ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު 13 ފަރާތަކުން ފުރިހަމަކޮށްފިއެވެ.
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކުރި 13 ފަރާތަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ. ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ބޯޑު އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުން ވަނީ 21 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 14 ވަނަ ބެޗަށްވެސް މަރުހަބާ ކިޔައިފައެވެ. ދިރާގުން ބުނީ ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު އެ ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ލިބިގެންދާނެ ކަމަށެވެ. އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން ގައުމީ އިޖުތިމާއީ ޒިންމާގެ މައިދާނުގައި އެންމެ ކުރިއަރާފައިވާ ކުންފުންޏަކީ ދިރާގު ކަމަށާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ސަބަބުން ދިވެހި ޒުވާނުންގެ ކުރިއެރުމާއި ހުނަރު އިތުރުކުރުމަށް މުހިންމު މަގުތަކެއް ފަހިވެގެންދާ ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވައި ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ސަބަބުން އިންކްލޫސިވް އަދި ދެމެހެއްޓެނިވި "ޑިޖިޓަލް ރާއްޖެ"އެއް އުފެއްދުމުގެ ވިސްނުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާގުން ބުނީ އެޕްރެނެޓިސްޝިޕް ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް އަދާކުރާ މީހުން ކަމަށެވެ. އެއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ކާމިޔާބު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފުކުރި އެފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް އިސްކަންދޭ ޕްރޮގްރާމެއް ކަމަށާއި 2009 ވަނަ އަހަރު ފެށިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި މިހާތަނަށް 268 ޒުވާނު ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު