ސަލާމަތީ ސަބަބުތަކަށް ޓަކައި ޕާކިސްތާނުގެ ސްކޫލްތަކާއި ޔުނިވަސިޓީތައް ބަންދުކޮށްފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ސްކޫލްތަކާއި ޔުނިވަސިޓީތައް ބަންދުކޮށްފައިވާއިރު އެ ސިޓީގެ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ފުލުހުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގެ ފުލުހުންގެ ޗީފާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އެ ސިޓީގައި ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމަށް ހާލަތު މިވަގުތު އޮތީ ކޮންޓްރޯލުގައެވެ.

ޕާކިސްތާނުގައި އަންނަ މަހު އޮންނަ އާންމު އިންތިހާބާ ދިމާކޮށް އެ ގައުމުގެ ސިޔާސީ މަޝްރަހު ގޯސްވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަން ފަށާފައެވެ. އެކި ޖަމާއަތްތަކުން ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ހަމަލާ ދޭން ރާވާކަމުގެ އިންޓެލިޖެންސް ރިޕޯޓުތައް ލިބިފައިވާކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކުން ޕާކިސްތާނުގެ ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް މިދިޔަ އަހަރު ދީފައިވާ ހަމަލާތަކުގައި އާންމުން ހިމެނޭހެން 1500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.