ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ނޭޝަނަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި ވާދަކުރެވޭނެ ގޮތް ހެދުމަށް އެ ޕާޓީން އިލެކްޝަން ކޮމިޝަން (އީސީ) ގައި އެދިއްޖެއެވެ.

ޕީއެންއެފްގެ އިސް ޓީމަކުން އީސީގެ މެމްބަރުންނާއެކު އެ ކޮމިޝަންގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންއެފްގެ އިސް މެންބަރެއް ކަމަށްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، އީސީގެ މެންބަރުންނާ އެ ޕާޓީން ބައްދަލުކުރީ މައިގަނޑު ދެ ބޭނުމެއްގައި ކަމަށެވެ.

މަލީހް ވިދާޅުވީ، ރޯދަ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަކީ ބޮޑެތި ހުރިހާ ޕާޓީތަކުންވެސް އެދޭ ގޮތް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗު 17 ވަނަ ދުވަހުއެވެ.

މަލީހް ވިދާޅުވީ، ޕީއެންއެފް ރަޖިސްޓަރީ ކުރުމުގެ ކަންކަން ގުޅިފައިވަނީ ރައީސް ޔާމީންގެ ޝަރީއަތާ ކަމަށާއި ނަމަވެސް އެ ޕާޓީން މަޖިލީހުގެ ގިނަ ގޮނޑިތަކަކަށް ވާދަކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމު އިލެކްޝަން ކޮމިޝަނުން ހަމަޖައްސަވައިދެއްވާށޭ. އެކަމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތޭ އަޅުގަނޑުމެންގެ ނަޒަރުގައި. ޕާޓީގެ ލޯގޯ، ޕާޓީގެ ނަން އޮތުމަކީ އަޅުގަނޑުމެން އެދޭ އެދުމެކޭ،" މަލީހް ވިދާޅުވިއެވެ.

މަލީހް އިތުރަށް ވިދާޅުވީ، ޕީއެންއެފްގެ ރަޖިސްޓްރީގެ ކަންކަން އަވަސް ކުރަން އީސީގެ އޮންލައިން ޕޯޓަލްގެ އެކްސެސް އެ ޕާޓީއަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެންމެ މުއައްސަސެއްގެ ބަދަލުގައި ގިނަ މުއައްސިސުން ބައިވެރިވެގެންވެސް ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދާ ދޭން އީސީން ނިންމާފައިވާ ކަމަށެވެ.