވެ. އެކަމާ ހުރެ ނަދީމާގެ ބޮލުގައި ނުފިލާ ރިހުމެއް އުފެދެން ފަށައިފިއެވެ.

''އަހަރެން ތިހެން ނުބުނަމެއްނު، ނަދީ ޕްލީޒް!... އެއްފަހަރު ވިޔަސް އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ... ވަގުތު ފާއިތު ނުވަނީސް ނާލާއަށް ހުރިހާ ކަމެއް އެނގުން މުހިންމޭ...'' ވިސްނައިދޭ ފަދައަކުން ބިލާލް ބުނެލިއެވެ.

''އަހަރެން މިބުނީނު ނާލާއަށް އެއްވެސް ކަމެއް އެންގުން މުހިންމެއް ނޫނޭ!...'' ނަދީމީއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑުވެސް އިވިގެން ދިޔައެވެ.

''ނާލާ...'' ނަދީމާގެ މެޔަށް ފިނިވެގެން ދިޔައެވެ. މިރޭ ނާލާ ކީމޯއަށް ނުދާކަން ވެސް އޭނަގެ ހަނދާނުގައި ނެތެވެ. ހިތުގައި އުފެދުނު ބިރުވެރިކަމާއެކު ނަދީމާއަށް ބަލައިލެވުނީ ބިލާލް އަށެވެ. ބިލާލް ހުރީ ނަދީމާ ދެކެ ހިތްހަމަނުޖެހިފައެވެ. އިތުރަށް ފޮރުވުމުގެ ވިސްނުމެއް ނެތް ކަމުގެ ކުލަވަރު ބިލާލްގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ތެޅިތެޅި އޮތް ހިތަކާއެކު ބިލާލްގެ އަތުގައި ނަދީމާއަށް ހިފާލެވުނެވެ. އެއާއެކު ބިލާލު ދެފަރާތަށް ބޯހޫރާލިއެވެ. އަދި ނަދީމާގެ އަތް ނައްޓުވާލިއެވެ.

ކުރިއަށް ހިނގަމުން ދިޔަ ބިލާލްގެ ފަހަތުން ނަދީމާއަށް ދެވުނެވެ. އިތުރަށް ބިލާލް ނުހުއްޓުވޭނެކަން ވިސްނުމާއެކު އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކޮޓަރީގައި ހުރި ސޯފާގައި ނަދީމާއަށް އިށީނދެވުނެވެ. އިސްޖެހިފައިވާ ހާލުގައެވެ. ލޮލުގައިވި ކަރުނަތައް އަވަސްއަވަހަށް ފޮހެލިއެވެ. ހަޤީޤަތާ ކުރިމަތިލާން ޖެހޭ ވަގުތު އައިސް ބޯމަތިވީއެވެ.

''ބައްޕާ...'' ބިލާލް ދޮރުހުޅުވާލުމާއެކު ނާލާ ބުންޏެވެ. އޭރު ނާލާގެ ފަހަތުގައި ލުޔޫން ވެސް ހުއްޓެވެ. އެތެރެއަށް ވަނުމުގެ ހުއްދައަކަށް ނާލާ އެދުނެވެ.

ތަންކޮޅެއް ބޮޑަށް ދޮރުހުޅުވާލަމުން ބިލާލް އެތެރެއަށް ހިނގައިގަތެވެ. ހަޤީޤަތް ނާލާއަށް ހާމަކުރަން ބިލާލް ހުރީ ގަސްދުކޮށްގެންނެވެ. އޭގެ ކުރިން އިސްޖެހިފައި އިން ނަދީމާއަށް އޭނަ ބަލައިލިއެވެ. ދެރަވިޔަސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ބިލާލްގެ ޒަމީރު އޭނައަށް ވިސްނައިދިނެވެ. ސިއްރުކުރަން ހަދައިގެން ބޮޑު ހައިޖާންގަނޑެއް އުފެދިދާނެ ކަމުގައި ބިރު އެހިތުގައި އޮތީތީއެވެ. އޭރުން ނާލާގެ އިތުބާރު ވެސް ގެއްލިގެން ހިނގައިދާނެއެވެ.

''މަންމާ...'' ސޯފާގައި އިން ނަދީމާގެ ގާތުގައި ނާލާ ގޮސް އިށީނެވެ. އޭރު ކޮޓަރީގެ ދޮރު ކައިރީގައި ލުޔޫން ހުއްޓެވެ. އެމޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމެވެ.

