ގާޒާއަށް ސިއްހި ސާމާނާއި ބޭސް ވައްދަން އިޒްރޭލާއި ހަމާސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ އެއްބަސްވުން މީޑިއޭޓް ކުރީ ގަތަރުންނެވެ. ދެފަރާތުން އެއްބަސްވެފައި ވަނީ ހަމާސްއިން ގާޒާގައި ރަހީނުކޮށްފައި ތިބި މީހުންނަށް ބޭސް ފޯރުކޮށްދިނުމަށާއި ގާޒާގެ ހާލަތު އެންމެ ގޯސް ހިސާބުތަކަށް ބޭހާއި އެހީ ފޯރުކޮށްދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެކަމާ ގުޅިގެން ބޭރުގެ މީޑިއާތަކަށް ވިދާޅުވީ ގާޒާއަށް ފޮނުވާ އެހީ މިއަދު ފޮނުވާނެ ކަމަށާއި އެ އެހީ ފޮނުވަނީ ދޯހާއިން މިސްރުގެ އެލް އަރިޝް ސިޓީއަށް ކަމަށެވެ. އެ ސިޓީން އެތަކެތި ގާޒާއަށް ފޮނުވުމަށް ތައްޔާރު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާގޮތުން ރަހީނުކޮށްފައި ތިބި 45 މީހަކަށް އެހީގެ ޕެކޭޖުތައް ފޮނުވާ އިރު، ގާޒާއިން އެތަކެއްޗާ ހަވާލުވެ ހޭންޑްލް ކުރާނީ ރެޑް ކްރޮސްއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިޒްލޭރަށް ދިން ހަމަލާއަށް ފަހު އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަން ޔާހޫ އިއުލާންކުރެއްވި ހަނގުރާމައަށް މިހާތަނަށް 100 އަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ގާޒާއިން 24،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.