އަތޮޅުތަކަށް ރައީސްގެ ދަތުރުތައް ފައްޓަވާނެ ކަމަށާއި ރައްޔިތުންނަށް ސީދާ އެމަނިކުފާނާ ސުވާލުކުރެވޭ ގޮތަށް ފޯރަމުތަކެއް ބޭއްވުމަށް ވެސް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް، މަގާމުގެ ހުވާކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާނެ ކަމަށާއި އެ ދަތުރުތައް ފައްޓަވާނެ ކަމަށެވެ.

"ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރަން އަޅުގަނޑު ނިންމިން. އިރާދަކުރެއްވިއްޔާ އެ ދަތުރުތައް މި އަންނަ ހަފުތާގައި އަޅުގަނޑު ފަށާނަން. ފަށައި، ވަގުތު ލިބޭ ވަރަކުން ވަރަށް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމާނަން. އަދި އެކަން ތަކުރާރުކޮށް، ވަގުތުވީ ވަރަކުން ކުރިއަށްގެންދާނަން. މާލޭގައި ވެސް ވީވަރަކުން މާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ސުވާލުތައް ވަޒީރުންނާ ކުރުމުގެ ފުރުސަތުދިނުމަށް ކޮންމެ ދެ މަހަކުން އެއް މަހު ޕަބްލިކް ފޯރަމުތަކެއް ބާއްވާނެ ކަމަށާއި އޭގެ ފުރަތަަމަ ފޯރަމް އަންނަ ހަފުތާގައި ކުރިއަށްދާނެ ކަމަށެވެ. އަދި އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންގެ ދާއިރާތަކުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މިނިސްޓާސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން، ފަސް ބޭފުޅުން ގޮތަށް އަޅުގަނޑު މި ދެންނެވި ދެ މަހުން އެއްމަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން. ރައްޔިތުން ކުރަން ބޭނުންވާ ހުރިހާ ސުވާލެއް ލިބޭ ދެ ގަޑިއިރުގެ ތެރޭގައި ކުރެވޭނެ. ހަމަ އެގޮތަށް ތިން މަހުން އެއްމަހު އަޅުގަނޑު ވެސް ސީދާ ރައްޔިތުންނަށް އެ ފުރުސަތު ދޭނަން، ޕަބްލިކް ފޯރަމެއް، މިފަދަ ދަރުބާރެއް ބާއްވައި، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކެއް ކުރުމަށް ފުރުސަތު ދޭނަން. އޭގެ ފުރަތަމަ ފޯރަމް މި އަންނަ މަހު އޮންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރަށް ޖަވާބު ނުދެވޭ ސުވާލެއް ނުހުންނާނެ ކަމަށާއި މި ސަރުކާރުން ކުރަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް، ގާނޫނުއަސާސީގައި އޮތް މަސައްކަތް ކަމަށެވެ. އަދި ފޮރުވަން ޖެހޭނެ، ޒިންނާ ނުނެގޭނެ ކަމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.