މި ސަރުކާރުން އިގުތިސޯދީ އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން މަސައްކަތް ނުކުރާ ކަމަށާއި އަދިވެސް ފެންނަނީ އިތުރު ހަރަދުތަކެއް ކުރާ މަންޒަރު ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ އެކު ރޭ ވެސް ވަނީ އެ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ބާއްވައިފައެވެ. ޖަލްސާގެ ބައިވެރިންނަށް ކެންޑިޑޭޓުންނާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށްދިޔަ އެ ޖަލްސާގައި ސުވާލު ކުރައްވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުން އިއުލާނު ކުރަމުންދާ މަޝްރޫއުތަކަކީ ރައްޔިތުންގެ ހެވާއި ލާބައަށް އިއުލާނުކުރަމުންދާ މަޝްރޫއުތަކެއް ކަމަށާއި އެކަމާ ޝައްކު ނުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް ހައްތަހާވެސް މި ފެންނަނީ ހަރަދު ހަރަދު ހަރަދު. އެހެން ނަމަވެސް އަޅުގަނޑުމެންގެ އެންމެ ގާތް ގައުމެއްގެ ގޮތުގައި މި އޮންނަނީ އުތުރުކަރަ، އިންޑިއާ. އިންޑިއާއިން އެކަނި އޮތް ރާއްޖޭގެ ދަރަނި، އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދަރަނި މިއޮތީ 3000 މިލިއަން އެމެރިކާ ޑޮލަރާ ކައިރިކުރާ އަދަދެއް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނުވަތަ މި ސަރުކާރުގެ އެހެންވެސް މަސްއޫލުވެރިޔަކު، އިގުތިސޯދީ އާމްދަނީ ހޯދާނެ މަޝްރޫއުތައް ފަށާނެ ވާހަކަތައް ނުދައްކަވާ ކަމަށާއި އެކަމުގެ ޕްލޭނެއް އޮތް ވާހަކަ ދައްކަވަމުން ނުގެންދަވާ ކަމަށެވެ.

"ފެށުނީއްސުރެ މިހާތަނަށް މިއޮތީ ބޮޑެތި ފިޒްކަލް ޑެފިސިޓްތަކެއް އެކިއުމިލޭޓްވަމުން އައިސް އޮތް އަހަރުތަކެއްގެ ބަޖެޓްތަކެއް. ބޭރުގެ ދަރަނި އޮތް ހާލަތު އަޅުގަނޑު މި ދަންނަވާލީ. އެހެންވީމާ އަޅުގަނޑުމެންނަށް ސަސްޓެއިން ކުރެވޭނެހޭ މިހެން ހަރަދު ކުރަމުން ކުރަމުން މިދަނީ އަދިވެސް. އެކަމަކު އާމްދަނީ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ނުފެނޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ މިދިޔަ ސަރުކާރުން ނެރުނު "އިންޑިއާ އައުޓް" ގަރާރު، މި ސަރުކާރުން ބާތިލު ނުކުރާތީ ވެސް ފާޑު ވިދާޅުވެފައެވެ. އެ ގަރާރު ބާތިލު ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ފަރާތްތައް މިއަދު ވެރިކަމުގެ ތިއްބެވި ނަމަވެސް އެކަން އަދިވެސް ކުރައްވާފައި ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔަމީން ވިދާޅުވީ އެ ގަރާރު ބާތިލު ނުކުރާނަމަ އެ މަނިކުފާނުގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާ ނުދެމޭނެ ކަމަށާއި އަދި މަގުތަކަށް އެއްވެ، އިންޑިއާ އައުޓް މުޒާހަރާތައްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.