ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖޭން ދިޔަ މީހުންގެ ތެރެއިން 21 މީހަކު މިއަދު ރާއްޖެ ގެނެސްފިއެވެ.

އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެއީ ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހުން ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި 15 ކުޑަކުދިންނާއި ފަސް އަންހެނުން ހިމެނޭ ކަމަށާއި އެ 15 ކުޑަކުދިންނަކީ އެ ފަސް އަންހެނުންގެ ދަރިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މީހުން ގެނައުމަށް ހާއްސަ ފްލައިޓެއް އާދިއްތަ ދުވަހު ތުރުކީއަށް ފޮނުވާފައިވާ ކަމަށާއި އެ ފްލައިޓުގައި 15 ފުލުހުން ދިޔަ ކަމަށެވެ. އަދި އެ އާއިލާތައް ތިބީ ސީރިއާ އާއި ތުރުކީއާ ގުޅޭ ބޯޑަރު ކައިރީގައި އެމީހުންގެ ޑީއެންއޭ ޓެސްޓް ހަދައި އެއީ ދިވެހިންކަން ޔަގީން ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ތުރުކީ ސަރުކާރުގެ އެހީގައި އެމީހުން ރާއްޖެ ގެނެސްފައިވަނީ މިއަދު ފަތިހު ކަމަށާއި އެ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށީގައި ހުންނަ ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމީހުން މުޖުތަމައަށް ނެރޭނީ ރިހެބިލިޓޭޓްކޮށްފައި ކަމަށާއި އެމީހުންގެ ފަރާތުން ގައުމީ ސަލާމަތަށް ނުވަތަ މުޖުތަމައަށް ނުރައްކަލެއް ނުވާނެކަން ޔަގީން ކުރެވިގެން ކަމަށެވެ.

އެގޮތުން ހިންމަފުށީގައި ހުންނަ ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަކީ އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެކުލެވިގެންވާ އަދި މިފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ވެސް ފުރިހަމައަށް ހުރި ތަނެއް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސީރިއާއަށް ހަނގުރާމައަށް ދިޔަ 90 އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނައުމަށް އެދިފައިވާ ކަމަށާއި އެމީހުން ތިބި ތަންތަން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުން ގެނައުމުގެ މަސައްކަތްތައްވެސް ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.