ކ. ފުނަދޫގައި ހުންނަ އެސްޓީއޯގެ ފިއުލް ފާމް ބަދަލު ކުރަން ނިންމާފައިވަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރި ފަޅަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ފުނަދޫ ފިއުލް ފާމް، މާގިރި ފަޅަށް ބަދަލުކުރުމުގެ ކަންކަން އެސްޓީއޯއިން ކުރަން ވަޒީރުންގެ މަަޖިލީހުން ނިންމީ އިއްޔެ އެވެ. ނަމަވެސް ފިއުލް ފާމް ބަދަލު ކުރަން ނިންމާފައިވަނީ ކޮން މާގިރި ފަޅަކަށް ކަމެއް ސަރުކާރުން އިއްޔެ ނުބުނެއެވެ.
މާލެ ކައިރީގައި މާގިރި ކިޔާ ދެ ފަޅެއް އޮވެއެވެ. އެއީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރީގައި އޮންނަ މާގިރި ފަޅާއި ތިލަފުށި ކައިރީގައި އޮންނަ މާގިރި ފަޅެވެ. ފިއުލް ފާމް ބަދަލުކުރަނީ ޝެރެޓަން ފުލް މޫން ރިސޯޓް ކައިރީގައި އޮންނަ މާގިރި ފަޅަށް ކަމަށް ބުނެ، އެ ނިންމުމާ ގުޅިގެން ޑައިވަރުންނާއި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އެކޯކެއާ މޯލްޑިވްސް އިން ވަނީ ޝެރެޓަން ކައިރިއަކީ މުރަކައާއި ކަނޑުގެ ދިރުންތަކުން މުއްސަނދި ހަތް ޑައިވް ސައިޓެއް އޮންނަ ސަރަހައްދެއްކަން ފާހަގަކޮށް އެ ނިންމުން ބަދަލުކުރަން ނިންމައިފައެވެ.
ފުނަދޫ ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް މި މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ކުރިއަށް އޮތް 18 މަސް ދުވަހާއި 24 މަސް ދުވަހުގެ ތެރޭގައި ފުނަދޫގެ އޮއިލް ސްޓޯރޭޓް އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުނަދޫގައި ތަރައްގީކުރާ އެއާޕޯޓް އިކޮނޮމިކް ޒޯނުން އަންނަ ފަސިންޖަރުންނަށް ޓްރާންސިޓް ހޮޓެލްތަކާއި ޝޮޕިން ސެންޓަރުތަކާއި ކޮންވެންޝަން ސެންޓަރަކާއި އެންޓަޓެއިންމަންޓް ކޮމްޕްލެކްސް އަދި ކެއިން ބުއިމާއި ދަތުރުވެރިން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ޖާގަތަކާ އެކުގައި ތަރައްގީކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު