މެޑިކަލް އެމަޖެންސީގަޔާއި 65 އަހަރުން މަތީގެ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދޭވޭނެ ގޮތް ހަދައިފިއެވެ.
އިމިގްރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ކުރުމަށް އިސްކަމެއްދީ، މެޑިކަލް އެމެޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހަދަން އަންނަ މީހުންނަށް ހިދުމަތްދޭން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވަނީ އުމުރުން ދުވަސްވީ ފަރާތްތަކަށާއި އެހެނިހެން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި ޕާސްޕޯޓަށް އެދެވޭނެ އެހެން ގޮތެއް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.
"މިއަދު 21 ޖެނުއަރީ 2024 އިން ފެށިގެން މެޑިކަލް އެމެޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް، އެ ފަރާތްތަކުން ބޭނުންނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" އިމިގްރޭޝަނުން ބުންޏެވެ.
މެޑިކަލް އެމެޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ހިދުމަތް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ ކަމަށާއި އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށް ހެނދުނު 8:30 އިން ހަވީރު 5:00 އަށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު