ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ ޔުގެންޑާގައި ކުރިއަށްދާ ނަން އެލައިންޑް މޫވްމަންޓް (ނާމް)ގެ ހަވާސާގެ ތެރެއިންނެވެ.

ޒަމީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން، އަނބުރާ ގެންދިއުމާ ގުޅޭގޮތުންނާއި އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ނާމް އަދި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖައިޝަންކަރު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ނާމްއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން، ޒަމީރުއާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައި މިވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވަމުންދާ ދުވަސްވަރެއްގައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗު މަހުގެ 15 ދުވަހުގެ ކުރިން، އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް އެންގެވުމުން ދެގައުމުގެ ގުޅުމަށް ވަނީ އަސަރުތަކެއް ކޮށްފައެވެ.