''މަންމާ... އަހަންނަށް ބަލާލަބަ...'' އިސްޖެހިފައި އިން ނަދީމާގެ ދަތްދޮޅީގައި ޝަހާދަތް އިނގިލި އަޅުވާލަމުން ނާލާ ބުނެލިއެވެ. ލަސްލަހުން އިސްއުފުލާލައި ނާލާގެ މޫނަށް ނަދީމާ ނަޒަރު ހުއްޓާލިއެވެ. ލޮލުގައިވާ ކަރުނަތައް ވަންހަނާ ކުރާ ހާލުގައެވެ.

''މަންމާ... އަހަންނާ ހެދި މަންމައާއި ބައްޕަ ދެބަސްވާކަށް ބޭނުމެއް ނޫން... އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީބަލަ... އަހަރެން އަޑު އަހާނަމޭ... އަހަރެން ކެތްތެރިވާނަމޭ... ކެތްނުކުރެވޭ ފަދަ އިމްތިހާނެއް ކުރިމައްޗެއް ނުވާނެ...'' އެއަތުގެ ހިމަހޯލި އިނގިލިތަކުން ނަދީމާގެ އަތުގައި ނާލާ ފިރުމާލިއެވެ. އެހިތް އޭރު ބާރުބާރަށް ތެޅެމުން ދިޔައެވެ. ނަމަވެސް އެއިހުސާސްތައް އޭނަ ފޮރުވާލީ ހުޝިޔާރުކަމާއެކުގައެވެ.

''މަންމައަށް މައާފުކުރޭ...'' ނަދީމާއަށް ބުނެވުނެވެ. އޭނާ ރިޕޯޓުތަކުގެ އިތުރުން ޑޯނަރެއް ވެސް ބޭނުންވާ ވާހަކަ ހާމަކުރިއެވެ. ''މަންމަ ބޭނުންވީ އެންމެންގެ ބޯންމެރޯ ކްރޮސްމެޗް ޓެސްޓަށްފަހު ދަރިފުޅަށް ހުރިހާ ވާހަކައެއް ކިޔައިދޭން، އެކަމަކު އެއީ މަންމައަށް ހެދުނު ގޯހެއް، ޔޫ ހެޑް ދަ ރައިޓް ޓު ނޯ އެވްރީތިންގް... އައިމް ސޮރީ...''

ނާލާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ކަންފަތަށް އިވުނު ވާހަކަތަކުން ބޮލުގެ ނާރުތަކަށް ވާންވަމުން ދިޔައެވެ. މޭވެސް ތިފެމުން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ކަރުނަތައް ދިރުވާލެވުނީ މަންމަ ދެރަވެފައިވާ މަންޒަރު ފެނުމުންނެވެ. މަންމައަށްޓަކައި ކެތްތެރިވާން ބޭނުން ވިއެވެ.

''މަންމަ އަހަންނަށް ސިއްރުކުރީ އަހަންނާ މެދު ކަންބޮޑުވާތީ ކަން އެނގޭ... މަންމަ މަޢާފަށް އެދޭ ވަރުގެ ކަމެއް ނުކުރޭ... ޔޫ ވާރ ޖަސްޓް ސެކްއާރ އެބައުޓް މީ...'' ނަދީމާގެ ކޯތާފަތް ފޮހެލަދެމުން ނާލާ ގަދަކަމުން ހިނިތުންވެލިއެވެ. ''މަންމާ ދެރަނުވޭ... އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ... އަހަރެން ހުރިހާ ކަމަކަށް ވެސް ކެތްތެރިވާނަން، މަންމަ ބުނީމެއްނު ކެތްތެރިންނާއެކުގައި ﷲ ވޮޑިގެންވާކަމަށް...''

ނާލާގެ ހިމަ ހަށިގަނޑުގައި ނަދީމާއަށް ބައްދާލެވުނެވެ. ދަރިފުޅު ކަށިން ނެރެމުން ދިޔަ ހިތްވަރު ފެނި ނަދީމާއަށް އިތުރަށް ރޮވުނީއެވެ. ހިތާހިތާ އެ ވަގުތު އޭނާއަށް ދުއާކުރެވުނެވެ. އެ ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުމަށެވެ. ޒަހަމުވެފައިވި އެ ހިތަށް ރާހަތެއް ލިބުމަށެވެ.

ކޮޓަރިން ނިކުމެގެން ދިޔަ ނާލާއަށް ބަލަން އިނދެފައި ނަދީމާ ސޯފާއިން ތެދުވިއެވެ. އަދި ދުރުގައި ހުރި ބިލާލްގެ ގާތަށް ގޮސް ބައްދާލިއެވެ. އެދެމެދުގައި ހިނގި އަރައިރުންވުމަށް މައާފަށް އެދުނެވެ.

''އަހަރެން ހީކުރީ ނާލާ އެ ވާހަކަތައް އަޑުއަހަން ބަލިކަށިވާނެކަމަށް... އެކަމަކު މިހާރު ނާލާއަށް ރަނގަޅު ބަދަލުތަކެއް އައިސްފިކަން އަހަރެން ގަބޫލުކޮށްފިން... މަނާލްއާ ބައްދަލުވިފަހުން ނާލާ މުޅިން ބަދަލުވެއްޖެ!...'' ބިލާލްގެ މޭގައި މޫނު ފޮރުވާލަމުން ނަދީމާ ބުންޏެވެ.

''ބިލާލް...'' ނަދީމާ ގޮވާލިއެވެ. ކުރިއަށްވުރެ ބާރަށް ނަދީމާގެ ހަށިގަނޑުގައި ބިލާލް ބައްދާލިއެވެ. ''ނާލާ ރަނގަޅުވާން އަހަރެން ބޭނުން، އެ ދަފިރުޅު އުފަލުގައި ވާތަން ދެކެން ވެސް ބޭނުން...'' ނަދީމާގެ އަޑު ކުރެހުނެވެ.

''ނަދީ... އަހަރުމެންނަށް އޮތީ ދުއާކުރުން... މާތްﷲގެ ރަހުމަތްޕުޅުން ނާލާއަށް އަވަސް ޝިފާއެއް ލިބޭނެ...'' ބިލާލް ހިތްވަރު ދިނެވެ.

*****

''ކުޑާ...'' ނާލާގެ ފަހަތުން އައިސް ކޮޓަރިއަށް ވަން ލުޔޫންއަށް ނާލާގެ ހިމޭންކަން ފެނި ބިރުގަންނަން ފެށިއެވެ.

''އައިމް ފައިން...'' ލުޔޫންއަށް ބަލައިލަމުން ނާލާ ޔަޤީންކަން ދިނެވެ. ''ނަމާދުކޮށްލަން ބޭނުމީ...''

ނާލާ އެކަނިކޮށްލާފައި ދާން ލުޔޫން ހުރީ ފަސްޖެހިފައެވެ. އެ މަންޒަރު ފެނި ލުޔޫންއަށް ނާލާ ހިނިތުންވެލިއެވެ. މަނާލް ނަސޭހަތްތެރިވި ފަދައިން އެހީތެރިކަމަށް އެދި ދިއްކޮށްލާ ކޮންމެ އަތެއްގައި ހިފަން ނާލާ ހުރީ ތައްޔާރަށެވެ. އެކަނިވެރިކަމަށް ނިމުން އަންނާނީ ވެސް އޭރުންތާއެވެ.

''ޕްރޭއި ވިތް މީ...'' ލުޔޫންއަށް އަތްދިއްކޮށްލަމުން ނާލާ ބުނެލިއެވެ. ލުޔޫން ހިނިތުންވެލިއެވެ.

ނަމާދުކޮށް މާތްﷲގެ ހަޟްރަތުން މަދަދުވެރިކަމަށް އެދެވުމުން ނާލާގެ ދިލަ ހިތަށް ލުޔެއް ލިބުނެވެ. ނަފުސު ބަނދެވެމުން ދިޔަ އަނދިރިކަމުން އަލިކަމަކަށް ދިއުމުގެ މަދަދުގާރަކަށް ވެސް ވިއެވެ. އޭނަގެ ހިތުގެ ވޭނަށް ލުޔެއް ދެއްވުމަށާއި ދުޅަހެޔޮ ސިއްހަތެއް މިންވަރުކޮށްދެއްވުމަށް އެދި ނާލާ ދުއާ ދެންނެވިއެވެ. އަދި ދިރިއުޅުމުގައި އާދެވިފައިވި ހަތަރުއަނގޮޅިން ރަނގަޅު ރާސްތާއެއް ހިޔާރުކުރުމުގައި މަދަދުވެރިވުމަށް ވެސް ދެންނެވިއެވެ. އެ ހިތުގެ ކެކުޅުންތަކަށް ނިމުމެއް އަންނާނެ މަގު އަމާންކޮށްދެއްވުމަށް ވެސް މެއެވެ.

(ނުނިމޭ)