ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއް ވާގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަންޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އާ ފިއުލްޕަންޕު ސްޓޭޝަނެއް ގާއިމު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ،

ސްޓެލްކޯގެ ޓްރޭނިން ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބުދުﷲ ޒިޔާދުއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ފަހުމީ ވިދާޅުވީ ޕަންޕް ސްޓޭޝަން ނެގުމުގެ މަސައްކަތަކަށް 7.1 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި ރާވާފައިވަނީ 60 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ކަމަށެވެ.

ނަމަވެސް އެކަން ކުރެވެން އަންނަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ލިބިގެންކަން ކަމަށާއި އެ މަސައްކަތް ފެށުމުގެ މަރުހަލާ ކުރިއަށްގެންދެވޭނީ އީޕީއޭގެ މިންގަނޑުތަކުން ބަލަން ހުރި ކަންކަންބެލުމަށްފަހު، އެކަަމަށް ހުއްދަ ލިބުމުން ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

"އަދި ފުލް ޑިޒައިންއެއްވެސް ފައިނަލްވެފައި ނެތް. ފައިނަލް ކުރެވޭނީ އީޕީއޭއިން ނިންމާ ނިންމުންތައް ނިންމާ ހުއްދަދިނުމުން،" ފަހުމީ ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް އެބަހުރި ކަމަށާއި އެންމެ ފުރަތަމަ މަސައްކަތާ ގުޅޭ ސާވޭ ހަދަން ޖެހޭ ކަމަށެވެ. އެ ސާވޭއަށް ފަހު ޝީޓްޕައިލްކޮށް ޕްލެޓްފޯމެއް ހަދާނެ ކަމަށާއި އެއަށް ފަހު ސްޓްރަކްޗާ ހަދައި މެޝިނަރީތައް ބަދަލު ކުރަން ފަށާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.