އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސްޓޭޖުގައި އެންމެފަހުގެ ޗެމްޕިއަން ސެނެގާލުން ރޭ ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބު ކުރި އިރު، އަލްޖީރިއާ އާއި ކެމަރޫން ކުޅުނު މެޗުތަކުން އެއްވަރު ވެއްޖެއެވެ.

އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްކޯން ހުކުރު ދުވަހުގެ ރޭ ފަށާފައިވާ އިރު، ޗެމްޕިއަން ސެނެގާލުން ގްރޫޕް ސީގައި ގެމްބިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ސެނެގާލުން ރޭގެ މެޗު ރަނގަޅަށް ފަށާފައިވާ އިރު، ޕާޕޭ ގޭގެ ގޯލުން އެޓީމުން ވަނީ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. ސަޑިއޯ މާނޭގެ ޕާހުން ގޭ ޖެހި ގޯލާއެކު ސެނެގާލުން ލީޑު ނެގި އިރު، މެޗަށް އަނބުރާ ވަނުމަށް ގެމްބިއާއަށް އުނދަގޫވީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އެބޫ އެޑަމްސްއަށް ރަތް ކާޑު ދެއްކުމުންނެވެ.

ދެވަނަ ހާފަށް ނުކުމެ، ސެނެގާލްގެ ދެ ގޯލު ޖަހައިދިނީ ލަމީން ކަމާރާއެވެ. ފްރާންސް ލީގުގެ މެޓްސްއަށް ކުޅެމުން އަންނަ ކަމާރާ ފުރަތަމަ ގޯލު ހާފުގެ ކުރީކޮޅުގައި ފެނުނު އިރު، ދެވަނަ ގޯލު ޖެހީ މެޗު ނިމެން ދަނިކޮށެވެ. ގެމްބިއާއަކީ މިފަހަރުގެ އެފްކޯންގައި ވާދަކުރާ ފީފާ ރޭންކިން އެންމެ ދަށް ޓީމެވެ. އެޓީމަކީ 126 ވަނައަށް ރޭންކް ކޮށްފައިވާ ޓީމެވެ.

ކެމަރޫނުން ގްރޫޕް ސީގައި ގީނީ ކައިރީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ގީނީގެ ކަމާނޯއަށް ފުރަތަމަ ހާފުގައި ދެއްކި ރަތްކާޑާއެކުވެސް ކެމަރޫނަށް ނަތީޖާ ނުނެރެވުނެވެ. މެޗުގައި ގީނީގެ މުހައްމަދު ބަޔޯ، އެޓީމަށް ލީޑު ނަގައިދިން އިރު، ކެމަރޫނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރޭންކް މަގްރީއެވެ.

އަލްޖީރިއާއިން ގްރޫޕް ޑީގައި އެންގޯލާއާ 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި އަލްޖީރިއާގެ ގޯލު ޖެހީ ބަގްދާދު ބޮނެޖާއެވެ. އެންގޯލާގެ ގޯލި ޖެހީ މަބުލޫލޫއެވެ.