މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ޝެލްޓާ ހަދަން އެނިމަލް ވެލްފެއާ މިނިސްޓްރީއާއެކު ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.

ވަގުތީ ޝެލްޓާ ހެދުމުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އެނިމަލް ވެލްފެއާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.

ބުޅާތަކަށް ހާއްސަ ޝެލްޓާތަކެއް ހަދަން އެޗްޑީސީން ވަނީ ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފަ އެވެ. ވެލްފެއާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކެޓް ޝެލްޓާއާއެކު މާލެއަށް ގިނަވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މާލޭގެ މޭޔަރު އާޒިމް ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ބުޅަލުގެ މައްސަލައަކީ މިހާރުން މިހާރަށްވެސް ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެއީ ގައުމީ މައްސަލައެއް ކަމަށެވެ.

ކެޓް ޝެލްޓާ ހަދައި އެ ތަން ބަލަހައްޓާނީ ސިޓީ ކައުންސިލުންނެވެ.