ވިދާލި އަލިގަދަ ވިދުވަރާއެކު އިވިގެން ދިޔައީ ބާރު ގުގުރީގެ އަޑުފަށްގަނޑެވެ. ވެހެމުން ދިޔަ ވާރޭ ވެސް އޭރު ބޯކޮށްލައިފިއެވެ. ރޯޅިތަކުގެ ބޫންއަޑު ވެސް ގަދަވަމުން ދިޔަ އެވެ. ފިނިފިނި މެންދަމެއް ވިޔަސް ރުހައިމްގެ ދެލޮލާއި ނިދި ވަނީ ރުޅިވެފައެވެ. ލިބުނު ޚަބަރަކުން މުޅި މީހާގެ ހަމަޖެހުން ގެއްލިއްޖެއެވެ. ސިކުނޑީގައި އުފެދިފައިވަނީ ބޮޑު ހައިޖާންގަނޑެކެވެ.

ބެލްކަނީގެ ރެއިލިންގައި ބާރަށް ހިފަހައްޓައިގެން ހުރި ރުހައިމްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. އެދެލޮލުގައިވި ތޫނި ރިހުމުން ހިތުގައި އަޅަމުން ދިޔަ ވޭނާއި ކެކުޅުން ބަޔާންކޮށްދެއެވެ. ވާރެއާ ތެމި ފޯވަމުން ދިޔަ ކަމުގައި ވިޔަސް އެކަމަށް އޭނަގެ ސަމާލުކަމެއް ނެތެވެ. އެއަށްވުރެން ބޮޑަށް ސިކުނޑީގެ ހާސްކަން ބޮޑެވެ. ސިކުނޑީގެ ނާރުތަކަށް ބާރުވެ ބޮލަށް ވެސް ވަނީ ބަރުވެފައެވެ.

''ނާލާ...'' ރުހައިމްގެ ދުލުން ނިކުތެވެ. އަޑުގައި ވަނީ އާހެކެވެ. ވިވިއަންގެ ފަރާތުން ނާލާގެ ހާލަތު އެނގުނީއްސުރެން ރުހެއިމްގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ނާލާ އުޅޭނެ ހާލު ތަސައްވަރު ކުރެވޭ ކޮންމެ ފަހަރަކު މެޔަށް ތޫނު ތަދެއް އިހުސާސް ކުރެވެއެވެ. އޭނަގެ ފަރާތުން ލިބުނު ހިތްދަތިކަމުން އަރައިނުގަނެވެނީސް ނާލާއަށް އެވަނީ ކެންސަރުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނު އަދަދެއް ވެސް ނޭނގެއެވެ.

ނާލާގެ ގާތުގައި ވުމަށް ރުހައިމް ބޭނުންވެއެވެ. އެއަތުގައި ހިފަހައްޓައިގެން ކޮންމެ ފަދަ ހާލެއްގައި ވިޔަސް ހިތްވަރުދޭން ގާތުގައި ހުންނަން ވެސް ބޭނުމެވެ. ޒަހަމް ވެފައިވި އެހިތަށް ޝިފާ ދޭން ވެސް މެއެވެ. ފާއިތުވި ހުރިހާ ދުވަހެއްގެ އެކަނިވެރިކަމާއި ހިތްދަތިކަމުގެ އަސަރު ފޮހެވިގެންދާނެހާ ލޯބި ވެސް ދޭން ބޭނުމެވެ. ނަމަވެސް ނާލާގެ ގާތަށް އޭނަ ދާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ! އެދެމެދުގައި އޮތް ލޯބި ކަފުން ކުރެވިއްޖެއެވެ. ބީރައްޓެހިންނަށް ވެއްޖެއެވެ. ނާލާގެ ހިތުގައި އޭނައަށް ޖެއްސިފައިވަނީ މަޢާފު ލިބުންވެސް ހައްޤުނުވާނެ މިންވަރަކަށެވެ. ނާލާ އޭނަ ދެކެވި ލޯތްބާއި ކުރި އިތުބާރު ނަގާލީ މީހަކީ ވެސް އޭނައެވެ. އެދެމެދުގައި ކަންތައް ވެގެން ދިޔަ ގޮތުން ނާލާއާއި ބައްދަލުކުރަން ވެސް އޭނަ މިހާރު ޖެހިލުން ވެއެވެ. ކަށިން ހިތްވަރު ނެރުނަސް ނާލާއާއި ބައްދަލުކުރުމުގެ ފުރުސަތެއް, ނާލާގެ ޢާއިލާއިން އޭނައަށް މިހާރު އަމުދުން ނުދޭނެއެވެ.

ރުހައިމްއަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނީ ސިކުނޑީގެ ނާރުތަކަށް ވާންވުމުންނެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނީ މޭގެ ރިހުމަށް ކުޑަނަމަވެސް ލުޔެއް ލިބެން ބޭނުންވާތީއެވެ. އޭރު އެދެލޮލުގައި ކަރުނަ ޖަމާވަމުން ދިޔަ އެވެ.

ނާލާ އެކަނިހާލައިގެން ދޫކޮށްލަން އޭނަގެ ނަސުފު ދެކޮޅު ހެދިއެވެ. އެދެމެދުގައި ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެހާލުގައި ނާލާ ވަނިކޮށް ދުރުގައި ހުންނަން ރުހައިމްގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ނާލާގެ ރުޅިވެރިކަމާ ކުރިމަތިލާން އޭނަ ހުރީ ތައްޔާރަށެވެ. އެންމެ ފަހު ފަހަރަކު ވިޔަސް ނާލާއާއި ބައްދަލުކުރަން ބޭނުން ވާތީއެވެ. އެހިތުގައި ޖެއްސުނީތީ މަޢާފަށް އެދޭށެވެ. ނާލާގެ މަޢާފް ނުލިބުނަސް، ފަހު ފަހަރަށް ބައްދަލުވުމުން ވެސް އެދިލަ ހިތަށް ހަމަޖެހުމެއް ލިބޭނެއެވެ.

''އަހަރެން ނާލާގެ ގާތަށް ދާނަން...'' ރުހައިމްގެ ހިތުގައި އޭނަ އަޒުމު ކަނޑައެޅިއެވެ. އެއީ އަޑިގުޑަންތައް ގިނަ ރާސްތާއަކަށް ވާނެއެވެ. ރުހައިމްގެ އަޒުމު ވަރުގަދައެވެ. ދެން ކަންތައް ކުރަން ވީ ގޮތް ވެސް އެހިތުގައި ރާވާލައިފިއެވެ. ކޮންމެ ފަދަ ނަތީޖާއެއް ނިކުތް ކަމުގައި ވިޔަސްމެއެވެ.

*****

މެންދުރެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ ޔަޝްފީގެ މޫނުމަތިން ފެންނަމުން ދަނީ ރުޅިވެރިކަމެވެ. އަތުގައި އޮތް ފޯނަށް އޭނައަށް ބާރުކޮށްލެވުނެވެ. އޭނަ ރުހައިމްއަށް މިހާރު ދިހަ ވަރަކަށް ފަހަރު ގުޅައިފިއެވެ. ނަމަވެސް ރުހައިމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. މެސެޖު ކުރުމުން ވެސް ރައްދެއް ނުދިނެވެ. އެންމެ ފަހުން ގުޅި އިރު ފޯނު އޮތީ ނިއްވާލާފައެވެ. އެކަމާ ހުރެ ޔަޝްފީގެ ރުޅިގަނޑު ފަޅައިގެން ދާ ހިސާބަށް ގޮސްފިއެވެ.

ވިވިއަންއާއި ހޮސްޕިޓަލުން ދިމާވީއްސުރެން ރުހައިމްއަށް ބަދަލު އައިސްފިކަން ޔަޝްފީއަށް ފާހަގަ ކުރެވިއްޖެއެވެ. އެއީ އަދިވެސް އެހިތުގައި ނާލާއަށްޓަކައި އޮތް ލޯބި ރަމްޒުކޮށް ދިން ކަމެވެ. އެއީ ޤަބޫލުކުރުން ދަތި ކަމެކެވެ. ރުހައިމް އަކީ ހަމައެކަނި އޭނަގެ ހައްޤެކެވެ. އެލޯބި ހޯދަން އޭނަ ހާދަ ދިގު އިންތިޒާރެއްކޮށްފިއެވެ. މިއަދު ރުހައިމްގެ އަންބެއްގެ މަޤާމު ލިބުނު ކަމުގައި ވިޔަސް އެދެމެދުގައި އެއްވެސް ހާއްސަ ގުޅުމެއް ނެތެވެ. ދެމަފިރިންނަށް ވިޔަސް އުޅެނީ ވަކިން އެޕާޓްމެންޓެއްގައެވެ. އެއްއިމާރާތެއްގައި އުޅުނަސް އެދެމެދުގައި އަތައް ހާސް މޭލެއްގެ ދުރުމިން ވާކަހަލައެވެ. އެއްވެސް ގާތްކަމެއް ނެތެވެ. ދެބީރައްޓެހިން ފަދައިންނެވެ. ލޯބިން ރުހައިމް އޭނަގެ ގައިގައި ފިރުމާލި ދުވަހެއް ނާދެއެވެ. ވާހަކަ ދައްކަނީ ވެސް ކޮންމެހެން ދައްކަން ޖެހިއްޖެ ހާލަތެއްގައެވެ. އެދެމެދުގައި އޮތް ގުޅުން ބަދަހިކުރަން ޔަޝްފީ ކިތަންމެ މަސައްކަތެއް ކުރިޔަސް ރުހައިމްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބެއެވެ. އެކަހެރިކޮށް ބައްދަލުކުރަން ވެސް ރުހައިމް ދެކޮޅެވެ. ދުނިޔޭގެ ލަދުން ސަލާމަތްވާން ކުރެވުނު ކައިވެންޏަކީ ސައްހަ ކައިވެންޏެއް ނޫންކަން ކޮންމެ ދުވަހަކު ޔަޝްފީއަށް ރުހައިމް ހަނދާން ކޮށްދެއެވެ. އެދެމެދުގައި އޮތް ހަމައެކަނި ގުޅުމަކީ ޔަޝްފީގެ ބަނޑުގައި އޮތް ދަރިފުޅެވެ. އިތުރު އެއްވެސް ގުޅުމެއް ޔަޝްފީއާއެކު ބަދަހިކުރުމުގެ ވިސްނުމެއް ރުހަިއމްގެ ނެތްކަން ރުހައިމްގެ ބަހާއި އަމަލުން ސާބިތުކޮށްދެއެވެ.

''އޭނަ ކެންސަރު ޖެހިގެން އުޅޭކަން އެނގުނީމަ އަހަރެން ހާދަ އުފާވިޔޭ، އެބަލާވެރިކަމުން ސަލާމަތް ވާނެކަން ޔަޤީންކުރެވުނީތީ... އެކަމަކު މިހާރު ރުހައިމްގެ ފަރާތުން އެފެންނަ ކަންތަކުން އަހަރެން ބިރުގަނޭ، ވަޓް އިފް ހީ ގޯސް ޓު ސީ ހާރ... ނޫން! ނޫން! އަހެނެއް ނުވާނެ... ނާލާ ރުހައިމްއަށް އެފުރުސަތެއް ނުދޭނެ، އެދެމެދުގައި އޮތް ގުޅުން އަހަރެން ނެތިކޮށްލީ ނިކަން ފުރިހަމައަށް... އެކަމަކު... އެކަމަކު... ވަޓް އިފް ޝީ ސްޓިލް ހޭވް ފީލިންގްސް ފޯރ ރުހައިމް... ފުރަތަމަ ލޯބި ހަނދާން ނައްތާލުމަކީ އުނދަގޫ ކަމެއް... އަމުދުން މިހާރު އޭނަ އެހުރި ހާލުގައި ހުއްޓާ ރުހައިމް ފެނިއްޖެއްޔާ ވެދާނެ ގޮތެއް ވެސް ބުނަން ނޭގޭ... ނޫން!، އެކަހަލަ ފުރުސަތެއް އަހަރެން ނުދޭނަން!...'' ޔަޝްފީގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދިގެން ދިޔައެވެ.

''އަހަރެން ހުއްޓާ ލާހިކެއް ނޫން ރުހައިމްއަށް ނާލާގެ ގާތަށް ދާކަށް...'' ޔަޝްފީގެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ. ދަތްކުނޑި ވެސް ވިކާލެވުނެވެ.

*****

ޑިއުޓީ ނިންމާލާފައި ޝައިހާއަށް ހޮސްޕިޓަލުން ނިކުމެވުނީ މަޣްރިބް ނަމާދުގެ ބަންގި ދިން ފަހުންނެވެ. އިރުއޮއްސި ރޭގަނޑުގެ އަނދިރިކަން ދުނިޔެ ހިސާރު ކުރަމުން ދިޔައެވެ. ފޯނު އަތްސަބަހަށް ލަމުން ޝައިހާ ހިނގައިގަތީ ޕާކިން ޒޯނުގައި ހުރި އޭނަގެ ސައިކަލާއި ދިމާއަށެވެ. ލުއި ފިޔަވަޅުތަކެއްގައި ދަނިކޮށް ހުއްޓެވުނީ މީހަކު އޭނައަށް ގޮވާލިހެން ހީވެގެންނެވެ. ހައިރާންކަން ވެސް އޭނައަށް ލިބުނެވެ.

ފަސްއެނބުރި ބަލާލެވުނީ ޔަޤީންކޮށްލުމުގެ ނިޔަތުގައެވެ. ފުރަތަމެ ވެސް ލޮލުގައި އަޅައިގަތީ ސައިކަލުން ފައިބައިގެން އޭނައާއި ދިމާއަށް މިސްރާބު ޖެހި ރުހެއިމްއެވެ. ވަގުތުން ޝައިހާއަށް މޫނު އަނބުރާލެވުނެވެ. އޭރު ޝައިހާގެ ދެބުމަވަނީ ގޮށްޖެހިފައެވެ. މޫނުމަތިން ނުރުހުމުގެ އަސަރު ވެސް ފެންނަމުން ދިޔައެވެ. ރުހައިމް ފެނި ހިތުގައި ސުވާލު އެފެދުނު ކަމުގައި ވިޔަސް ފިޔަވަޅުތައް ބާރުކޮށްލީ ރުހައިމްއާއި ވާހަކަދައްކަން އޭނަ ބޭނުންނުވާތީއެވެ.

''ޝައިހާ!...'' ރުހައިމް އަނެއްކާ ވެސް ގޮވާލިއެވެ. ޝައިހާ ފިޔަވަޅުތައް އަވަސްކޮށްލުމުން، ރުހައިމް ދުވެލާފައި އައިސް ޝައިހާގެ ކުރިމައްޗަށް އެރިއެވެ. ރުހައިމްގެ މޫނުމަތިން ޖެހިލުން ވުމުގެ ކުލަވަރުތައް ފެނެއެވެ. ޝައިހާއާއި ހަތަރުކަޅި ހަމަކުރަން ވެސް އޭނައަށް އުނދަގޫވެފައި ވިއެވެ.

''އަހަރެން ދާން އެބަޖެހޭ... ތަން ދައްކާ...'' މޭގައި ދެއަތް ހުރަސްކޮށްލަމުން ޝައިހާ ބުނެލިއެވެ. އަދި ފަރުވާތެރިކަމާއެކު ރުހައިމްގެ މޫނަށް ބަލާލިއެވެ. ނޭވާ ހިފަހައްޓާލަން ޖެހުނީ ރުހައިމްއަށް އައިސްފައި ހުރި ބަދަލުތަކުންނެވެ. އެމޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެލޮލުގައި ވަނީ ބަޔާންކުރަން ދަތި ރިހުމެކެވެ. ދިގުވެފައިވި ތުނބުޅީގައި އެއްވެސް ތަރުތީބުކަމެއް ނެތެވެ. ބޯވެސް ދިގުވެފައި ވާއިރު ކުރީގެ ސްމާޓްކަމެއް މިހާރު ރުހަިއމްގެ ފަރާތުން ނުފެނެއެވެ. ހީވަނީ ނިމުމެއް ނެތް ބޮޑު ހިތާމައެއްގައި މީހާގެ ނަފުސު ޤައިދުވެފައިވާ ހެންނެވެ.

''ކުޑަ ވަގުތުކޮޅެއް އަހަންނަށް ދެވިދާނެތަ؟... އެއަށް ފަހު އަހަރެން ހިނގައިދާނަން...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ރުހައިމްގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމުން ޝައިހާއަށް ހުއްޓުން އަރާފައި ހުރެވުނެވެ. އެކުލަވަރުތައް ދިރާސާކޮށްލުމުގެ ނިޔަތުގައެވެ. ނަމަވެސް ހިތާމައިން ފޯވެފައިވި ނަލާގެ މޫނު ސިފަކުރެވުމާއެކު ޝައިހާގެ ގާތަށް އައީ ރުޅިއެވެ.

''އަހަންނާއި ރުހައިމް ދައްކަން ޖެހޭނެ ވާހަކައެއް ނޯންނާނެ...'' ދެލޯއަޅާލަމުން ޝައިހާ ބުންޏެވެ.

''ޕްލީޒް... އަހަރެން މިދައްކާ ވާހަކައަށް ފަހު ދެން ޝައިހާގެ ކުރިމައްޗަކަށް ނާންނާން... ޕްލީޒް...'' އާދޭހުގެ ރާގެއްގައި ރުހައިމް ބުނެލިއެވެ. ނާލާގެ ހާލު އެންމެ ފަސޭހައިން އެނގެން އޮތް ހަމަ އެކަނި ގޮތަކީ ޝައިހާގެ ފަރާތުންނެވެ. ޝައިހާގެ ކުރިމައްޗަށް އޭނައަށް އަންނަން ފަސޭހައެއް ވެސް ނޫނެވެ. އެހިތުގައި އޭނައަށްޓަކައި ވާނެ ނަފްރަތާއި ރުޅިވެރިކަން ތަސައްވަރު ކުރެވޭތީއެވެ. އެހުރިހާ ކަމަކާއި ކުރިމަތިލާން ރުހައިމް ހުރީ ތައްޔާރަށެވެ. ރުޅިވެރި ބަސްތައް އަޑުއަހަން ޖެހުނަސް އޭނަ ހުރީ ކެތްތެރިވާށެވެ. ނާލާގެ ހާލު އެނގެން އޭނަ ބެނުންވާތީއެވެ. ދުނިޔޭގެ ކޮންމެ ގޮންޖެހުމަކާއި ވެސް ކުރިމަތިލާން ރުހައިމް ހުރީ ތައްޔާރަށެވެ. އޭނައަށް ކުއްލިޔަކަށް އެއައި ބަދަލުތައް ބަޔާން ކުރަން ވެސް ދައްޗެވެ.

މަގުން ހިނގަމުން ދިޔަ މީހުންގެ ނަޒަރު ހުއްޓެމުން ދިޔަކަން ޝައިހާއަށް ފާހަގަކުރެވުނެވެ. އެތަނުގައި އަރައިރުންވެ ރުހައިމްއާއި ޒުވާބު ކުރުން އެއީ ބުއްދިވެރި ގޮތެއް ނޫންކަން ޝައިހާއަށް ވިސްނުނެވެ. އޭނަ އެންމެ ހައިރާންވީ އޭނަގެ ޒަމީރު ރުހައިމް ދައްކަން ބޭނުންވާ ވާހަކައެއް އަޑުއަހަން ބޭނުންވާތީއެވެ.

''އެންމެ ރަގަޅު، ރުހައިމްގެ ފަރާތުން އަހަނަންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ މިއީ... ކޮން ވާހަކައެއް ދައްކަން ބޭނުމީ...'' ފުންނޭވާއެއް ދޫކޮށްލަމުން ޝައިހާ ބުނެލިއެވެ. ''މިތާ ތިބެ ވާހަކަ ދައްކަން ރަނގަޅެއް ނުވާނެ... އެހެރަ ރެސްޓޯރެންޓަށް ދަމާ...''

*****

ވެއިޓަރު ގެނައި ފިނި ފެންތަށިން ކޯވަރެއް ބޯލަމުން ރުހައިމްއަށް ޝައިހާ ބަލައިލިއެވެ. ކުރިއަށް ވުރެން ވެސް ފުން ނަޒަރަކުންނެވެ. އޭނަގެ އެތޫނު ބެލުމުން ރުހައިމްއަށް އުނދަގޫ ވެއްޖެކަން ޝައިހާއަށް ނަގައިގަނެވުނެވެ. ކުށްވެރިއަކު ފަދައިން އިސްޖަހާލައިގެން ރުހައިމް އިނެވެ.

''މުޅި ރޭ މިތާނގަ އިނދެވޭކަށް ނެތް...'' ހިމޭންކަމުގެ ސުކޫތެއް ފާއިތުވެ ދިޔަ ފަހުން ޝައިހާ ބުނެލިއެވެ.

ރުހައިމް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނަފުސު ތައްޔާރުކޮށްލަމުން އިސްއުފުލައި ޝައިހާއަށް ބަލައިލިއެވެ. ޝައިހާގެ ދެލޮލުން ފެންނަމުން ދިޔަ ހިތްހަމަނުޖެހުމުގެ އަސަރުން ރުހައިމް ހާސްވިއެވެ. އޭނަގެ ސުވާލުތަކަށް ޝައިހާ ޖަވާބު ނުދީފާނެތީ އެކަމުގެ ނުތަނަވަސްކަން ވެސް ހިތުގައި އޮތެވެ.

''ނާލާ...'' ރުހައިމްއަށް ބުނެވުނީ އެހިސާބަށެވެ. ރުންކުރުކަމާއެކު ޝައިހާ ވާހަކަދައްކަން ފަށައިފިއެވެ.

''ރުހައިމްގެ ބެނުމަކީ ކޮބާތަ؟... ނާލާގެ ހިތުގައި ޖެއްސިފައިވާ މިންވަރު އަދިވެސް ތިސިކުނޑިއަށް ތަސައްވަރެއް ނުކުރެވޭދޯ... އަހަރެންގެ މިދެލޮލުންނޭ ނާލާ އުޅުނު ހާލު ފެނުނީ... އެއީ ދެކެން ފަސޭހަ މަންޒަރެއް ނޫން... އެފަކީރުގެ ހަށިގަނޑުގައި ފުރާނަ ހުރިކަން އެކަނި... ނާލާ ކުރި އިތުބާރު ރުހައިމް ނަގާލީ ކީއްވެގެންތަ!... އެލޯބި ރުހައިމްއަށް މުހިންމު ނުވީ ކީއްވެގެންތަ!، އަމިއްލަ އެދުން އިސްކުރުމުގެ ކުރިން ނާލަގެ ހިތަށް ކުރާނެ އަސަރާ މެދު ރުހައިމް ވިސްނާނުލީ ކީއްވެތަ؟... އެފަދަ ދެރައެއް ދިނުމުގެ ކުރިން ސުލްހަވެރިކަމާއެކު ވަކިނުވީ ކީއްވެގެންތަ؟...'' ރުޅި އިސްކުރަން ބޭނުން ވިޔަސް ޝައިހާއަށް އޭނަގެ ހިތުގެ ޝަކުވާތައް ބަންޑުން ކޮށްލެވުނެވެ. ރުހައިމްއާއި ނާލާގެ ދެމެދުގައި ވީ ކޮންފަދަ ސާފު ލޯތްބެއް ހެއްޔެވެ؟ އެދަފަ ލޯތްބެއް އޭނައަށް ވެސް ލިބުމަށް އެދެވުނެވެ. ނަމަވެސް އެއީ ލޯތަކަށް ރުހައިމް ދައްކާލި ދަޅައެވެ. ހަޤީޤީ ލޯބިވީ ހަމައެކަނި ނާލާއެވެ. މިއަދު ނާލާ އުފުލަމުންދާ ހިތްދަތިކަމާއި ކެކުޅުންތަކީ އެކަމުގެ ހެއްކެކެވެ.

''ދިސް ވޯސް އެ މިސްޓޭކް... އަހަރެން ބޭނުމެއް ނޫން އިތުރަށް ރުހައިމްއާއި ވާހަކަދައްކާކަށް...'' ޝައިހާ ގޮނޑިން ތެދުވަން އުޅުނެވެ. ނާލާގެ ލޮލުން ރުހައިމްއަށްޓަކައި އޮހޮރުނު ކަރުނައާއި، ވޭތުކުރި އެކަނިވެރިކަމުން ފުރިގެންވި ވޭނީ ދުވަސްތައް ތަސައްވަރުކުރެވުމާއެކު އިތުރަށް ޝައިހާއަށް ކެތެއް ނުކުރެވުނެވެ.

''ޝައިހާ... ޕްލީޒް...'' ރުހެއިމްއަށް ތެޅިގަނެވުނެވެ. އޭނައަށް ޝައިހާގެ އަތުގައި ހިފާލެވުނެވެ. އެއާއެކު ނުރުހުމާއެކު އެއަތް ޝައިހާއަށް ފޮޅުވާލެވުނެވެ. އަދި އިންޒާރުގެ ނަޒަރަކުން ރުހައިމްއަށް ބަލައިލިއެވެ.

''ސޮރީ...'' ރުހައިމްއަށް ބުނެވުނެވެ. ''އަހަންނަށް އެނގޭ ނާލާގެ ހިތުގައި އަހަންނަށް ޖެއްސިފައިވާކަން... ނާލާގެ ރައްޓެއްސެއްގެ ހައިސިއްޔަތުން އަހަރެން ދެކެ ޝައިހާ ރުޅިއައުން ޖާއިޒް... އެކަމާ އެއްޗެއް ބުނުމުގެ ހައިސިއްޔަތެއް ނެތްކަން ވެސް އަހަރެން ޤަބޫލުކުރަން... ޝައިހާ... އަހަންނަށް ނާލާގެ ހާލު އެނގުން ވަރަށް މުހިންމު... މި ވަގުތު ނާލާ އެކަނިވެރިވާނެ މިންވަރު އަހަންނަށް އިހުސާސްކުރެވޭ... ޢާއިލާ މީހުން ގާތުގައި ތިބިކަމުގައި ވިޔަސް އެހިތުގައިވާ އިހުސާސްތައް ހިއްސާކުރަން ނާލާ ބޭނުމެއް ނުވާނެ... ކިތަންމެ ވޭނެއް އެޅިކަމުގައި ވިޔަސް ހުރިހާކަމެއް ބަރުދާސްތުކޮށްގެން ހުންނާނީ... އަމުދުން މިހާރު ނާލާ ހުރީ ވަރަށް ނާޒުކު ހާލަތެއްގައި...''

ރުހައިމްގެ ދެލޮލުން ވެއްޓިގެން ދިޔަ ކަރުނައިން އެހިތުގައި އަޅަމުން ދިޔަ ވޭން ޝައިހާއަށް ތަސައްވަރުކުރެވުނެވެ. އޭއާއެކު އޭނައަށް ގޮނޑީގައި އިށީނދެވުނެވެ. ހިތުގައި އޮތް ރުޅިވެރިކަމުގެ އަލިފާން ނިވެން ނެގީ ފަޅި ސިކުންތުކޮޅެކެވެ. ހިތުގައި އުފެދިގެން އައި ސުވާލުތަކާއެކު ރުހައިމްގެ މޫނަށް ބަލަން ޝައިހާއަށް އިދެވުނެވެ. އޭނައަށް މިހުރިހާ ދުވަހު ވިސްނުނީ ގޯސްކޮށެވެ. ވޭނާއި ތަކުލީފު އުފުލަމުން ދަނީ ހަމައެކަނި ނާލާއެއް ނޫނެވެ. ރުހައިމްގެ ދެލޮލުން ވެސް އެހިތުގައިވާ ފުން ޒަހަމްތަކުގެ ވޭން ރަމްޒުކޮށްދެއެވެ. ދެން ނާލާއާ މެދު ރުހައިމް އަނިޔާވެރިވީ ކީއްވެގެން ހެއްޔެވެ؟

''ރުހައިމް...'' ޝައިހާއަށް ގޮވާލެވުނެވެ. އޭނަ ހުރީ ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވެފައެވެ. އެއީ ރުހައިމް ކުޅޭ ނުބައި ކުޅިގަނޑަކަށް ވެއްޖެއްޔާ ވަނީ ކިހިނެއް ހެއްޔެވެ؟

''އަހަރެން... އަހަރެން ބޭނުން ނާލާއާއި ބައްދަލުކުރަން...'' އަރުބެދޭ ގޮތްވުމުން ރުހައިމްއަށް ވާހަކަދައްކަން އުނދަގޫވިއެވެ. ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ޝައިހާގެ މޫނަށް އޭނަ ނަޒަރު ހުއްޓާލިއެވެ. ޝައިހާގެ ޖަވާބު އައިސްދާނެ ގޮތަކާމެދު އެހިތް ވީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ޖަވާބެއް ނުދީ ރުހައިމްއަށް ބަލަން ޝައިހާއަށް އިނދެވުނީއެވެ. ހައިރާންކަން އެމޫނުމަތިން ފާޅުވެއެވެ. ބަހެއް ބުނަން ދެފަހަރެއްގެ މަތީން ދޫވެސް ހަރަކާތްކޮށްފިއެވެ. ނަމަވެސް ޚިޔާރުކުރެވުނީ ހަމަހިމޭންކަމެވެ.

''ކީއްވެގެންތަ ރުހައިމް އެފަދައިން ކަންތައްކުރީ؟...'' ޝައިހާއަށް ކުރެވުނީ ޝަކުވާއެވެ.

ޝައިހާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި ރުހައިމްއަށް އިސްޖަހާލެވުނީއެވެ. އޭނައާއި ޔަޝްފީއާއި ދެމެދު ހިނގައި ދިޔަ ކަންތައް އަދިވެސް ޤަބުލުކުރަން އޭނައަށް ދައްޗެވެ. އޭނަގެ އަމަލުތައް އެދަރަޖައަށް ގޮސްފާނެކަން ވެސް މެއެވެ. އެހާދިސާއަށް ފަހު އަމިއްލަ ނަފުސަށް އޮތް އިތުބާރު ވަނީ ގެއްލިގެން ގޮސްފިއެވެ. މުޅި މީހާ ވަނީ އޮޅުބޮޅުގަނޑެއްގެ ތެރޭގައެވެ.

''ލޯބިވާ މީހަކާ މެދު އެފަދައިން ކަންތައް ނުކުރާނެކަން ރުހައިމްއަށް ހަމަ ވިސްނާނުލެވުނުތަ!... ވަގުތު ފާއިތުވި ފަހުން ނާލާއާއި ބައްދަލުކުމުގެ ބޭނުމަކީ ކޮބާތަ؟... އިތުރަށް ނާލާގެ ހިތުގައި ޖައްސަންތަ ރުހައިމް ބޭނުމީ؟...''

''ނޫން!... ނާލާގެ ހިތުގައި ޖައްސާކަށް އަހަރެން ބޭނުމެއް ނޫން...'' ރުހައިމްގެ އަޑު ކުރެހުނެވެ. ނާލާއާއި ވަދާއުގެ ސަލާން ބައްދަލުކުރަން ޖެހުނު ދުވަސް އެޚިޔާލުތަކުގައި ބިންވަޅު ނެގިފައި ވެއެވެ. އެހަށިގަނޑުގައިވި މަޑު ތުރުތުރުލުމެވެ. އަޑުގައިވި ހިތްދަތިކަމެވެ. އެލޮލުން އޮހޮރުނު ވޭނީ ކަރުނަތަކުން ނަފުސަށް ލިބުނު ފުން ހިތާމައެވެ. ބޭވަފާތެރިއެއްގެ ކަސްތަޅުއެޅި އެކަނިވެރިކަމުގެ ކިއްލާއެއްގައި އޭނާގެ ނަފްސު ހަފުސްވެ ދިޔަޔަސް އެދުވަހު ނާލާގެ މޫނުން ފާޅުވި ހިތްދަތިކަމާއި ގާތެއް ވެސް ނުކުރެވޭނެއެވެ. އެހިތުގައި އޭނައަށް ޖެއްސިފައިވަނީ މަޢާފް ލިބުން ހައްޤުނުވާ މިންވަރަށެވެ.

''ރުހައިމް...'' ދެ ޚިޔާލެއްގެ މަތީގައިވި ޝައިހާ ބުންޏެވެ. ދެއަތްތިލަ މޭޒުމަތީގައި ޖޯޑުކޮށްލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. ރުހައިމްގެ މޫނުން ފެންނަމުން ދިޔަ އަސަރުތަކަށް އިތުބާރުކުރަން ޝައިހާގެ ޒަމީރު ބޭނުންވިއެވެ. އެދެލޮލުން އަދިވެސް ނާލާ ދެކެ ވާ ލޯބި ބަޔާންކޮށްދޭތީއެވެ. އެލޯތްބަށް އިތުބާރުކޮށް ނާލާގެ ހާލު ބުނެދޭން ވެސް ބޭނުންވިއެވެ. ކިތަންމެ ވަރަކަށް އިންކާރުކުރަން ބޭނުން ވިޔަސް ނާލާގެ ހިތުގެ ފަރުވާއަކީ ރުހައިމް އެވެ.

''އަހަރުމެން ދެމެދުގައި ކަންތައް ވެދިޔަ ގޮތުން އަހަރެން ވެސް ދެރަވޭ... ޔަޝްފީއާއި އަހަންނާ ދެމެދު ކަންތައް ވެދިޔަ ގޮތް އަހަރެން ހަނދާނެއް ނުވޭ... އެބުނާ ރެޔަކު ވެދިޔަ އެއްވެސް ކަމެއް އަހަރެން ރަނގަޅަށް ހަނދާނެއް ނުވޭ... މިހެން ބުނުމުން ޝައިހާއަށް ހީވާނީ އަހަރެން ބަހަނާ ދައްކަނީ ކަމަށް... އެކަމަކު މިތީ ހަޤީޤަތް، އަހަރެން ވަރަށް މަސައްކަތް ކުރިން ނާލާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން، ތެދު ހާމަކުރަން، އެކަމަކު އަހަރެން ބިރުގަތީ... ނާލާ އަހަންނަށް އިތުބާރު ނުކޮށްފާނެތީ ފަސްޖެހެވުނީ... އެހެން ދުވަސްތައް ދަނިކޮށް ޔަޝްފީ ބަނޑުބޮޑުވީ... ޤަބޫލުކުރަން އުނދަގޫވެގެން ދެވަނަ ފަހަރަށް ވެސް ޓެސްޓު ހެދީން، އެހިސާބުން ކިހިނެއް އަހަރެން އެކަމާ ދެކޮޅު ހަދާނީ؟... އޭގެ ފަހުން ޔަޝްފީ އޭނައާއި އިންނަން މަޖުބޫރުކޮށް ނާލާއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ ބުނެ ބިރުދައްކަން ފެށީ... ނާލާއާއި ވަކިވާން ބޭނުން ނުވާތީ އަހަރެން ހުރީ އެކަންތައް ސިއްރުކޮށް ޔަޝްފީއާއި އިންނަން ވެސް ތައްޔާރަށް، އެއީ އެންމެ ރަގަޅު ހައްލު ނޫންކަން އެނގޭއިރުގައި ވެސް އެވަގުތު އެނޫން ގޮތެއް އަހަންނަށް ނުފެނުނު... ހުރިހާ ގޮތަކުން ގޮސް ހުސްވެފައި ވަނިކޮށް ނާލާއަށް އެނގުނީ... އަހަރެން ބޭނުންވި ކަންތައް ވެދިޔަ ގޮތް ނާލާއަށް ކިޔައިދޭން، އެކަމަކު ނާލާ ބޭނުމެއް ނުވި އަހަންނާއެކު އެންމެ ހިނދުކޮޅަކަށް ވެސް މަޑުކުރާކަށް، އެހިސާބުން އަހަންނަށް ވެސް ފުރުސަތު ގެއްލުނީ... އަހަރެން ޤަބޫލުކުރަން ނާލާގެ ހިތުގައި ޖެއްސިފައިވާކަން... ނާލާ ކެންސަރަށް ފަރުވާ ކުރަމުން ދާކަން ވެސް އެނގުނީ ވިވިއަންއާއި ބައްދަލުވުމުން... އޭނަ އެކަން ހާމަ ކުރީ ކޮންމެވެސް ނުބައި މަޤުސަދެއްގައި، ކޮންމެ ބޭނުމަކު އެވާހަކަ ހާމަކުރިކަމުގައި ވިޔަސް ވަގުތު ފާއިތު ނުވަނީސް ނާލާގެ ހާލު އަހަންނަށް އެނގުނީތީ އޭނައަށް ޝުކުރުކުރަން...'' ރުހައިމް ބުންޏެވެ. ''އަހަންނަށް ނާލާ މަޢާފް ނުކުރާނެކަން އެނގޭ... އެކަމަކު އަހަރެން ބޭނުން އެންމެ ފަހަރަކު ވިޔަސް ނާލާއާއި ބައްދަލުކުރަން... ވެދިޔަ ކަންތަކުގައި ނާލާގެ ކުށެއް ނުވާކަން ޤަބޫލުކުރަން... ހުރިހާކަމެއްގެ ޒިންމާ ނަގަން ވެސް އަހަރެން ބޭނުން...''

ޝައިހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރުހައިމްގެ ވާހަކަތަކާ މެދު އޭނައަށް ވިސްނާލެވުނެވެ. އެދެމެދުގައި ކަންތައް ވެދިޔަ ގޮތުގެ ތަފުސީލެއް ނާލާ ހާމައެއް ނުކުރެއެވެ. ރުހައިމްގެ ދުލުން ހުރިހާ ކަމެއް ހާމަކޮށްދިނުމުން ޝައިހާއަށް ވިސްނާލެވުނެވެ. ޔަޝްފީއާއި މެދުގައި ވެސް ފުރަތަމަ ފަހަރަށް ފިކުރު ހިންގާލެވުނެވެ. އަޑި ނޭނގޭ ކަންތައްތަކެއް އެކަމުގެ ފަހަތުގައިވެޔޭ ކުއްލިޔަކަށް ޝައިހާގެ ހިތަށް އެރިއެވެ. ނަމަވެސް ދުލާ ހަމައަށް އެވާހަކަތައް ގެންނާނެ ގޮތެއް ނޭނގި ޚިޔާރުކުރެވުނީ ހިމޭންކަމެވެ.

''އަހަރެން ބޭނުން ރުހައިމްއަށް އެހީވާން، އެކަމަކު އެއީ އެންމެ ރަގަޅު ގޮތް ބާއޭ އަހަރެންގެ ހިތަށް އަރަނީ...'' ޝައިހާ ބުންޏެވެ. ''ރުހައިމްއާއި ބައްދަލުވުމުން ނާލާއަށް ވެދާނެ ގޮތެއް ވެސް ނޭނގޭ... ބަޓް ޝީ އޯލްސޯ ޑިޒާވްސް ކްލޯޝާރ... ރުހައިމްގެ ވާހަކަތައް އަޑު އެހުމާ ނޭހުމުގެ ހައްޤު އޮތީ ހަމައެކަނި ނާލާއަށް...'' ޝައިހާ އޭނައަށް އެހީވާން އެއްބަސްވުމުން ރުހައިމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

''ނާލާ ފަރުވާ ހޯދަމުންދާ ހޮސްޕިޓަލުގެ ނަމާއި ހުރިހާ މައުލޫމާތެއް އަހަރެން ދީފާނަން، އެކަމަކު ނާލާއާއި ބައްދަލުކުރަން އުނދަގޫވާނެ، ނަދީމާ އާންޓީ ރުހައިމް ދެކެ އަންނަ ރުޅި އަހަންނަށް ހުރީ ފެނިފައި... ލުޔޫން ވެސް ހިޔެއް ނުވޭ ރުހައިމްއަށް އެހީވާނެ ހެނެއް...'' ވިސްނާލަމުން ޝައިހާ ހާމަކުރީ ރުހައިމްއަށް ހުރި ގޮންޖެހުންތަކެވެ.

''އައި ވިލް ތިންކް އޮފް ސަމްތިންގް...'' ރުހައިމްގެ ހިތުގައި އޮތް އަމާޒު ވަރުގަދައެވެ. ނާލާއާއި ހަމައަށް ވާސިލުވުމަށް ގިނަ ހުރަސްތަކެއް ކަނޑައްތުކުރަން ޖެހޭނެކަން ކުރިން ވެސް އެނާއަށް އެނގެއެވެ. ހުރިހާ ކަމަކާ ކުރިމަތިލާން އޭނަ ގަސްދުކުރީ ސާބިތުކަމާއެކީގައެވެ.

*****

ހެނދުނު ސަޔަށް ޕާންބުރިއެއް ގަނެގެން ފިހާރައިން ނިކުތް ސަކީނާއަށް ހުއްޓެވުނީ މަގުގެ އަނެއްފަރާތުގައި ސައިކަލު މަތީ އިން ރުހައިމް ފެނުމުންނެވެ. އަތުގައި އޮތް ކޮތަޅު ދޫކޮށްނުލެވުނީ ވެސް ކިރިޔާއެވެ. ތޫނު ރިހުމެއްގެ އަސަރާއެކު ސަކީނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. މައިވަންތަކަމުގެ ލޯބި އެހިތުގައި ހޭލައިފިއެވެ. އެތައް ދުވަހަކަށް ފަހު ދަރިފުޅު ފެނުމުން ހިތުގައި ވަޅުލަމުން ދިޔަ އިހުސާސްތައް ހޭލައިގެން ދިޔައީ އިހްތިޔާރަކާ ނުލައެވެ. ރުހައިމް ހުރި ހާލު ފެނުމުން، ދަރިފުޅު އުޅެމުން ދަނީ ހިތްދަތި ދިރިއުޅުމެއްކަން ސަކީނާއަށް ނަގައިގަންނަން އިރުކޮޅެއް ވެސް ނުނެގިއެވެ.

ރުހައިމްގެ ގާތަށް ދާން ސަކީނާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް ދެފައިގައި ހިލިހިލާ ޖެހިގެން ދިޔައީ ފާރޫޤުގެ ވާހަކަތަކުންނެވެ. ކަންތައް ވެދިޔަ ގޮތަށް ފަހު ރުހައިމްއާއި ވާހަކަދެއްކުން ފާރޫޤު އޮތީ މަނާކޮށްފައެވެ. ހަމައެއާއެކު ނާލާއާއި މެދު ކަންތައް ވެދިޔަ ގޮތުން ރުހައިމްއާއި މެދު އެހިތުގައި ވެސް ވަނީ ޝަކުވާ ތަކެވެ.

ހިތުގައި އުފަންވަމުން ދިޔަ ޖަޒުބާތުތައް އަމިއްލަ ބާރުގެ ދަށަށް ގެންނަމުން ރުހައިމްއަށް އޭނަ ފުރަގަސް ދިނެވެ. އަދި ލޮލުން ފޭބި ކަރުނަ އަވަސްއަވަހަށް ފޮހެލިއެވެ.

''މަންމާ...'' ރުހައިމް ގޮވާލިއެވެ. ރުހައިމް ނިކަން ބާރަށް މަގުހުރަސްކޮށް ސަކީނާގެ ގާތަށް އަތުވެއްޖެއެވެ.

''ކީއްކުރަން ރުހައިމް ތިއައީ؟...'' އަޑަށް ހިތްހަމަނުޖެހުން ވެރވިކުރުވަމުން ސަކީނާ ސުވާލުކޮށްލިއެވެ. ފަރުވާތެރިކަމާއެކު ރުހައިމްގެ މޫނަށް ސަކީނާ ބަލައިލިއެވެ. މޭގައި ރިއްސާލީ އެދެލޮލުގައިވި ތޫނު ރިހުމުގެ އަސަރު މައިލަގޮނޑިއާ ހަމައަށް ވާސިލުވުމުންނެވެ.

''މަންމާ... ނާލާގެ ވާހަކަ އަހަރެން ގާތު ނުބުނީ ކީއްވެގެންތަ؟...'' ރުހައިމްގެ އަޑުގައި މޮޅިވެރިކަން ވިއެވެ. އެތައް ދުވަހަކަށް ފަހުން މަންމައާއި ބައްދަލުވުމުން ދައްކަން ބޭނުން އެތައް ވާހަކައެެއް އެހިތުގައި ވިއެވެ. އެމަންމަގެ ފައިބުޑަށް ވެއްޓި މަޢާފަށް އެދި އާދޭސްކުރަން ވެސް ބޭނުންވިއެވެ.

''ކޮން ވާހަކައެއް!...'' ހައިރާންކަމާއެކު ސަކީނާ ބުންޏެވެ. އޭނަގެ ހިތުގެ ތެޅުން ވެސް އަވަސް ވެއްޖެއެވެ. އަތުގައި އޮތް ކޮތަޅުގައި ބާރަށް ހިފަހައްޓާލެވުނެވެ.

''ކެންސަރުގެ ވާހަކަ...'' މަންމައާއި ހަތަރުކަޅި ހަމަކޮށްލަމުން ރުހައިމް ބުނެލިއެވެ.

''ދަރިފުޅު ކަންތައް ކުރިން ގޮތުން ނާލާގެ ހާލު އެންގުމުގެ ބޭނުމަކީ ކޮބާތަ!...'' ސަކީނާގެ ހިތުގައި ވަނީ ޝަކުވާތަކެވެ. އެހާ ލޯބިން އުޅުނު ދެކުދިންގެ ޒަވާޖީ ހަޔާތް ނިމިގެން ދިޔަ ހިތްދަތިކަމުގެ ކަރުނަޔާއެކުގައެވެ. އެހަޤީޤަތް ޤަބޫލުކުރަން އޭނައަށް އަދި ވެސް ދައްޗެވެ. ހުރިހާ ކަމެއްގައި ރުހައިމް ކުށްވެރިވާތީ އިތުރު ހިތްދަތިކަމެއް މެނުވީ ނުލިބުނެވެ.

''މަންމާ...'' ހިތްދަތިކަމާއެކު ރުހައިމް ގޮވާލިއެވެ. ސަކީނާގެ މެޔަށް ފިނިވެގެން ދިޔައީ ރުހައިމްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވުމުންނެވެ. ބަސްހުއްޓިފައިވާ ހާލު ރުހައިމްއަށް ބަލަން ހުރެވުނީއެވެ.

''ދަރިފުޅާ... ރުހައިމް...'' ސައިކާނާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ރުޅި އިސްކުރަން ބޭނުން ވިޔަސް އެހިތަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިފުޅު ހިތުގައި ޖެހި ރޯތަން ބަލަން ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މޭގެތެރޭގައި ހިތް ފިތެމުންދާ ކަހަލަ އިހުސާސެއް ސަކީނާއަށް ކުރެވުނެވެ.

''މަންމާ އަހަންނަށް މަޢާފެއް ނުކުރެވޭނެތަ؟...'' ރުހައިމްއަށް އިސްޖަހާލެވުނެވެ.

''މަންމަގެ ފަރާތުންނެއް ނޫނޭ ދަރިފުޅު މަޢާފަށް އެދެ ޖެހެނީ...'' ރުހައިމްގެ އަތުގައި ސަކީނާ ހިފާލިއެވެ.

''އަހަރެން ބޭނުން ނާލާގެ ގާތަށް ދާން...'' ރުހައިމް ހާމަކުރިއެވެ.

ހިމޭންކަމާއެކު އިސްޖެހިފައި އިން ރުހެއިމްއަށް ބަލަން ސަކީނާއަށް ހުރެވުނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެ ދިޔަތަނާ ރުހައިމް ގެނެސް މޭގައި ޖައްސާލިއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ސަކީނާ ވާހަކަދައްކަންފެށިއެވެ. ''އެއީ އެންމެ ރަނގަޅު ގޮތްތަ؟... ދަރިފުޅު އެކަމާ މެދު ވިސްނާލިންތަ؟...'' ސަކީނާ އަހާލިއެވެ

''އާނ މަންމާ... އަހަރެން ބޭނުން ނާލާގެ ގާތުން މާޢާފަށް އެދެން...'' ރުހައިމް ޖަވާބުދިނެވެ. ކުރިއަށްވުރެން ބޮޑަށް ރުހައިމްގެ ގައިގައި ސަކީނާ ބައްދާލިއެވެ.

''މަންމަ އަދިވެސް ބޭނުންވަނީ ތިދެކުދިން ގުޅެން، އެކަމަކު ރުހައިމްގެ ފަރާތުން ނާލާއަށް ލިބުނީ ބޮޑު ހިތްދަތިކަމެއް... އެއީ މަޢާފުކުރުން ފަސޭހަ ކަމެއްވެސް ނޫން، ކޮންމެ ގޮތަކަށް ކަންތައް ވެދިޔަ ކަމުގައި ވިޔަސް ނާލާގެ ނިންމުމަށް ދަރިފުޅު ޖެހޭނެ ޤަދަރުކުރަން... އެއްވެސް ކަމަކަށް ނާލާއަށް މަޖުބޫރުކޮށްގެން ނުވާނެ...'' ރުހައިމްގެ ބުރަކަށީގައި ސަކީނާ ފިރުމާލިއެވެ.

(ނުނިމޭ)