ބަލިމީހުންނަށް ދޭންޖެހޭ ކުއްލި ފަރުވާ ދިނުމަށް މާލެ ގެނައުމުގައި އަމަލުކުރަމުންދާ އުސޫލު އިސްލާހުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް މަރުވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ހޯދައި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަކަށް ކަން ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

"މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފަ،" ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ، ސިއްހީ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފައިވަނީ ރައީސް އަންގަވައިގެން ކަމަށެވެ.

"ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެދިވަޑައިގެންފައެވެ..،" އެ ބަޔާނުގައިވެއެވެ.

ޖާހު މަރުވި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނީ، ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުން ނުކުރުމުގެ ސަބަބުން ފަރުވާއަށް މާލެ ގެނައުން ލަސްވުމުންނެވެ. ޖާހު މާލެ ގަނައުން ލަސްވީ ފުލައިޓެއް ހަމަޖެހުން ލަސްވުމުންނެވެ.