ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވުމުގެ ސަބަބުން ހާލު ދެރަވެގެން 13 އަހަރުގެ ކުއްޖާ މަރުވި މައްސަލައިގެ ތަހުގީގަށް، ޑިފެންސް މިނިސްޓަރު ފޮރިން މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ކަމާބެހޭ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހާލު ދެރަވެގެން މާލެ ނުގެނެވި ގިނައިރުވުމާ ގުޅިގެން އިއްޔެ މަރުވެފައި ވަނީ، ގއ. ވިލިނގިލީ ޕެންޒީއާގެ އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދެވެ.
އެ ކުއްޖާގެ ބައްޕަ މުހައްމަދު ހާލިދު "ވަން" އަށް މައުލޫމާތުދެމުން ބުނީ، އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ނުގެނެވި ލަސްވީ ޝެޑިއުލް ފުލައިޓެއް ނުލިބިގެން ކަމަށެވެ.
އެ މައްސަލައިގައި ސަރުކާރުން އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ކުރަމުންދާ އިރު، އެކަމާބެހޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވައި އެކަމާމެދު މަޝްވަރާ ކޮށްފައެވެ.
މި ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އެ މައްސަލައާ ގުޅުންހުރި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގައި ތިއްބެވި އިސްފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީ ވެވަޑައިގެންނެވޭ ފެންވަރުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުން ފިލުއްވުމަށް ހުށަހަޅުއްވާ ކަމަށެވެ.
ރާއީގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވައި ރޮޒެއިނާ ވިދާޅުވީ، ސީދާ މިކަމާބެހޭ ދާއިރާތަކުގެ މިނިސްޓަރުން އެކަމަށް ޖަވާބުދާރީވާން ކޮމިޓީއަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އެގޮތުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ކަމާބެހޭ އެހެން އިދާރާތަކުގެ އިސް ބޭފުޅުންވެސް ކޮމިޓީއަށް ހާޒިރު ކުރައްވައި ޖަވާބުދާރީ ކުރުވުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުން ނިންމަވައިލައްވަމުން، ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލު ކުރާ އުސޫލަކީ ކޮބައިތޯ މުއައްސަސާތަކުގެ އިސްވެރިންނާ، ކޮމިޓީން ސުވާލުކޮށް ބަލާނެ ކަމަށެވެ.
އެ ނިޒާމަކީ ކޮބައިތޯ އާއި އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި ސަރުކާރުން ބަލި މީހުން އުފުލަން ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުން ކުރުމަކީ އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ސާފު ކުރާނެ ކަމަށާއި އެ ކަން ނެތް ނަމަ އޭގެ ބަދަލުގައި ހުށަހަޅާ ހިދުމަތަކީ ކޮބައިކަން ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެފަދަ ކަންކަމުގައި އަމަލުކުރާ އެސްއޯޕީތައް ހުރިތޯ ބަލައި، ވިލިނގިލީ ކުއްޖާ އުފުލުމުގައި އެ އެސްއޯޕީތަކަށް އަމަލުކުރެވިފައިވޭތޯ އާއި އިހުމާލެއް ވާ ނަމަ ކާކުގެ އިހުމާލެއްތޯ ވެސް ބަލާނެ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.
ކޮމިޓީގައި ބައިވެރިވި ގިނަ މެންބަރުން ވަނީ އެ ކުއްޖާ އުފުލުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަން މިހާތަނަށް އިދާރާތަކުން ނެރެފައިވާ ބަޔާންތަކުން ހާމަވާ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ލަސްވި އިރު، އިމަޖެންސީގައި އިންޑިއާގެ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރު ބޭނުން ނުކުރި ސަބަބެއް ސާފުވާން ޖެހޭ ކަން އެ މެމްބަރުން ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު