ގާޒާގެ ހަނގުރާމައަށް ތިންމަހަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ހަނގުރާމަ އަދިވެސް އެހެރަގެންދަނީ ކުރިއަށެވެ. ހަނގުރާމަ ހުއްޓުނުއިރަކުން ދެން ކަންކަންކުރާނެ ގޮތުގެ ވާހަކަ މިހާރު ކޮންމެވެސް ވަރަކަށް އެބަދެކެވެއެވެ. ގާޒާ އާރާސްތުކުރުމުގެ ވާހަކަޔާއި އެކަމަށް ޚަރަދުކުރާނެ ގައުމުތަކުގެ ވާހަކައެވެ. އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން ގާޒާގައި ހިންގަމުންދާ އުދުވާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް ތޭވީސް ހާހަށްވުރެ ގިނަ މީހުން ޝަހީދު ވެއްޖެއެވެ. މުޅި ގާޒާ ގާތްގަނޑަކަށް ސުންނާފަތި ވެއްޖެއެވެ. ގާޒާގައި ދިރިއުޅޭކަމަށް ބެލެވޭ ފަލަސްތީނުގެ 2.3 މިލިޔަން މީހުންގެ ތެރެއިން ގިނަބަޔަކު ގެދޮރުގެ ހިޔާވަހިކަމުން މަހުރޫމުވެ ނިކަމެތިވެއްޖެއެވެ. އިޒްރޭލުގެ އެންމެ ފަހުގެ އުދުވާން ފަށާފައިވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު ހަތެއްގައެވެ. ޔަހޫދީ ސިފައިންގެ ރޮކެޓްތަކާއި ބަޑިތައް ގާޒާއަށް އަމާޒު ކުރެވިފައިވާއިރު ހުޅަނގުއައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ އަދި އެހެން ޒާތެއްގެ އުދުވާނެކެވެ.

ހުޅަނގުއައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ތެރެއިން ގާތްގަޑަކަށް ދޮޅު ލައްކަ މީހުން ވަޒީފާ އަދާކުރުމަށް ކޮންމެ ދުވަހަކު އިޒްރޭލުގެ އެކި ތަންތަނަށް ދާންޖެހެއެވެ. އެކަމަކު އޮކްޓޫބަރު ހަތަކުން ފެށިގެން އެކަން ވަނީ ނިމުމަކަށް ގެނެސްފައެވެ. ވަޒީފާތަކަށް ނުކުތުން މަނަލެވެ. ތިބެން މަޖްބޫރު ކުރެވިފައިވަނީ ރަށު ބަންދުގައެވެ. ވަޒީފާތަކުން ފަލަސްތީނުގެ ރައްޔިތުން އެކަހެރިކޮށް ރަށުބަންދުގައި ބޭތިއްބުމުގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދީ ނުހަނު ބޮޑު ތަދުކަމެއް ހުޅަނގުއައްސޭރީގައި ވަނީ ފެތުރިފައެވެ. ގާޒާއަކީ އަލުން އާރާސްތުކުރަން ޖެހޭ ތަނަކަށްވާއިރު އަދި ހުޅަނގުއައްސޭރީގެ ރައްޔިތުންނަށް އިގްތިސާދީގޮތުން ލިބުނު ގެއްލުންތަކަކީ ގާނޫނީގޮތުން ބަދަލު ލިބެންޖެހޭ އެއްޗަކަށްވާއިރު މިކަންކަން ކުރާނެ ގޮތަކާމެދު އިޒްރޭލުން ޒާތެއްގެ ވިސްނުމެއް ގެންގުޅެއެވެ. އިޒްރޭލުން ދެކޭގޮތުގައި އަދި ބުނާގޮތުގައި ގާޒާ އާރާސްތު ކުރުމަށް ޚަރަދުކުރަންވާނީ ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުންނެވެ.

ހުޅަނގުއައްސޭރީގެ ރައްޔިތުންނަށް އިޒްރޭލުގެ އަމަލުތަކުން ލިބުނު މާލީ ގެއްލުންތަކުގެ ބަދަލުވެސް ދޭންޖެހޭނީ އަރަބި ގައުމުތަކުން ކަމަށް ބުނެއެވެ. އިޒްރޭލުގެ ނަޒަރުގައި އެއީ ތަނަވަސްކަން ލިބިގެންވާ އެންމެހައި އަރަބީންގެ ޒިންމާއެކެވެ. ސައުދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، ކުވޭތު އަދި ބަހުރޭނާއި އޮމާނުންނެވެ. އެކަމަކު މިއީ އަރަބި ގައުމުތަކުން މިިފަހަރު ބޮލުގައި އަޅަން އެއްބަސްވާ ބުރައެއް ނޫނެވެ. ވަރަށް ސާފުކޮށް އެބަބުނެއެވެ. ހޯހޯއެވެ. އަހަރެމެންނާ ނުބައްސާށެވެ. އަރަބީންގެ ގުޅިފައިވާ ސިޔާސަތަކީ މިއެވެ. އިޒްރޭލް ބޭނުންވީމާ ބޭނުންއިރަކު ފަލަސްތީނު މީހުންގެ ގެދޮރު ސުންނާފަތިކުރީމާ އަލުން އެތަންތަން އާރާސްތުކުރަން ޚަރަދުކުރަން ޖެހެނީ އެހެން ބަޔަކު ބާވައެވެ. ނޫނެކެވެ. އެކަންކުރަން ޖެހޭނީ ސުންނާފަތިކުރި ބައެކެވެ. އެކަމަށް ވާގިވެރިވި ބައެކެވެ. ސުންނާފަތިކުރީ އިޒްރޭލުންނެވެ. ވާގިވެރިވީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުންނެވެ. އަމިއްލަޔަށް ހޭވި ހަޑި ރަނގަޅުކުރަން ޖެހޭނީވެސް އަމިއްލައަށެވެ.

ކުރިން މިދެންނެވި އަރަބި ގައުމުތަކުގެ ތެރެއިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ވާހަކަދެކެވޭ ހިސާބުގައި އޮތީ އެންމެ ގައުމެކެވެ. އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. އިޒްރޭލާއި އެމިރޭޓްސްއާ ދެމެދު ފްލައިޓުވެސް އުދުހެއެވެ. އެމިރޭޓްސްގެ ފަތުރުވެރިން އިޒްރޭލަށްދެއެވެ. އަދި އިޒްރޭލުގެ ފަތުރުވެރިންވެސް އެމިރޭޓްސްއަށް ދެއެވެ. އިޒްރޭލުގެ ހަކަތައިގެ ސިނާއަތުގައި އެމިރޭޓްސްއިން ވަނީ އެތަކެއް ބިލިޔަން ޑޮލަރު އިންވެސްޓުވެސް ކޮށްފައެވެ. މިއީ އެމެރިކާގެ ބާރުއެޅުންތަކާއެކު ޖެހިބާރުވެފައިވާ ސިޔާސީ ގޮށެކެވެ. ކޮންމެއަކަސް މިޒާތުގެ ގޮށަކުން ބަނދެވިފައި ތިބީމާ ދެ ގައުމުގެ ވެރިން ދޭތެރެޔަކުން ގުޅުއްވައި މަޝްވަރާ ކުރައްވައެވެ. އިޒްރޭލު ސިފައިން ފަލަސްތީނުގެ ރައްޔިތުން މަރައި ހުސްކުރަމުން ދިޔުމާވެސް އެކުގައެވެ. މިގޮތަށް ދާދިފަހުން ގުޅުއްވި ގުޅުމެއްގައި އިޒްރޭލުގެ ނަތަންޔާހޫ ވަނީ ހަމަ ފާޅުގައި ވަރަށް އެހެން ކަހަލަ ކަމަކަށް އެދިވަޑައިގެންފައެވެ. ލަދުގެ ކަންފުޅެއްވެސް ނެތިއެވެ.

އެމިރޭޓްސް އާއި އިޒްރޭލުގެ ރަސްމީ ބައެއް ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނާގޮތުގައި ނަތަންޔާހޫ އެދިވަޑައިގެންނެވީ ސީދާ ފައިސާއަށެވެ. އެމެރިކާގެ ނޫހެއްކަމަށްވާ އެކްސިއޯސްއިން ރިޕޯޓްކޮށްފައިވަނީ މިހެންނެވެ. އެމިރޭޓްސްގެ ރައީސް ޝައިޚު މުހައްމަދު ބިން ޒައިދު އާލްނަހުޔާނަށް ގުޅުއްވައިފައި ނަތަންޔާހޫ ވިދާޅުވިއެވެ. އިއްޒަތްތެރި ޝައިޚެވެ. ހުޅަނގުއައްސޭރީގެ މަސައްކަތްތެރިންގެ ވަޒީފާއަށް ހުރަސްއެޅުނީމާ އެމީހުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދެވިދާނެތޯއެވެ. އެމިރޭޓްސްއަކީ ތަނަވަސްކަންހުރި ގައުމަކަށްވާތީ އިޒްރޭލުގެ އިލްތިމާސަކީ އެ ފައިސާ ފަލަސްތީނު މީހުންނަށް މަނިކުފާނުގެ ސަރުކާރުން ދެއްވުމެވެ. އިޒްރޭލުގެ އުންމީދަކީ އެމިރޭޓްސްއިން މިވަރު ކޮށްދެއްވުމެވެ. ލައްކަ ފައިސާ އެބަހުރި ނޫންތޯއެވެ. އެހެންވީމާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އެމީހުންގެ އަރަބި އަޚުންގެ ގޮތުގައި މިވަރުގެ ކަމެއް ކޮށްދެއްވުމަކީ މާބޮޑު ބުރަޔަކަށްވެސް ނުވާނެ ނޫންތޯއެވެ.

ގާޒާ ހަލާކުނުކުރާށޭ، ފަލަސްތީނުގެ ރައްޔިތުން ނުމަރާށޭ މުޅިދުނިޔެއިން ގޮވަމުން ދަނިކޮށް އެއަޑު ނާހައި ފަލަސްތީނު ސުންނާފަތި ކުރުމަށްފަހު އަނހާ އަނހާއޭ، އަރަބި އަޚުންތާއޭ، އެ އަޚުންނަށް އެހީވުމުގެ ވަގުތު އައީއޭ ނަތަންޔާހޫ ވިދާޅުވުމަކީ ޝައިޚު މުހައްމަދަށްވެސް ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމެކެވެ. ޖަވާބުގައި ޝައިޚު މުހައްމަދު ވިދާޅުވީ ކީކޭ ކަމަށްތޯއެވެ. އޭނާ ވިދާޅުވި ކަމަށް އެނގިފައިވެއެވެ. އިޒްރޭލުން ހިންގި އަމަލުތަކުގެ ބަދަލުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީގެ އަތުން އަތުލާންވީ ނޫންތޯއެވެ. އިޒްރޭލުގެ އެންމެ ގާތް މިތުރަކީ މިހާރު ޒެލެންސްކީ ނޫންތޯއެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ހާދަހާ ބައިވަރެއް ޔުކްރޭނަށް ދީފިއެވެ. އެހެންވީމާ އިޒްރޭލަށްޓަކައި މިވަރުގެ ޚައިރާތެއް ކުރެވޭހާ ތަނަވަސްކަން ރައީސް ޒެލެންސްކީގެ ކިބައިގައި ހުންނާނެއެވެ. ފުދިއިތުރުވެސް ވާނެއެވެ. އަވަސް ކުރައްވާށެވެ.