ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޮސްޓާ ކުރުމަށް ނުވަތަ ވަގުތީ ގޮތުން އާއިލާއަކުން ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން މިނިސްޓްރީން މިއަދު ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޮސްޓާ ކުރުމަށް ބޭނުންވާ ފަރާތްތަކުން 1433 އަށް ގުޅައި ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ޕީއެސްއެމްގެ "ހެނދުނުހެނދުނާ" ޕްރޮގްރާމްގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން އެ މިނިސްޓްރީގެ ސީނިޔާ ލީގަލް ކައުންސިލް އާއިޝަތު އިފާދާ އިއްޔެ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ބޮޑުވާ ކުދިންނަކީ ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތަކަށް ލިބިގެން ބޮޑުވަމުން އަންނަ ކުދިން ކަމަށެވެ.
ތަފާތު ސަބަބުތަކާ ހުރެ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގިނަ ކުދިންތަކެއް ނަގާކަން ފާހަގަކުރައްވައި ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރު ފައްޒާ ފުވާދު ވިދާޅުވީ، ކުދިން ދައުލަތަށް ނަގަނީ، ދައުލަތުގެ އެހީގައި އިތުރު ސަޕޯޓެއް ދީގެން ނަމަވެސް އާއިލާ ތެރޭގައި ކުއްޖާ ބެލޭނެ މީހެއް ހުރިތޯ ބެލުމަށްފަހު ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ކުދިންގެ އާއިލާ ތެރޭ ބަލާނެ މީހެއްނެތި އަދި އެކުންދިންނަށް ރައްކާތެރި މާހައުލެއް ނެތް ކުދިން ކަމަށް ފައްޒާ ވިދާޅުވިއެވެ. ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންވެސް އަލުން އަނބުރާ އެކުދިން އާއިލާ ތެރެއަށް ފޮނުވައިލެވޭނެ އިތުރު ގޮތެއް އޮތް ތޯ ބަލަމުން ގެންދާ ކަމަށެވެ.
ފޯސްޓަރިން އަށް ކުދިން ހަވާލުކުރާ ދެ ހާލަތެއް އޮވެއެވެ. އެއީ އެކުންދިންނަށް 18 އަހަރު ވަންދެން ގާނޫނީ ބެލެނިވެރިކަމާ އެކީ ފޯސްޓަރިން އަށް ދިނުން އަދި އެ ކުދިންގެ އާއިލާގެ ހާލަތު ބަދަލުވެ، އަނބުރާ އާއިލާއަށް ދެވެންދެން އާއިލީ ވެއްޓެއްގައި އުޅުމަށް ފޯސްޓާ ކުރުމެވެ.
- ދިވެއްސަކަށް ވުން
- އުމުރުން 25 އަހަރާއި 70 އަހަރުގެ މީހަކަށް ވުން
- ފާއިތުވި 10 އަހަރުގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑެއް ނެތުން
- ޖިނާއީ އިޖުރާއަތުގެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކޮށްފައި ނުވުން
- ފާއިތުވި ދިހަ އަހަރުގެ ހައްދުގެ ކުށުގެ ރެކޯޑެއް ނެތުން
- ކުދިން ފޯސްޓާ ކުރާ ފަރާތުގެ ސާބިތު ހަރަދެއް ނުވަތަ ސާބިތު ދަރަންޏެއް ނެތުން
- ލިބޭ އާމްދަނީން ކުއްޖަކު ފޯސްޓާކޮށްގެން ބެލޭނެ ފޯރުންތެރިކަން ހުރި މީހަކަށްވުން
މީގެއިތުރުންވެސް ފޯސްޓާ ކުރުމަށް ހުށަހަޅާ ފަރާތްތަކަކީ ކޮންމެހެން ކައިވެނިކޮށްގެން ތިބޭ ދެ މަފިރިންނަށް ވާން ނުޖެހޭ ކަމަށާއި އެކަނިވެރި މައިން ނުވަތަ ބައްފައިން ނުވަތަ އަލަތު ކައިވެނި ނުކޮށް ތިބޭ މީހުންނަށްވެސް އެ ތަނަވަސްކަން ލިބިފައިވާނަމަ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމަށް ހުށަހެޅޭނެ ކަމަށްވެސް އިފާދާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު