ގާނޫނުގައި ހުރި ލޫޕް ހޯލްތަކަށް ކުށްކުރާ މީހުން މާ ފަރިތަކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވިދާޅުވީ، "ކުޑަކުދީންގެ އަދުލުގެ ގާނޫނު" އަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ކުޑަކުދީން ކުށުން ދުރުކުރަން އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

ރާއްޖޭގައި ކުދިން ލައްވައި ކުށްކުރުމުގެ ސަގާފަތެއް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުޑަކުދީންގެ އަދުލުގެ ގާނޫނުގައި ހުރި ލޫޕްހޯލްތައް ބޭނުންކޮށްގެން ކުށްކުރާ މީހުން އެކަމުގެ ފައިދާ ނަގައި ކުދިން އެކްސްޕްލޮއިޓް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މުހިންމު އަދި ހައްސާސް ގާނޫނުތައް އިސްލާހުކުރުން ލަސް ކަމަށާއި އެގޮތުން 2019 އިން ފެށިގެން ކުޑަކުދީންގެ އަދުލުގެ ގާނޫނަށް ގެނެސްފައި ވަނީ އެންމެ އިސްލާހެއް ކަމަށެވެ.

"އެހާ ބާރު މިނުގައި އެޑެޕްޓްކުރަމުން އަންނަ ގާނޫނުތަކެއް ނޫން. އަޅުގަނޑުމެން އަވަސްކުރަން ބޭނުންވާ ގާނޫނުތައް ވަރަށް އަވަސްކުރާނެ. މިސާލަކަށް އަޅުގަނޑުމެންގެ މުސާރައާ ގުޅޭ ގާނޫނެއްވިއްޔާ ހެނދުނު ޕްރޮޕޯސްކޮށް މެންދުރަށްވާއިރު ފާސްކޮށް ހަވީރު ތަސްދީގުކޮށް ރޭގަނޑު މުސާރަ ނަގައިގެން އަޅުގަނޑުމެން ތިބޭނީ. އެހެންނަމަވެސް މިފަދަ ސެންސިޓިވް ކަންކަމުގައި 2019 އިން ފެށިގެން އަދިވެސް އެއް އިސްލާހު" މިނިސްޓަރު ވިދާޅުވިއެވެ،

މިިނިސްޓަރު ވިދާޅުވީ، ކުޑަކުދީންގެ އަދުލުގެ ގާނޫނުގައި އިސްލާހުކުރަން ހުރި ކަންކަމުގެ ވާހަކަ އަބަދުމެ ދައްކާއިރު އެކަމަކަށް އިސްކަން ނުދޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޒިންމާ އަދާކުރަން ލިބޭ ވަގުތު އެކަން ނުކުރެވިފަ މި އޮންނަނީ. އެ ހިޔާލެއް އެ ވިސްނުމެއް އަޅުގަނޑުމެންނަކަށް ނާދޭ. އޭގެ ނަތީޖާއެއްގެ ގޮތުން ކްރިމިނަލުން އެޑެޕްޓް ވެގެން އަންނަ ސްޕީޑު މާ ބާރު އަޅުގަނޑުމެން އެޑެޕްޓްވާ ވަރަށް ވުރެ. އަޅުގަނޑުމެން ބަދަލުވެ، މުޖުތަމައަށް ގެންނަން ޖެހޭ ބަދަލު ފްރޭމް ވޯކްތަކަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ ސްޕީޑަށްވުރެ މާ ބާރު ސްޕީޑުގައި ކްރިމިނަލް އޯގަނައިޒޭޝަންތަކަށް މާ ފަރިތަވޭ. ފަރިތަވެ، ހުރި ލޫޕްހޯލްތައް ބަލައި ކުރިން އޮތް ހާލަތަށް އެބަ ގެންދޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހަފުތާއެއްގެ ހަ ދުވަހުވެސް ކުޑަކުދިންނާ ގުޅޭ މަހާސިންތާތައް ބޭއްވިދާނެ ކަމަށާއި އަމާޒަކަށްވާން ޖެހޭނީ، މަހާސިންތާއިން އެކުލަވައިލެވޭ ފްރޭމްވޯމަކީ ތަންފީޒުކުރެވޭ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭނެ ފްރޭމްވޯކްތަކަށް ހެދުން ކަމަށެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، އަމާޒަކަށް ހަދަންވީ، ކުށަށް ހުށަހެޅޭ ކުޑަކުދިން މަދުކުރުން ކަމަށެވެ. އަދި އެއް ކުށެއްގައި އެކި ކުދިންނަށް އެކި ގޮތަށް އަމަލުކުރާ ކަމަށާއި އެކަންކަންވެސް ބަދަލުވާން ޖެހޭ ކަމަށެވެ.