ތިން ލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކާއެކު ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފިއެވެ.
ރަމަޒާން ބާޒާރު ފަށާފައިވަނީ މިރޭ އެސްޓީއޯގެ ޕީޕަލް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެސްޓީއޯއިން މިރޭ ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިރެއިން ފެށިގެން އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެސްޓީއޯ ރީޖަނަލް ފިހާރަތަކުންނާއި ޕީޕަލްސް ޗޮއިސްއިން 1،000 ރުފިޔާގެ ވިޔަފާރިއެއް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި 1،000 ރުފިޔާގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެހެން ފަހަރުތަކާ ހިލާފަށް މިއަހަރުގެ ރަމަޒާން ބާޒާރު ތަފާތުވާނެ ކަމަށާއި އެގޮތުން މިފަހަރު ތިން ކެޓަގަރީއަކަށް ބަހާލައިގެން ރަމަޒާން ބާޒާރު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް، ގުރުއަތުން ހޮވޭ ތިން މީހަކަށް އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
- އެއްވަނަ ނަސީބުވެރިއަކަށް 75،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް
- ދެވަނަ ނަސީބުވެރިއަކަށް ހޯމް އެޕިލިއެންސް ޕެކޭޖެއް
- ތިން ނަސީބުވެރިއަކަށް އެޕާޓްމަންޓުގައި ނިޕޯ ޕެއިންޓް ކުލަ އަދި ކުލަ ލައިދިނުމުގެ އިންތިޒާމު ހަމަޖެހޭނެ
މީގެ އިތުރުން ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި މީހަކު ހޮވައި 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިގެން ދާނެ ކަމަށާއި މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރި މީހަކުވެސް ހޮވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
- އެއްވަނަ ނަސީބުވެރިއަކަށް ތުރުކީގެ ދެކޮޅު ޓިކެޓު ދެ މީހަކަށް ލިބޭނެ
- ދެވަނަ ނަސީބުވެރިއަކަށް ހޯމް އެޕްލިއެންސް ޕެކޭޖެއް ލިބޭނެ
- ތިންވަނަ ނަސީބުވެރިއަކަށް 65 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބޭނެ
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުން ކުރިއަށްދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ޕްރޮޑަކްޓް ދައްކާލުން ކުރިއަށްދާ ގަޑީގައި ކަސްޓަމަރުން އަމިއްލައަށް ޕްރޮޑަކްޓް ތަޖުރިބާކުރުމުގެ ފުރަސަތު ލިބިގެންދާ އިރު، އެ ޕްރޮޑަކްޓުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ކޮންމެ ހަފުތާއަކު ހުކުރު އަދި ހޮނިހިރު ދުވަހު ހޮވާލެވޭ ބައެއް އައިޓަމްސްތަކުންވެސް ޑިސްކައުންޓު ލިބިގެންދާނެ ކަމަށެވެ. އީ ސްޓޯރު މެދުވެރިކޮށް ވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެންދާނެ ކަމަށާއި ފްރިޖާއި ދޮންނަ މެޝިން ފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯގެ ސޭލްސް އެސޯސިއޭޓް އައިޝަތު ނަޒާހަތު ވިދާޅުވީ އެސްޓީއޯ ރަމަޒާން ބާޒާރަކީ ވިޔަފާރި ކުރާ މީހުންގެ ތެރޭގައި އެންމެ މަގުބޫލު އެއް ސޭލް ކަމަށެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރުގައި ވެސް ގިނަ ޑިސްކައުންޓުތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި