ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ދޭ ގޯތިތަކުގެ ތެރެއިން މިހާތަނަށް ނުހިއްކާ ހުރި ބިންތަކުން ގޯތި ލިބޭ މީހުންނަށް، އެ ތަން ހިއްކައި ނިމުމުން ރަޖިސްޓްރީ ލިބޭނެކަން ޔަގީންކޮށްދިނުމުގެ ގޮތުން ލިޔުމެއް ދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް މާލޭ ބިންވެރިންގެ ޖަމިއްޔާތަކުން ބުނެފި އެވެ.
މާލެ ރައްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީގެ އިތުރުން ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް ފަހު ރައީސްގެ މެސެޖު ހިއްސާކުރައްވަމުން ރޭ ސަލްޓަން ޕާކުގައި ބޭއްވި "ބިންވެރިންގެ ސައްލާ" ބައްދަލުވުމުގައި ވިދާޅުވީ، ބިން ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓަރީ ދެވޭނެ ކަމުގެ ޔަގީންކަން ދޭ ލިޔުމެއް ލިބުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ދެކިވަޑައިގަންނަވަ އެވެ. އަދި އެ ބިން އެހެން ތަނަކަށް ބަދަލު ނުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބިން ހިއްކައި ނިމުމުން ރެޖިސްޓްރީގައި ކޯޑިނޭޓްތައް ހިމަނައި ހަވާލުކުރެވޭނެ ވާހަކަ ހިމެނޭ ގޮތަށް ރަސްމީ ލިޔުމެއް މި ސަރަހައްދުތަކުން ބިން ލިބުނު ފަރާތްތަކަށް ދިނުމުގެ މަސައްކަތް އިނީޝިއޭޓް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި،" ސުނާދު ވިދާޅުވި އެވެ.
ސަލްޓަން ޕާކުގައި ރޭ ބޭއްވި "ބިންވެރިންގެ ސައްލާ" ބައްދަލުވުމުގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވެސް ވަނީ ސުނާދުގެ، އެ ވާހަކަތަކަށް ބާރު ދެއްވައި ބިން ލިބުނު ތަންތަނުން ބިން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ރަޖިސްޓަރީ ލިބެންދެން ލިޔުމެއް ދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
"ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޔަގީންކަމަކީ މަސައްކަތްވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ހިނގަމުންދާކަން. ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތްތައްވެސް، ހިއްކަމުންދާ މިންވަރަކަށް އެތަންތަނުން ބިން ހަވާލުކުރައްވަމުން އެގެންދަވަނީ. އަދި ވަގުތީ ގޮތުން މިއަދުގެ ހާލަތަށްވެސް ލިޔުމެއް ދެއްވެން އޮތް ބޭފުޅުންނަށް ލިޔުމެއް ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަން ސުނާދުއާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި ޔަގީންކަން ދެއްވާފަ އެވަނީ. ހަމަ އެއާއެކު އެތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ހިނގަމުން އެބަދޭ." ފިރުޒުލް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅާއި ގިރާވަޅުފަޅުން ދޫކުރަން ނިންމި 9،000 ގޯތީގެ ތެރެއިން، ބައެއް މީހުންނަށް އިން ކަނޑައި ގޯތީގެ ރަޖިސްޓަރީވެސް ހަވާލުކުރިއެވެ. ނަމަވެސް ނުހިއްކައި އޮތް ބައެއް ބިންތަކުގެ ރަޖިސްޓްރީ ދޫކޮށްފައިވާތީ، އެ ރަޖިސްޓްރީން ޕްލޭނިން މިނިސްޓްރީން ހަދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމާމެދު ސުވާލު އުފައްދަވައި ރަޖިސްޓަރީ ދޫކުރުން މެދުކަނޑާލިއެވެ. ރަޖިސްޓަރީ ދޫކުރުން މެދުކެނޑުމަކަށް ފަހު މި މަހު އަނެއްކާވެސް ވަނީ ރަޖިސްޓަރީތައް ދޫކުރަން ފަށައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު