ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަން ތައްޔާރުވަމުންދާ ކަމަށާއި ކުރިއަށް އޮތް ދެތިން ހަތުތާ ތެރޭ އެ މާއްދާ ކިޔައިވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ހިމަނައި، އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވަނީ މި މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުމުގައެވެ.

ޕީއެސްއެމުން ރޭ ގެނެދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ދަރިވަރުންގެ މެދުގައި ގައުމިއްޔަތު އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މިހާރުވެސް އެކި މާއްދާތަކުގެ ތެރޭގައި ގައުމިއްޔަތުގެ ބަހާތައް ހިމެނޭ ނަމަވެސް ގައުމިއްޔަތަށް ވަކިން މާއްދާއެއް އުފައްދަވަން ރައީސް ނިންމެވީ އެކަމަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މާއްދާ ކަރިކިއުލަމްގައި ހިމެނުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެހެން މާއްދާތަކުގައި ގައުމިއްޔަތުގެ ބަހާތައް ހުރި މިންވަރާއި ގައުމިއްޔަތުކަމުގެ ސިފަތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އޭގެ މައްޗަށް ބިނާކޮށް ޕައިލެޓު ޕްރޮގްރާމެއް ފަށާ ވަރަށް ކޮންޓެންޓު ޑިވެލޮޕްކޮށްފައިވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ އެ މަސައްކަތް ފެށުން ކަމަށް ވިދާޅުވިއެވެ.

"މިފަދަ ބޮޑު މަސައްކަތަކީ އެ މަސައްކަތެއް އެކުލަވާލައި، ޕައިލެޓުކޮށް، އެ ޕައިލެޓުގެ ނަތީޖާއަށް ބާލާފައި އަޅުގަނޑުމެން ރަސްމީކޮށް ކަރިކިއުލަމްގެ ތެރެއަށް އެކަން އިންޓަގްރޭޓް ކުރާނީ" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޕައިލެޓު ޕްރޮގްރާމު އެންމެ ފުރަތަމަ ފަށާނީ ގްރޭޑު ހަތަރެއްގައި ކަމަށެވެ.

ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށޭ ގޮތަށް އަދި އަހަރީ ޗުއްޓީ ޑިސެމްބަރަށް ހެދުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ވަނީ އެ ބަދަލު ގެނައުމަށް ކިޔައިދޭ ދުވަސްތައް ބަދަލުކުރާނެ ގޮތް ދާދި ފަހުން އިއުލާންކޮށްފައެވެ. އެގޮތުން، މިހާރު ހިނގަމުންދާ ޓާމުގެ ކިޔެވުން 30 އޭޕްރިލްގައި ނިންމައި، ދިރާސީ އާ އަހަރުގެ ކިޔެވުން 26 މެއިގައި ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި 2023-2024ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ 30 އޭޕްރިލްއަށެވެ. އަދި 2024-2025ގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ 26 މެއިގައެވެ.