ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޭފުޅުން ވެރިކަމުގެ ފަހު ދުވަހުވެސް ރަށްތަކާއި ފަޅުތައް އެ ބޭފުޅުން ބޭނުން ބަޔަކަށް ބަހާލި ކަމަށް ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެސިޑެންޓް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ކުރީ ސަރުކާރުން ކަންކަން ކޮށްފައި ހުރީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތުގައި ނޫން ކަމަށެވެ.

ކުރީ ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލައި އަމިއްލަ މަސްލަހަތު އިސްކުރިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެންމެ ފަހު ގަޑީގައިވެސް މަސައްކަތްކުރެއްވީ އުސޫލުން ބޭރުން ކަންކަން ކުރެއްވުމަށް ކަމަށެވެ.

"އެބަހުއްޓޭ 16 ވަނަ ދުވަހުގެ ދަންވަރު މިނިސްޓްރީތައް ހުޅުވައިގެން ވަދެ ފަޅުތަކާއި ރަށްތަކާއި ވިއްކާފައި. މިއީތޯ ޒިންމާދާރުކޮށް ކަންކުރުމަކީ. އޭގެ ކުރިން ކީއްވެތޯ ނުކުރެއްވީ. މި ދެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 12 ޖެހި ފަހުން އެބަހުއްޓޭ ދައުލަތުގެ ވުޒާރާތައް ހުޅުވައިގެން ވަދެ އެ ބޭފުޅުން ބޭނުންފުޅުވާ ބޭފުޅުންނަށް ރަށްތައް ބަހާފައި، ފަޅުތައް ބަހާފައި، އަދި އެ ނޫން ކަންތައްތައްވެސް އެކިއެކި މިނިސްޓްރީތަކުން ހިންގާފައި،" އަބްދުއްރަހީން ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ސަރުކާރަކީ ހާމަކަން ބޮޑު ސަރުކާރަކަށްވާނެ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރުގައި އޭރު ވެރިކަންކުރަމުންދިޔަ އެމްޑީޕީން ބުނަމުންދިޔައީ، ރަށްތަކާއި ފަޅުތައް ވިއްކަމުންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރަމުންދިޔައެވެ.