އާބަން ސެންޓަރުތައް ހަދާނީ 10،000 މީހުންގެ އާބާދީ ހިމެނޭ ސަރަހައްދުތަކުގައި ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ހައުސިން މިނިސްޓްރީން ވަނީ އާބަން ސެންޓަރުތަކުގެ ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް ކެބިނެޓަށް ހުށަހަޅާފައި ކަމަށެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު ހުރަހަކީ ކުދިކުދި ރަށްރަށުގައި ކުދިކުދި އާބާދީ ދިރިއުޅުން ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އާބަން ސެންޓަރުންތައް ހެދުމުގެ ވާހަކަ ހިމަނާފައިވާ ކަމަށެވެ.
ކެބިނެޓުން ވަނީ އާބަން ސެންޓަރުތައް ހެދުމަށް ބޭނުންވާ ދިރާސާކުރުމުގެ މަސައްކަތް ކުރަން ނިންމާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އާބަން ސެންޓަރުތައް ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދު ދެނެގަތުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއް ސަރަހައްދެއްގައި އެއް އާބަން ސެންޓަރަށްވުރެ ގިނަ އާބަން ސެންޓަރުތައް ހިމެނިދާނެ ކަމަށާއި އޭރުން އެ ސަރަހައްދެއް ވެގެންދާނީ އާބަން ރީޖަންއަކަށް ކަމަށެވެ.
އާބަން ސެންޓަރުތަކުގައި ހުންނަން ޖެހޭނެ ކްރައިޓީރިއަތަކާ ބެހޭގޮތުން ވެސް ކެބިނެޓުން ވަނީ މަޝްވަރާކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިގޮތުން އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ރަށް ނުވަތަ ރަށްތަކެއް އެކުވެގެން އެ ރަށެއްގެ ނުވަތަ އެ ރަށްތަކެއްގައި ދިރިއުޅޭ އާބާދީ، މި ދަންނަވަނީ ރެޒިޑެންޓް ޕޮޕިއުލޭޝަންގެ ޖުމުލަ 10،000 އަށްވުރެ ދަށްނުވާނެ ފަދަ ގޮތަކަށް،" ނާޒިމް ވިދާޅުވިއެވެ.
"އާބަން ޑިވެލޮޕްމެންޓް ރީޖަނެއްގެ ގޮތުގާ އެ ރީޖަނެއްގެ ހިމެނޭ ރަށްރަށުގައި ދިރިއުޅޭ އާބާދީ، މި ދެންނެވީ ރެޒިޑެންޓް ޕޮޕިއުލޭޝަން ޖުމުލަކުރުން 50،000 އަށްވުރެ އާބާދީ ދަށްނުވާނެ ގޮތްތަކެއް ބަލައިގެން މިކަން ކުރިއަށް ގެންދިއުން. އަދި މި 50،000 އާބާދީ ކުރިއަށްއޮތް 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެ އާބާދީ އިތުރަށް ފުޅާކުރުމަށް 100،000 އާބާދީއަކަށް އޭގެ ރެޒިޑެންޓް ޕޮޕިއުލޭޝަން ގެންދިއުމަށް ސިޔާސަތުތަކެއް އެކަަށަ އަޅައިގެން ކުރިއަށް ގެންދިއުން،" ނާޒިމް ވިދާޅުވިއެވެ.
އާބަން ސެންޓަރުތައް ހެދުމުގެ ދިރާސާގެ ތެރެއިން، އާބަން ސެންޓަރު ހަދާ ސަރަހައްދުން، ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ކަންކަން ވެސް ހިމަނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމުން، ތެޔޮ ރައްކާކުރުން އަދި ކާބޯތަކެތި ރައްކާކުރުމުގެ ނިޒާމު އެ ސަރަހައްދުގައި ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ އާބަން ސެންޓަރުތައް ހަދާއިރު އެތަނަށް ބޭނުންވާ އިންފުރާސްޓްރަކްޗާ ފަދަ ހިދުމަތްތަކަށް ބަލައި އާބަން ސެންޓަރުތައް ދަރަޖަކުރާނެ ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މަތީ ފެންވަރުގެ ޓާޝަރީ ހިދުމަތް ދެވޭނެ އާބަން ސެންޓަރުތަކަކީ ލެވެލް އެކެއްގެ ސެންޓަރެއް ކަމަށެވެ. ހިދުމަތް ދެވެން ހުންނަ މިންވަރަކުން އާބަން ސެންޓަރުތައް އެ އުސޫލުން ދަރަޖަ ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަނީ އާބަން ސެންޓަރުތައް ހަދާ ސަރަހައްދަކީ ސިޓީއެއްގެ ދަރަޖަ ދެވޭނެ ގޮތަކަށް ތަރައްގީކުރާ ސަރަހައްދަކަށް ހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު