ކުރިމިނަލް ކޯޓު ހިންގާ އިމާރާތުގެ ބައެއް ބޭނުން ނުކުރަން އެންގުމާ ގުޅިގެން ހުސްވި 2023 ވަނަ އަހަރު ނިންމުނު މައްސަލަތައް އޭގެ ކުރީ އަހަރަށްވުރެ 54 ޕަސެންޓް މަދުވެފައިވާ ކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ.

ކުރިމިނަލް ކޯޓުން މިއަދު ބުނީ، 2023 ވަނަ އަހަރު އެ ކޯޓަށް ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ އަހަރަށްވުރެން އިތުރު ކަމަށެވެ. ނަމަވެސް އެ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޯޓު އިމާރާތުގެ އެއްބައި ބޭނުން ނުކުރަން އެންގުމާ ގުޅިގެން، ކޯޓުގެ ޝަރީއަތްތަކަށް ބުރޫ އަރައި ކޯޓުން ޝެޑިއުލް ކުރި މައްސަލައިގެ އަދަދާއި ކޯޓުން ނިންމި މައްސަލައިގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކުރިމިނަލް ކޯޓު ހިންގަމުން އަންނަ އިމާރާތުގެ ބައެއް ބޭނުންކުރުން ހުއްޓާލަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެންގީ އެ އިމާރާތް ބާވެގެން މަސައްކަތް ކުރެވޭވަރު ނުވާތީއެވެ.

އެކަމާ ގުޅިގެން އެ މުޅި އިމާރާތުގައި މަސައްކަތް ނުކޮށް، ކުރިމިނަލް ކޯޓު ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީ ހިންގި އިމާރާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް މީގެ ކުރިން ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ކުރިމިނަލް ކޯޓުން މިއަދު ބުނީ، 2023 ވަނަ އަހަދު އެކޯޓަށް 854 މައްސަލަ ހުށަހެޅި ކަމަށެވެ. މިއީ އޭގެ ކުރީ އަހަރު ހުށަހެޅި މައްސަލަތަކަށްވުރެން 64 މައްސަލަ އިތުރު އަދަދެކެވެ. އަދި 2023 ވަނަ އަހަރު 7242 ތާވަލް ކުރި އިރު މިއީ އޭގެ ކުރީ އަހަރަށްވުރެން 43 ޕަސެންޓް މަދު އަދަދެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން 2023 ވަނަ އަހަރު 497 މައްސަލަ އެ ކޯޓުން ނިންމާފައިވާ އިރު މިއީ އޭގެ ކުރީ އަހަރަށްވުރެ 54 ޕަސެންޓް މަދު އަދަދެއް ކަމަށްވެސް ބުނެފައިވެއެވެ.