2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑު-19ގެ ބަލިމަޑުކަމާއެކު ދުނިޔެ އިގުތިސޯދީ ފުން ވަޅުގަނޑަކަށް ވެއްޓުނުއިރު، ރާއްޖޭގެ އިގުތިސޯދަށްވެސް ބޮޑެތި އަސަރުތަކެއް ކުރިއެވެ. އެކަމުން އަރައިގަތުމަށް، ރާއްޖޭން ބޭރުވާ ޑޮލަރުގެ އަދަދު މަދުކުރުމުގެ ބޭނުމުގައި އޭރު އެޅި އެންމެ މުހިންމު ފިޔަވަޅަކީ ބީއެމްއެލްގެ ރުފިޔާ އެކައުންޓުން ރާއްޖޭން ބޭރުގައި ކެނޑޭ މިންވަރު، 250 ޑޮލަރަށް ކުޑަކުރުމެވެ.
ބޭންކުން އޭރު ބުނީ އެ ބަދަލަކީ، ހާލަތު ބަދަލުވުމާ ހަމައަށް ގެނެވުނު ބަދަލެއް ކަމަށެވެ. ނަމަވެސް، ރާއްޖެއަށް އަލުން ފަތުރުވެރިން އަންނަން ފަށައި، އިގުތިސާދު ރަނގަޅުވަމުން ދިޔަ އިރުވެސް އެ ލިމިޓަށް އިތުރު ބަދަލެއް ނުގެނެއެވެ.
ޑޮލަރު ލިމިޓާ ގުޅިގެން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައިވެސް ވައުދުވެވަޑައިގަތެވެ. ރައީސްކަމަށް ހޮވިވަޑައިގަތުމަށް ފަހު، އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެޔަށް ފަހު، ކެބިނެޓުގައި އެކަމަށް މަޝްވަރާ ކުރައްވައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް ޑޮލަރު ލިމިޓު 1200 ޑޮލަރަށް އިތުރުކުރުމަށް ނިންމަވާފައިވާ ކަމަށް އިއުލާންކުރެއްވީ ޑިސެމްބަރު 25 ވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އަންނަ ފެބްރުއަރީ މަހުން ފެށިގެން، ކްރެޑިޓް ކާޑު އަދި ޑެބިޓް ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް ލިމިޓު މަތިކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު އެ ބަދަލު ގެނެވުނީ ދަރިވަރުންނަށް އެކަނި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެން ފަރާރަތްކަށްވެސް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ރުފިޔާ ކާޑުން ބޭރުގެ ވިޔަފާރިތަކަށް ހަރަދުކުރެވޭ ލިމިޓަކީ 250 ޑޮލަރު ނަމަވެސް، ދަރިވަރުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައި ވެއެވެ. އެގޮތުން، ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުން ވިސާއާއި ލިމިޓު އިތުރުކުރުމަށް ބޭނުންވާ ކަމަށް ހާމަކޮށް ބޭންކުގައި އެދުމުން، 750 ޑޮލަރަށް އެ ލިމިޓު "ވަގުތީ ގޮތުން" އިތުރުކޮށްދެއެވެ. އެގޮތަށް އިތުރުކޮށްދެނީ ވިސާ އޮންނަ މުއްދަތަށެވެ.
ޑޮލަރު ލިމިޓު މަތިކުރަން ސަރުކަރުން ނިންމުމާ ގުޅިގެން ރާއްޖޭން ބޭރުގައި ކިޔަވާ ބައެއް ދަރިވަރުންގެ ހިޔާލު "ވަން" އިން ވަނީ ހޯދައިފައެވެ. އެ ދަރިވަރުން ބުނާގޮތުގައި ޑޮލަރު ލިމިޓު ކުޑަކޮށްފައި އޮތުމުން ކުރިމަތިވި ދަތިތަކަށް، އެ ލިމިޓު 750 ޑޮލަރަށް މަތިކުރުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދިޔައެވެ. ނަމަވެސް އެކަމުގެ އުނދަގޫ ވަނީ އިމަޖެންސީ ހާލަތްތަކުގައެވެ.
"އިމަޖެންސީ ހާލަތްތަކުގައި އިތުރަށް ފައިސާ ބޭނުންކުރަން ޖެހުނީމަ އުނދަގޫވޭ. އެއީ އިތުރަށް ފައިސާ ބޭނުން ކުރަން ޖެހުނީމަ ބޭންކުގަ އެދެން ޖެހެނީ މިވެނި ކަމެއް ވެގެން ލިމިޓު އިތުރުކޮށްލަދޭށޭ ވަގުތީގޮތުން. އެހެން އެދޭއިރު ކުޑަކޮށް ޑިލޭވެސް އާދޭ. އެހެންވީމަ، މިސާލަކަށް ޑޮކްޓަރަށް ދައްކާފަ ދޭން ޖެހޭ ފައިސާ ކަހަލަ އަންއެކްސްޕެކްޓެޑް ހަރަދުތަކަށް އުނދަގޫވޭ." ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރަކު "ވަން" އަށް ކިޔައިދިނެވެ.
އިތުރު ދަރިވަރަކު ކިޔައިދިން ގޮތުގައި ދިރިއުޅޭ ތަން ބަދަލުވާން ޖެހުމުންވެސް ޑޮލަރު ލިމިޓު ކުޑަކަމުގެ ތަކުލީފާ ކުރިމަތިލާން ޖެހުނެވެ.
"އެޕާޓްމަންޓަކަށް ވަންނައިރު ބޮޑު ހަރަދެއް އެއްފަހަރާ ކުރަން ޖެހޭ. ރޫމްމޭޓުންނަށް ބަހާލައިގެންވެސް ފައިސާ ހަމަކުރަން ދަތިވޭ. ދެން ރައްޓެހިން ކައިރީގަވެސް ބުނެގެން އެމީހުންގެ އެކައުންޓުންވެސް ފައިސާ ނަގަން ޖެހޭ. އެއީ ޓީޓީ ކުރަން ދުވަސް ނަގާތީ، ވީހާވެސް އަވަހަށް ބޭނުންވާ ފައިސާ ވީމަ." ދަރިވަރަކު ކިޔައިދިނެވެ.
ދަރިވަރުން ބުނާ ގޮތުގައި ބައެއް މަސްމަހު ކުރަން ޖެހޭ އިތުރު ހަރަދުތައް ހަމަޖައްސަނީ ރާއްޖެއިން ޑޮލަރު ގެންގޮސްގެންނެވެ. ނަމަވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެނީ ބޮޑުއަގުގައެވެ. އެއީ ދަރިވަރުންނަށް އިތުރު، ބޮޑު ތަކުލީފެކެވެ. އެ ދަރިވަރުން ބުނާ ގޮތުގައި ލިމިޓު 1،200 އަށް އިތުރުކުރުމުން އެފަދަ ހާލާތްތަކުގައި ލިބޭ ބޮޑު ލުޔަކަށް ވާނެއެވެ. އިމަޖެންސީ ހާލަތްތަކުގައި ދިމާވެދާނެ ދަތިތަކާމެދު ކަންބޮޑުވުންވެސް ކުޑަވާނެއެވެ.
ރާއްޖޭން ބޭރުގައި މަސައްކަތް ކުރާ ދިވެއްސަކު "ވަން" އަށް ބުނީ ދިވެހި ރުފިޔާ އެކައުންޓު އެ ފަރާތްތަކަށް އާންމުކޮށް ބޭނުންވަނީ އިމަޖެންސީ ހާލަތްތަކުގައެވެ. ސަބަބަކީ އެ ގައުމުގައި މަސައްކަތް ކުރާތީ އެ ގައުމުގެ ފައިސާއިން މުސާރަ ލިބުމެވެ. ނަމަވެސް ބެކަޕެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ލިމިޓު އޮންނާތީ ދަތިވެއެވެ. އެ ފަރާތްތަކުގެ އުންމީދަކީވެސް އެކަމަށް ހައްލެއް ލިބުމެވެ.
އަންނަ ފެބްރުއަރީ މަހުން ފެށިގެން ލިމިޓު މަތިކުރަން ސަރުކާރުން ނިންމާފައިވާއިރު، އެކަމަށް އެންމެ ބޮޑަށް ތައްޔާރުވާން ޖެހޭނެ ބަޔަކީ ބީއެމްއެލް އެވެ. ޑޮލަރު ލިމިޓު މަތި ކުރުމުގެ ސަބަބުން ބޭންކަށް ކިހާ ވަރެއްގެ އަސަރެއް ކުރާނެތޯ "ވަން" އިން ސުވާލު ކުރުމުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ލިމިޓު އިތުރުކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ ބަދަލާއެކު ޑޮލަރު ބޭނުންވާނެ މިންވަރާއި ލިމިޓު އިތުރުކުރާނެ ނިޒާމެއް ގާއިމުކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބިގެންދާ އަދަދެއްގެ މައްޗަށް ބިނާކޮށް. ކާޑުން ބޭނުންކުރެވޭ ޑޮލަރު ލިމިޓަށް އަންނަ ބަދަލަކާ ގުޅިގެން އެކައުންޓުން ޑޮލަރު ނެގޭ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ" އޮފިޝަލު ވިދާޅުވިއެވެ. ބޭންކުގެ މައިގަނޑު ކަނބޮޑުވުމަކީ، ބޭންކަށް ލިބޭ ޑޮލަރުގެ އަދަދު މަދުވުމެވެ. ބޭންކަށް ވަންނަ ޑޮލަރުގެ އަސްލު މައްސަލަ ގުޅިފައި އޮންނަނީ، ގާނޫނީ ބައެއް ކަންކަމާއި، ރާއްޖޭގެ ވިޔަފާރީގެ އޮނިގަނޑާއި އުސޫލުތައް ހަމަޖެހިފައިވާ ހުންނަ ގޮތްތަކެއްގެ މައްޗަށެވެ.
ކޮންމެއަކަސް، ޑޮލަރު ލިމިޓް އިތުރުކުރުމުގެ މި ބަދަލަކީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޮޑު ލުޔެއް ލިބޭނެ ބަދަލަކަށް ވެގެން ދާނެއެވެ. އެ ބަދަލަށް ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް