ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ އިސްލާމީ ބައެއް ގައުމުތަކަށް ޖިހާދު ކުރުމުގެ ނަމުގައި ގޮސް އެކަމުގައި ބައިވެރިވުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ރާއްޖޭގައި އިސްލާމީ ފަތުވާގެ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކައުންސިލް ފޯ ފަތުވާ އިން މިއަދު ނެރުނު ފަތުވާގައި ވަނީ ފަހަކަށް އައިސް ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ އިސްލާމީ ބައެއް ގައުމުތަކަށް ޖިހާދު ކުރުމުގެ ނަމުގައި ދިވެހީންގެ މަދު ބަޔަކު ނަމަވެސް ދާތަން ފެންނަ ކަމަށާއި ކީރިތި ރަސޫލާ ﷺ ގެ ސާފު ސަރީހަ ބަސްފުޅުތަކުން އެނގޭ ގޮތުގައި މުސްލިމުންނާއި މުސްލިމުން ހަނގުރާ ކުރުމަކީ ހަރާމް ކަމެއް ކަމަށެވެ.
އެ ކަމާ ދެކޮޅަށް މުސްލިމުން ކުރަންވީ ކަމަކީ އެ ކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި ދުއާ ކުރުން ކަމަށް ފަތުވާގައި ބުނެފައިވެއެވެ.
ފަތުވާގައި ބުނީ، އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ފިތުނައެއް ކަމަށާއި އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަކީ، އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއް ކަމަށެވެ.
"ދާހިލީ ހަނގުރާމަތައް ހިނގަމުންދާ ސޫރިޔާ ފަދަ ގައުމުތަކުގައި ޖިހާދު ކުރަން ބޭނުންވާ އެ ގައުމުގެ ޒުވާނުން އެބަތިއްބެވެ. މި ޒުވާނުންނަކީ ވަރަށް ރަނގަޅަށް ތަމްރީނު ލިބިފައިވާ އެކަމަށް ގާބިލު ބައެކެވެ. އެ މީހުން އެދެނީ އެ މީހުންނަށްޓަކައި ހެޔޮ ދުއާކޮށް ދިނުމަށެވެ. މިއަދު ހާލަތު އޮތް ގޮތުން އިތުރު ބަޔަކު އެ މީހުންގެ ގާތަށް ދިއުމަކަށް އެ މީހުންނެއް ނޭދެއެވެ. އެކަމުގައި އެ މީހުންނަށް ތަހައްމުލު ކުރަން ޖެހޭ ދަތި ބުރަތަކެއް ހުރީމައެވެ،" ފަތުވާގައިވެއެވެ.
ފަތުވާގައި ބުނީ، އިސްލާމީ ދުނިޔޭގެ ބޮޑެތި އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ސޫރިޔާ ފަދަ ބައެއް އިސްލާމީ ގައުމުތަކުގެ ހާލަތަށް ބަލާއިރު ޖިހާދު އަދި އައިނިއްޔަ ފަރުލަކަށް ނުވާ ކަމަށާއި ކިފާޔަތުގެ ފަރުލެއް ކަމަށް ބަލައިފި ނަމަ ޖިހާދަށް ދެވޭނީ ވަލިއްޔުލްއަމްރުގެ ހުއްދަ އާއި މައިންބަފައިންގެ ހުއްދާއެކުގައި ކަމަށެވެ.
ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައި މިވަނީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހި އާއިލާތަކުގެ ތެރެއިން 21 މީހަކު މިދިޔަ އަންގާރަ ދުވަހު ހެނދުނު ދިވެހި ދައުލަތުގެ ހަރަދުގައި ޗާޓަރު ފްލައިޓެއްގައި ގެނެސްފައިވަނިކޮށެވެ. އެ މީހުންގެ ތެރޭގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ. އޭގެ އިތުރުން 100 އަށްވުރެ ގިނަ ދިވެހީން ރާއްޖެ އަންނަ ބޭނުންވާ ކަމަށް ދައުލަތުގައި އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު