މަސްދޯނިތަކުގައި ރެސްކިޔު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ފަށާފައިވަނީ މިއަދު ގދ. މަޑަވެލީގައި ކަމަށެވެ. އެ ޕްރޮގްރާމުގައި 25 މީހަކު ވަނީ ބައިވެރިވެފައެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ ފީނައިގެން އެންވެރިކަން ކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިއަކީ ރެސްކިޔު ޑައިވަރެއްގެ ފެންވަރުގެ ސަނަދެއް ހާސިލު ކޮށްފައިވާ މީހަކަށް ހެދުން ކަމަށެވެ.
އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ރައްކާތެރިކަމާއެކު ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުން މުހިންމު ކަމަށެވެ. ރެސްކިޔު ޑައިވަރުން ތަމްރީނު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ރެސްކިޔު ފެންވަރަށް ތަމްރީނުވާ ބައިވެރިން ތަފާތު ހަ ކޯހެއް ފުރިހަމަކުރާނެ ކަމަށެވެ. އެ ޕްރޮގްރާމުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މިނިސްޓްރީގެ ފަރާތުން ވަނީ ހަ މީހަކު އައްޔަންކޮށްފައި ކަމަށެވެ. މަޑަވެލީގައި ދުއްވާ އަށް ދޯނިން އަށް ފަޅުވެރިއަކު މިހާރު ވަނީ ރެސްކިޔު ޑައިވާ ކޯސް ހެދުމަށް ފައިނަލް ނިންމާފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ރެސްކިޔު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ގއ. ވިލިނގިލި، ގއ. ދެއްވަދޫ، ގއ. ކޮލަމާފުށި، ލ. އަތޮޅު އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ކުރިއަށް އޮތް ހަފުތާގައި ރެސްކިޔު ޑައިވަރުން ތަމްރީނު ކުރުމަށް ބޭނުންވާ އިންސްޓްރަކްޓަރުން ލ. އަތޮޅަށާއި އައްޑޫއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު