ވިވިއަންގެ ޖުމްލައިން ރުހައިމްއަށް ލިބުނީ ނުތަނަވަސްކަމެވެ. ހިތުގައި އުފެދިގެން އައި ސުވާލުތަކުން ބިރުވެރިކަމުގެ ވިންދުތައް ހަށިގަނޑުގެ ހިމަ ނާރުތަކާ ހަމައަށް ވާސިލު ވެއްޖެއެވެ. ވިވިއަންގެ މޫނަށް ބަލަން ރުހައިމްއަށް ހުރެވުނެވެ. ހިތުގެ ސުވާލުތަކަށް ޖަވާބު ބޭނުން ވެފައެވެ. ވިވިއަންގެ ވާހަކަތައް އޭނައަށް ދޭހައެއް ނުކުރެވުނެވެ. މިހުރިހާ ދުވަހެއް ވަންދެން ނާލާއާ ދުރުން އޭނަ އުޅުނީ ނާލާގެ ނިންމުންތަކަށް އިހްތިރާމު ކުރުމަށެވެ. އޭނަ ފެނުމުން ނާލާއަށް އިތުރު ހިތްދަތިކަމެއް ލިބިދާނެތީއެވެ. އެކުގައި ނޫޅެވޭނަކަމުގެ ހިތި ހަޤީޤަތާ އޭނަ ކުރިމަތިލިއެވެ. ހިތުގައި އޮތް ލޯބި ވޭނަކަށް ވިޔަސް ނާލާއަށް ޓަކައި އެހިތް ޤުރުބާން ކުރަން ވެސް އޭނަ ހުރީ ތައްޔާރަށެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ނާލާގެ ދިރިއުޅުން އޭނައާ ނުލާ އާރާސްތުވެދާނެކަމަށެވެ. ނަމަވެސް ކަންފަތަށް އަޑު އިވުނު ބިރުވެރި ވާހަކަތަކުން މުޅި މީހާ ހާސްކުރުވައިފިއެވެ.
''މިހާ ދުވަސް ވީއިރުގައި ވެސް ރުހައިމްއަށް ނާލާގެ ހާލު ނޭނގޭތަ؟، ސަޗް އެ ޕިޓީ... މުހިންމު މީހަކަށް ވެސް ނުވިތާ...'' ވިވިއަންގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެއްޖެއެވެ. މަސްރަހު ގަޑުބަޑުކޮށްލެވުމުން ނުލަފާ ހިންޏެއް ވެސް އަތުވެއްޖެއެވެ.
ރުހައިމްގެ ފުރަގަހުގައި ހުރި ޔަޝްފީއަށް ވެސް ވިވިއަން ނަޒަރެއް ދިނެވެ. އޭރު ޔަޝްފީގެ މޫނު އަނދިރިކަމުން ހީވަނީ ކަޅުފޮއިއަނދިރި ރެޔެއް ހެންނެވެ. ދެލޮލުން އަލިފާން ކަނި ވެސް ބުރައެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަން ދިނުމެއް ނެތި ވިވިއަން އަވަސްވެގަތީ އެތަނުން ދާށެވެ. އޭނަގެ މަޤުސަދު ހާސިލު ވެއްޖެއެވެ.
''ބުނަން ތިއުޅެނީ ކީކޭތަ؟'' ފަސްދީފައި ދާން އުޅުނު ވިވިއަންއަށް ރުހައިމް ބުނެލިއެވެ.
''އެއްޗެއް ބުނަން އެބަ އުޅެންތަ؟'' ފިޔަވަޅުތައް މަޑުޖައްސާލުމަށް ފަހު، ފަސްއެނބުރި ރުހައިމްގެ މޫނަށް ވިވިއަން ބަލައިލިއެވެ. އޭނަ މަސައްކަތް ކުރީ ރުހައިމް އިތުރަށް ތަޅުވާލާށެވެ. ރުހައިމްގެ މޫނުން ފެންނަމުން ދިޔަ އަސަރުތަކުން އިތުރު ހިތްވަރެއް ވެސް ލިބުނެވެ.
''ނާލާގެ ވާހަކަ ފެށީ ކީއްވެގެންތަ... ނާލާއަށް ކިހިނެއްވެގެންތަ އުޅެނީ؟...'' ތެޅިތެޅި އޮތް ހިތަކާއެކު ރުހައިމް ސުވާލުކުރިއެވެ. އޭނަގެ ހަމަޖެހުން ގެއްލިއްޖެއެވެ. ނާލާގެ އަޑު އިވުނީއްސުރެން ހިތުގެ އިހުސާސްތައް އަމިއްލަ އިހުތިޔާރުގެ ދަށުން ދޫވެއްޖެއެވެ. ފަހަތުގައި ޔަޝްފީ ހުރިކަން ވެސް ރުހައިމްއަށް ހަނދާން ނައްތާލެވުނެވެ.
''ރުހައިމް އާއި ނާލާއާ ދެމެދު އޮތީ ކޮން ގުޅުމެއްތަ؟... ކީއްވޭ ނާލާގެ ހާލު އެނގެން ބޭނުމީ؟، ރުހައިމްއެއް ނޫންތަ އެހާލު ނާލާއަށް ޖެއްސީ!، ރުހައިމްގެ ފަރާތުން ލިބުނު ހިތްދަތިކަމުން ހުރިހާކަމެއް ވެދިޔައީ، ޔޫ ރުއިންޑް ހާރ ލައިފް... ދެން ހަމްދަރުދީވަނީ ކީއްވެތަ؟... މިހާރު ތީ ދެ ބީރައްޓެހިން... އަހަރެން ނުޖެހޭނެ ރުހައިމްއަށް އެއްވެސް އެއްޗެއް ބުނެދޭކަށް، އެއީ ރުހައިމްގެ ހައިސިއްޔަތެއް ނޫން...'' ރުހައިމްއަށް އައި ކުއްލި ބަދަލުތަކުން ޔަޝްފީއަށް ހައިރާންކަން ވެސް ލިބުނެވެ. ނަމަވެސް އެއިހުސާސްތަކުގެ ފަހަތުގައިވާ މާނައާ މެދު ވިސްނާލުން މުހިންމު ކަމެއްކަމުގައި ނުދެކުނެވެ.
''ވިވިއަން...'' ރުހައިމްގެ އަޑުގައި އާދޭސް ވިއެވެ. ދެލޮލުން ވެސް ނުތަނަވަސްކަން ފާޅުވެއެވެ. ނާލާގެ ހާލު އެނގެން ރުހައިމް ހުރީ ނުހަނު ބޭނުން ވެފައެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ހިތާމަޔާއި ހިތްދަތިކަމުގެ މައްޗަށް ނަސްރު ހޯދައި ނާލާގެ ދިރިއުޅުން އާބާދުވެއްޖެކަމަށެވެ. އެހެނަސް އެއީ އޭނައަށް ކުރެވުނު ކުށްހީއެކެވެ. ހަޤީޤަތް ފެންނަންމުން ދަނީ ބިރުވެރިކަމާއެކުގައެވެ.
''އެކަކު ވެސް ރުހައިމްއަށް އެންގުން މުހިންމު ކަމަކަށް ނުދެކުނު، ރުހައިމްގެ މަންމަ ވެސް އެއްވެސް ކަމެއް ހާމައެއް ނުކުރޭދޯ؟، ނާލާ މިހާރުވީ މެލޭގައި ކަން ވެސް ނޭނގޭތަ؟... އަސްލު އެނގޭކަށް ވެސް ނުޖެހޭ ދޯ، ދެމީހުން ވަރިވެއްޖެ ވިއްޔާ...'' ވިވިއަން ބުނެލިއެވެ. އަޑުގައި ވަނީ މަލާމާތެވެ.
''ބުނަން ތިއުޅޭ އެއްޗެއް ސާފުކޮށް ބުނެބަލަ...'' ރުހައިމް ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އޭނައަށް ކުރިއަށް ފިޔަވަޅެއް ވެސް އަޅާލެވުނެވެ.
''ރުހައިމް!...'' ލޯކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރުތަކުން ޔަޝްފީ ރުޅިގަދަ ވެއްޖެއެވެ. ނާލާގެ ވާހަކަ ދެކެވުމުން ރުހައިމްއަށް އައި ބަދަލުތަކުން އޭނަގެ މުޅި ދުވަސް ވެސް ޚަރާބުވެއްޖެކަމުގެ އިހުސާސްކުރެވުނެވެ. މިހުރިހާ ދުވަހަކަށް ފަހު ސުންޕާގެ އުނދަގޫ ކުރިމަތިވެއްޖެޔޭ ވެސް ޔަޝްފީގެ ހިތަށް އެރިއެވެ.
އޭނަގެ އަޑަށް ރުހައިމް އިޖާބަ ނުދިނުމުން ޔަޝްފީ ވަކިން ބޮޑަށް ރުޅިގަދަ ވެއްޖެއެވެ. ދަތްޕިލަޖައްސާ ބާރުކޮށްލަމުން ވިވިއަންއަށް ޔަޝްފީ ބަލައިލިއެވެ. ދެލޮލުން ބުރަމުން ދިޔަ އަލިފާނުގެ ކަނިތަކުން ވިވިއަން އަންދާ އަޅިއަށް ހަދާލަން އުޅުނު ކަހަލައެވެ.
''ބުނެގެން ވާނެ ފައިދާއެއް އެބައޮތްތަ؟...'' ޔަޝްފީ ސުވާލުކޮށްލިއެވެ. ''ރުހައިމް ކީއްތަކުރާނީ؟...''
''އެއީ ވިވިއަންއަށް އެނގުން މުހިންމުކަމެއްކަމުގައި ނުދެކެން... އަހަންނަށް އެނގޭ ނާލާއާ މެދު ވިވިއަން ރަނގަޅަށް ނުދެކޭކަން...'' ރުހައިމް ބުންޏެވެ.
ޔަޝްފީއަށް މޫނު ހަދާލެވުނެވެ. ހަށަން ބަނދެލަމުން ތުންއަނބުރާލިއެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެ ދިޔަ އެވެ.
''ތިހާވަރުން އެނގެން ބޭނުމިއްޔާ ބުނެފާނަން، ނާލާ މިހާރު ދަނީ ކެންސަރުގެ ފަހު ސްޓޭޖާއި ހަނގުރާމަ ކުރަމުން... ދިރިހުންނާނެ ކަމުގެ އުއްމީދު ވެސް ކަނޑާލައިފި... މެލޭޝިޔާގައި މިހާރު ތިބީ...'' ވިވިއަން ބުނެލިއެވެ. ''އިތުރު ތަފުސީލެއް އަހަންނަކަށް ދެވެން ނެތް...''
ރުހައިމްއަށް ހީވީ ބާރުގަދަ އަތަކުން މޫނުމައްޗަށް ހޫނު ހަމަލާއެއް ދިން ހެންނެވެ. މޫނު މައްޗަށް ވެސް އަނދިރިވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ފަހަތަށް ފިޔަވަޅެއް ވެސް އަޅާލެވުނެވެ. ކަންފަތުގައި އޭރު ގުގުމަމުން ދިޔައީ ވިވިއަންގެ ޖުމްލައެވެ. އެޖުމްލަ ތަކުރާރުވާ ކޮންމެ ފަހަރަކު ހިތުގައި ޅިޔަ އެޅިގެންދެއެވެ. ފަސޭހަވުމެއް ނެތް ޒަހަމްތަކެއްގެ ސިފައިގައެވެ. ހިތުގެ ވޭން ބަރުދާސްތުކުރެވޭ ވަރެއް ވެސް ނުވިއެވެ.
ލަސްލަހުން ދެފަރާތަށް ރުހައިމްއަށް ބޯހޫރާލެވުނެވެ. އެހަޤީޤަތާ ކުރިމަތިލާން އޭނަ ބޭނުމެއް ނޫނެވެ. އެފަދަ ވޭނެއްގައި ދުނިޔެއަޅައި ނާލާ ހިނގައިދާން ވެސް ބޭނުމެއް ނުވިއެވެ. އެއީ ވިވިއަންގެ ނުބައި ސަމާސާއެކެވެ. ވިވިއަންގެ ހަޤީޤަތް އޭނައަށް ރަނގަޅަށް އެނގެއެވެ. ދޮގު ޚަބަރު ފަތުރަނީއެވެ. ފިތުނަ އުފައްދަން މަސައްކަތްކުރަނީއެވެ.
''ދޮގު ހަދަނީ ކީއްކުރަން؟...'' ރުހައިމް ގާތަށް އައީ ރުޅިއެވެ. ހިތާމަޔާއި މާޔޫސްކަން އާހިރުގައި އިހްތިޔާރުކުރީ ރުޅިވެރިކަމެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ރުހައިމްއަށް ދެލޯ ހަނިކޮށްލެވުނެވެ.
''އަހަރެން ދޮގެއް ނުހަދަން، އެއީ ހަޤީޤަތް، ޤަބޫލުކުރުމާއި ނުކުރުން އޮތީ ރުހައިމްގެ އަތް މަތީގައި... މިހާލަތު ކުރިމަތިވީ ވެސް ރުހައިމްއާ ހެދި... އެކަނިމާއެކަނި އެކަމާ ކުރިމަތިލާން ނާލާއަށް ޖެއްސި މީހަކީ ވެސް ރުހައިމް... ދެން ރުހައިމް ކީއްވެ ނާލާއާމެދު ފިކުރުބޮޑުވަނީ؟... ރުހައިމް އެއް ނޫންތަ ނާލާއަށް އޮޅުވާލީ، ވަރިވާން މަޖުބޫރުކުރީ... ރުހައިމްގެ އަނބިމީހާ ގާތުގައި އެބަހުއްޓެއްނު، އަނބިމީހާ އެހުރީ ބަލިވެ، ހިލޭ އަންހެނަކާ މެދު ވިސްނުމަށް ވުރެން ތިމާގެ އަނބިމީހާއާ މެދު ވިސްނުން މާރަނގަޅު ވާނެހެން އަހަންނަށް ހީވަނީ...'' ވިވިއަން އަވަސްވެގަތީ އެތަނުން ދާށެވެ. ރުޅިވެރިކަމުގެ ހޫނު އަލިފާން އޭނައަށް އިހުސާސްކުރެވުނީ ޔަޝްފީގެ ތޫނު ނަޒަރުންނެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ނުރައްކާތެރިކަމުގެ ވިދުވަރުތަކުން ޖެހިލުންވުން ވެސް ހިތުގައި އުފެދުނެވެ. ފިޔަވަޅުތައް ބާރުކޮށްލަމުން އެތަނުން ދާން ވިވިއަން އަވަސްވެގަތެވެ.
ރުހައިމްގެ ހިތުގައި އުފެދުނު ރިހުމުގެ އަސަރުތައް ކަރުނައިގެ ހޫނުކަން އިހްތިޔާރުކުރިއެވެ. ދެލޯފުރިގެން ދިއުމާއެކު އޭނައަށް އަވަސްއަވަހަށް ކަރުނަ ފޮހެލެވުނެވެ. އޭރު ވެސް މޭގެތެރޭގައި ހިތް ފިތެމުން ދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލުމުން ވެސް މީހާ ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ. އޭނައަށް ތަސައްވަރުކުރެވެމުން ދިޔައީ ނާލާ އުޅޭނެ ދަތި ހާލެވެ. އުފުލަމުން ދާނެ ތަކުލީފުތަކެވެ. ހިތުގައި ވާނެ ބިރުވެރިކަމެވެ. މުސްތަޤުބަލާ މެދު އޮތްނާނެ ޖެހިލުންވުންތަކެވެ.
ޚިޔާލުތަކުގައި ކުރެހެން ފެށި ކޮންމެ ތަސްވީރަކުން ލިބުނީ ހިތްދަތިކަމާއި ވޭނެއެވެ. ނާލާގެ އުފާވެރިކަން ފޭރިގަނެވުނު ދެއަތަށް ރުހައިމްއަށް ބަލައިލެވުނެވެ. ރިހުން އެދެލޮލުގައި ވިއެވެ.
ރުހައިމްއަށް އޭނަގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ހުރިހާ ކަމެއްގެ ނުބަޔަކީ އޭނައެވެ. ނާލާގެ މައްޗަށް އަނިޔާވެރި ނުވެވުނުނަމަ މިދުވަސް ދެކެން ނުޖެހުނީހެވެ. އޭނަގެ އިހުސާސްތައް ކޮންޓްރޯލް ކުރެވުނު ނަމަ މިއަދު ނާލާގެ ގާތުގައި ހުރުމުގެ ނަސީބު އޭނައަށް ލިބުނީހެވެ. ނާލާއަށް މަދަދުވެރިކަމުގެ އަތެއް ވެސް ދިއްކޮށްލެވުނީހެވެ. ނަމަވެސް މިއަދު އޭނައަށް ފުރުސަތެއް ވެސް ލިބުމެއް ނެތެވެ. ނާލާގެ ބަލީގެ ޚަބަރު އޭނަގެ ކަންފަތާ ހަމައަށް އައީ ވެސް ނާލާގެ ދުޝްމަނެއްގެ ފަރާތުންނެވެ. ނާލާ ބިކަކޮށްލެވިއްޖެ މިންވަރާ މެދުގައި ވެސް ރުހައިމްއަށް ވިސްނާލެވުނެވެ. ހިތުގެ ވޭން ބަރުދާސްތުކުރުން ދަތިކަމަކަށް ވެއްޖެއެވެ. ހިތް ބިރުވެރިކަމުން ފުރާލީ ދެން ނާލާއާ ބައްދަލުކޮށްލުމުގެ ނަސީބު ނުލިބޭނެތީއެވެ. ނާލާގެ ގާތުން މަޢާފަށް އެދެން އޭނަ ބޭނުން ވިއެވެ. އެލޯތްބަށް އޮޅުވާލެވުމުންނެވެ. ހިތުގައި ޖެއްސުމުންނެވެ. ދޮގު ހަދައި ހިތް ހަލާކުކޮށްލެވުމުންނެވެ.
އޭނައަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ ނާލާގެ މުޅި ހަޔާތް އޭނަގެ ސަބަބުން ބަރުބާދުވެގެން ހިނގައްޖެއެވެ. ނާލާގެ ހިތް ރަހުމެއް ނެތް ގޮތެއްގައި ހަލާކުކޮށްލެވިއްޖެއެވެ. ހާދަ ދެރައެވެ. ނާލާ އުޅޭނެ ނިކަމެތި ހާލު އޭނައަށް ތަސައްވަރެއް ވެސް ނުކުރެވޭނެއެވެ. މިހުރިހާ ދުވަހު ނާލާ އުޅެމުން ދިޔައީ އުފަލުގައިކަން ވިސްނަން ބޭނުންވީ ކުށްވެރިކަމުގެ އިހުސާސްތަކާ ދުރުވާށެވެ. ނަމަވެސް ހަޤީޤަތް ނިކަން ހިއްޗެވެ.
''ރުހައިމް...'' ރުހައިމްގެ އަތުގައި ޔަޝްފީއަށް ހިފާލެވުނެވެ. އެއާއެކު ރުހައިމް ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ޔަޝްފީގެ އަތްފޮޅުވާލެވުނެވެ. ދުރަށް ޖެހިލެވުނެވެ.
''ސޮރީ...'' ރުހައިމްއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނާލާގެ މައްޗަށް އަނިޔާވެރިވުމަށް ފަހު ޔަޝްފީއާ މެދު ވެސް އިންސާފުން ކަންތައް ނުކުރެވުނެވެ. އޭނައަކީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ އިންސާނުންގެ ގިންތީގެ ތެރޭގައި އޭނަ ހިމެނޭނެ ހެއްޔެވެ؟ އޭނައަށް ލިބިފައިވަނީ ހާދަ ކަޅު ހިތެކެވެ.
އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލަމުން ރުހައިމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ކަންތައްކުރަންވީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ފަދަ ހާލަތެއް ކުރިމަތި ވިޔަސް ގާތުގައި އެހުރީ ދުނިޔެއަށް އުފަންނުވާ އޭނަގެ ދަރިފުޅުގެ މަންމަ އެވެ. އެގުޅުން އޭނައަށް ހީނަރުކޮށެއް ނުލެވޭނެއެވެ. އަނެއްކޮޅުން ކެންސަރުގެ ވޭނާއި ހަނގުރާމަކުރަމުން އެދަނީ އެހިތުގެ ލޯތްބެވެ. ވިންދެވެ. ވަކިވާން މަޖުބޫރުވެފައި ވިޔަސް އެއީ އެހިތުގެ ދިރުމެވެ. އިވުނު ވާހަކަތަކަށް ބީރުކަންފަތެއް ދޭންވީ ހެއްޔެވެ؟ އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟
ރުހައިމްއަށް އިހްތިޔާރުކުރަންވީ މަގެއް ނޭނގުނެވެ. އުދާސްކަން އައިސް މީހާ ވަށާލައިފިއެވެ. އަނެއްކާ ވެސް ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
ރުހައިމްއަށް ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. އޭނަ ބޭނުންވީ ސިކުނޑީގެ ހާސްކަމާ ދުރަށް ދާށެވެ. ވާންވެފައިވި ސިކުނޑީއަށް ލުޔެއް ހޯދައިދޭށެވެ. އެއީ މުސްތަހީލުކަމެއްކަން އެނގޭއިރުގައި ވެސް މެއެވެ.
''މިދެން ކިހާ ބޮޑު ވެއްޖެ މުސީބާތެއް؟... ރުހައިމްއަށް ނޭނގި އެކަލޭގެ މަރުވިނަމަ ކިހާ ރަނގަޅު... އަދި އެއަންހެން އެތިގަނޑު ވެއްޖެ ވިއްޔާ ރުހައިމްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން، ނުބައި ނުލަފާ ޑަކައިތު ގަނޑެކޭ، އަހަރެންގެ ހަމަޖެހޭ ދިރިއުޅުން ފެނި ނާލާ ވަށައިގެންވާ މީހުން ހިތަށް ނިކަން އަސަރުކުރާނެ، އެހެންވެ ދޭތެރެޖައްސަން އުޅެނީ... ކަލޭމެން ކިތަންމެ ވަރެއް އެރުވިޔަސް ރުހައިމްއަކީ އަހަރެންގެ ހައްޤެއް!... ހަމައެކަނި އަހަރެންގެ!!!، އެކަން އެގޮތަށް ތާ އަބަދަށް ދެމި އޮތްނާނެ... ނާލާ ޖެހޭނީ މަރުވާން، އަހަރެން ދުޢާ ވެސް ކުރާނަން...'' ޔަޝްފީއަށް ދަތްކުނޑި ވިކާލެވުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