މާލޭގައި ޖިނާއީ މައްސަލަތުގެ ޝަރީއަތްތައް ވަނީ ހުއްޓިފައި ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
"ޤަޟާއީ އަހަރު 2024" އިފުތިހާހުކުރުމަށް ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކުރިމިނަލް ކޯޓު މިހާރު ހުންނަ އިމާރަތް ބާވުމުގެ ސަބަބުންނާއި މޫސުން ގޯސްވުމުގެ ސަބަބުން އެ ކޯޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. ކުރިމިނަލް ކޯޓުން، ކޮންމެހެން ނެރެން ޖެހޭ އަމުރުތައް ފިޔަވައި، އިތުރު މަސައްކަތެއް އެ ކޯޓުން ނުކުރެވޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިއްބަވާނެ ތަނެއް ނެތްކަން ފާހަގަ ކުރަން. ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޑްރަގް ކޯޓު އަދި ފެމިލީ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުމުގައި ވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. ބައެއް މެޖިސްޓްރޭޓް ކޯޓުތައް ހިންގުމުގައި ވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. ދަތިތައް ހުރި ނަމަވެސް އެ ކޯޓުތަކުން އަންނަނީ ހިދުމަތްދެމުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އަދި މަދަނީ އިޖުރާއަތުގެ ގާނޫނު، އޮތްގޮތުގެ ސަބަބުން، އެ ދެ ނިޒާމު ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ.
"މި ގާނޫނުތައް އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ހާސިލްކުރަން ބޭނުންވި މަގްސަދު ހާސިލް ނުވެ، މައްސަލަތައް ލަސްވެ، ފުނިޖެހޭ ގޮތް ވަނީ މެދުވެރިވެފައި. މި ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީއާއި އެކު ދެނެގަންނަން ޖެހޭ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން މަސައްކަތް ކުރާއިރު ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ވެސް ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ހަރަދުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމަށް ވެސް ބަދަލުތަކެއް ގެނެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އަދި މަދަނީ މައްސަލަތަކުގައި ވެސް ދައުލަތުގެ ހަރަދުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް މުހިންމު ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު