އިންޑިއާގައި ފެރީއެއް ބަންޑުން ޖަހާލި ހާދިސާގައި 10 ކުޑަކުދިން މަރުވެއްޖެއެވެ.

އިންޑިއާގެ ގުޖުރާތުގެ ވަޑޯޑާރާގެ ހާނީލޭކްގައި އިއްޔެ ދުވަހު ހިނގި އެ ހާދިސާގައި 12 މީހުން ވަނީ މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ކުޑަކުދިންނާއި ދެ ޓީޗަރަކު ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

ހަތާވީސް މީހުންނާ އެކު ދަތުރުކުރި އެ ފެރީ ބޯޓު ބަންޑުން ޖަހާލި ނަމަވެސް އެ ބޯޓުގައި ސަލާމަތީ އެއްވެސް އާލާތެއް ނެތުމުން ގިނަ ކުދިން މަރުވެފައި ވަނީ ގެނބިގެން ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ގުޖުރާތުގެ ފުލުހުން ވަނީ އެ ހާދިސާގައި އަނިޔާވި ހަތް ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ.

ގުޖުރާތުގެ ޗީފް މިނިސްޓަރު ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި 400،000 ރުޕީސް އަދި އަނިޔާވި ކޮންމެ މީހެއްގެ އާއިލާއަށް 50،000 ރުޕީސް ދިނުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުފަވެއެވެ.