އިސްރާއީލޭ ކިޔޭ ޣައިރުޤާނޫނީ ޓެރަރިސްޓް ކިޔާނުން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިންގަމުން ގެންދާ އަނިޔާވެރި، ބިރުވެރި، އަދި ލާއިންސާނީ ޤަތުލުޢާއްމުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި މިހައިތަނަށް އެޅުނު އެންމެ މުހިއްމު ފިޔަވަޅަކީ، އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާގެ ދައުލަތުން ބައިނަލްއަޤްވާމީ ޢަދާލަތުގެ ކޯޓަށް – އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް – މައްސަލަ ހުށައެޅުމެވެ.
ޢީސާއީ މީލާދުން 1882 ވަނަ އަހަރުން ފެށިގެން 1948 ވަނަ އަހަރާ ހަމަޔަށް، އަދި 1948 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ސަހުޔޫނީން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ އެންމެ އަނިޔާވެރި އެއް އެޕިސޯޑު ފެންނަނީ ޣައްޒާގައެވެ. 2007 އިން ފެށިގެން މިއަދާ ހަމަޔަށް ޣައްޒާ ބަންދު ކޮށް ޖަލުޚާނާއަކަށް ހަދައިގެން، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ފަލަސްޠީނީންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޤަތުލުޢާއްމުތަކަކީ އިންސާނީ ތާރީޚުގައި ވެސް މަދުން ނޫނީ ނުފެންނަ ފަދަ އަނިޔާވެރިކަމެކެވެ. ދުނިޔޭގެ އެންމެ ބޮޑު "ވަޔަށް ހުޅުވިފައިވާ ޖަލު" ގެ ގޮތުގައި ސިފަ ކުރެވޭ ޣައްޒާ އޮންނަނީ އިސްރާއީލުގެ ވަރުގަދަ ޢަސްކަރީ ހިސާރެއްގެ ތެރޭގައި ފިއްތައިފައެވެ. ވައިގެން މަގުން ވިޔަސް، ކަނޑުގެ މަގުން ވިޔަސް، އަދި އެއްގަމު މަގުން ވިޔަސް، އެތަނަށް ވަދެނިކުމެ އުޅެވެނީ އިސްރާއީލުން ހަދައިފައި ހުންނަ ޗެކްޕޮއިންޓްތަކާއި ހިސާރު ދޮރޯށިތަކުންނެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާ، ބޭސް، އަދި އެހެނިހެން ތަކެތި އެތެރެ ކުރެވެނީ އެ ނިޒާމުގެ ތެރެއިންނެވެ. އިންޓަނެޓާއި ކަރަންޓާއި ފޯނާއި ފެނުގެ ވަސީލަތްތައް ވެސް ކޮންޓްރޯލް ކުރަނީ އިސްރާއީލުންނެވެ. ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއީލުގެ ސިފައިން އެއްގަމު މަގުން ނުވަތަ ކަނޑު މަގުން ނުވަތަ ވައިގެ މަގުން ޙަމަލަ ދީ ގެދޮރުތަކާއި އެހެނިހެން މަދަނީ ބިނާތަކާއި ޢުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށް މީހުން މެރުމުގެ ހާދިސާތައް ނުހިނގާ އެންމެ ހަފުތާއެއް ވެސް ޢާއްމު ގޮތެއްގައި ނުދެއެވެ. ޣައްޒާގެ ރައްޔިތުން އުޅޭން ޖެހިފައި ވަނީ އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތް އަނިޔާވެރީންތަކެއްގެ އަނިޔާގެ ދަށުގައި "ކޮންސެންޓްރޭޝަން ކޭންޕެއް" ގެ ޤައިދީންގެ ގޮތުގައެވެ.
މި ދެންނެވީ ޢާއްމު ޙާލަތުގެ ވާހަކައެވެ. މި ޢާއްމު ޙާލަތު ދޭތެރެއަކުން ބަދަލު ވެގެން ދަނީ، ކޮންމެވެސް ބަހަނާއެއް ދައްކައިފައި އިސްރާއީލުން ޣައްޒާގެ ހުރަހަށާއި ދިގަށް ސައުވީސް ގަޑި އިރު ބޮން އަޅައި މީހުން މެރުމަށް ހިންގާ ވަރުގަދަ "އަސްކަރީ އޮޕަރޭޝަންތަކުގެ" ސަބަބުންނެވެ. 2007 އިން ފެށިގެން މި އަހަރާ ހަމަޔަށް، މި ޒާތުގެ ބޮޑު ފަސް އޮޕަރޭޝަން އިސްރާއީލުން ވަނީ ހިންގައިފައެވެ. އެއީ 2008 އިން 2009 އަށް ހިންގި "އޮޕަރޭޝަން ކާސްޓް ލެޑް" އާއި، 2012 ވަނަ އަހަރު ހިންގި "އޮޕަރޭޝަން ޕިލަރ އޮފް ޑިފެންސް" އާއި، 2014 ވަނަ އަހަރުގެ "އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް" އާއި، 2021 ވަނަ އަހަރުގެ "އޮޕަރޭޝަން ގާރޑިއަން އޮފް ދަ ވޯލްސް" އާއި، މި ދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ހުއްޓުމެއް ނެތި ކުރިޔަށް މި ގެންދާ "އޮޕަރޭޝަން ސްވޯރޑްސް އޮފް އަޔަން" އެވެ.
"އޮޕަރޭޝަން ސްވޯރޑްސް އޮފް އަޔަން" ގައި، އިސްރާއީލުން ގެންދަނީ ލެޔަށް ފެން ބޮވައިގަނެ މޮޔަ ވެފައި ވާ މަޖުނޫނުންތަކެއް ފަދައިން، ޣައްޒާގެ ހުރިހައި ހިސާބަކަށް ވައިގެ މަގުންނާއި އެއްގަމު މަގުންނާއި ކަނޑުގެ މަގުން ޙަމަލަ ދީ ލެއިން ފެންކުޅި ކުޅެމުންނެވެ. ގެދޮރާއި މަދަރުސާތަކާއި ހޮސްޕިޓަލުތަކާއި ދެންވެސް ޖެހުނުހައި ތަނެއް ބޮމާއި ބޮޑުބަޑި އާއި ރޮކެޓުގެ ޙަމަލަތަކުގައި ސުންނާފަތި ކުރަމުންނެވެ. އިންސާނީ ތާރީޚު ދުށް އެންމެ އަނިޔާވެރި، އެންމެ ރަޙުމު ކުޑަ، އެންމެ ޖައްބާރު އެއް ޤަތުލުޢާއްމު މުޅި ދުނިޔޭގެ ކުރިމަތީގައި އިސްރާއީލުން ހިންގާތާ ތިން މަސް ވެފައި ވާއިރު، މިއަދާ ހަމަޔަށް ޣައްޒާއިން 24000 ވަރަކަށް ޢާއްމުން ޝަހީދު ވެ، 7000 އަށް ވުރެ ގިނަ ޢާއްމުން ވީނުވީ ނޭނގި ގެއްލި، 60000 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައި ވެއެވެ. ގެއްލުނު މީހުންނަކީ، ފުނޑުފުނޑު ވެފައިވާ ޢިމާރާތްތަކުގެ ދަށު ވެ، ޔަޤީނާ ގާތަށް ބެލެވޭ ގޮތުގައި، ޝަހީދު ވެފައި ވާ މީހުންނެވެ. 1.9 މިލިއަން މީހުން ގެދޮރު ގެއްލި މަގުމަތި ވެފައި ވެއެވެ. ޣައްޒާގައި އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުން ރައްކައުތެރިކަން ހޯދޭނެ ތަނެއް ސަރަޙައްދެއް ނެތެވެ. އަލިފުދާލުން ހަދައިފައިވާ "ރައްކައުތެރި ސަރަޙައްދުތަކަށް" ވެސް ސަލާމަތެއް ނެތެވެ. އެ ސަރަޙައްދުތަކުގައި މަސައްކަތް ކުރާ އަލިފުދާލުގެ މުއައްޒަފުންގެ ވެސް 150 ވަރަކަށް މީހުން ވަނީ ސަހުޔޫނީ ޙަމަލާތަކުގެ ޝިކާރައަށް ވެފައެވެ. ދުވާލާއި ރެއިގަނޑުގެ ހުރިހައި ވަގުތެއްގައި މުޅި ޣައްޒާއަށް ސަހުޔޫނީން އޮއްސަމުންދާ ބޮންތަކާއި ރޮކެޓުތަކާއި އުންޑަތަކުގެ ސަބަބުން، މުޅި ޣައްޒާގައި ވަނީ އަލިފާން ރޯ ވެފައެވެ.
އަލިފުދާލުގެ ސެކްރެޓަރީ ޖެނެރަލާ ހަމައިން ފެށިގެން ގޮސް ކޮންމެ ދުވަހަކު ހެން ދުނިޔޭގެ ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުން ގެންދާ އެތައް މިލިއަން މީހުންނާ ހަމަޔަށް، ދުނިޔޭގައި ބުއްދި އާއި ޟަމީރު ސަލާމަތުން ހުރި ކޮންމެ މީހަކު ގެންދަނީ އިސްރާއީލުގެ އަނިޔާވެރި ޤަތުލުޢާއްމު ހުއްޓައިލުމަށް ގޮވައިލައި އާދޭސް ކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް އިސްރާއީލަކަށް ނުއިވެއެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރާއި، އިނގިރޭސި ވިލާތުގެ ސަރުކާރާއި، އަދިވެސް ހުޅަނގުގެ ބައެއް ޤައުމުތަކާއި، ހިންދޫތުވާ އިންޑިއާ ފަދަ ބައެއް ޤައުމުތަކުގެ ސަރުކާރުތަކާއި އެ ސަރުކާރުތަކަށް ތާއީދު ކުރާ ނިސްބަތުން މަދު ބަޔަކު ފިޔަވައި، އިސްރާއީލުގެ ޖަރީމާތައް ކުށްވެރި ނުކުރާ ބަޔަކު ނެތެވެ. ނަމަވެސް އިސްރާއީލުން ބުނަމުން ގެންދަނީ ޣައްޒާ މުޅީން ފުނޑުފުނޑު ކޮށްފައި ނޫނީ ހުއްޓައިނުލާނެ ކަމުގައެވެ.
މިފަދަ ބިރުވެރި އަދި ޚުޠޫރަތްތެރި ޙާލަތަކަށް ކަންތައްތައް ގޮސްފައި ވަނިކޮށް، ކުރީން ވެސް ދެންނެވި ފަދައިން، އިސްރާއީލުގެ "އޮޕަރޭޝަން ސްވޯރޑްސް އޮފް އަޔަން" ހުއްޓުވުމަށް ޓަކައި ދެކުނު އެފްރިކާގެ ދައުލަތުން މި ވަނީ ބައިނަލްއަޤްވާމީ ޢަދާލަތުގެ ކޯޓަށް މައްސަލައެއް ހުށައަޅައިފައެވެ. މި މައްސަލައާ ބެހޭ މަޢުލޫމާތު ވީހައި ތިލަކޮށް ގެނެސްދިނުމަށް ޓަކައި، މި ކޮލަމުގައި ވަކިވަކި އަދި މުސްތަޤިއްލު ލިޔުންތަކެއް ލިޔުމަށް އަޅުގަނޑު ގަސްތު ކުރަމެވެ. އިރާދަފުޅު ކުރެއްވިއްޔާ، ބައިނަލްއަޤްވާމީ ޢަދާލަތުގެ ކޯޓަކީ ކޮބައިކަމާއި، ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށައަޅައިގެން އުޅެނީ ކޮން މައްސަލައެއްކަމާއި، އެ މައްސަލައިގެ ދަޢުވާ ކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިލާނަމެވެ. މި ފަހަރުގެ ލިޔުމުގައި އަޅުގަނޑު ހުށައަޅައިލާނީ ބައިނަލްއަޤްވާމީ ޢަދާލަތުގެ ކޯޓާ ހަމަޔަށް އިސްރާއީލުގެ މައްސަލަ ގެންދިޔަ ދެކުނު އެފްރިކާގެ ދައުލަތާ ބެހޭ ބައެއް މަޢުލޫމާތެވެ.
ދެކުނު އެފްރިކާ – ރިޕަބްލިކް އޮފް ސައުތު އެފްރިކާ – އަކީ އެފްރިކާ ކޮންޓިނެންޓުގެ އެންމެ ދެކުނަށް އޮންނަ ޤައުމެވެ. 62 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އެފްރިކާގައި، އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތަ އަކީ އެފްރިކާ ދަރިކޮޅުގެ ކަޅު މީހުންނެވެ. ބާކީ 20 އިންސައްތައިގެ ތެރޭގައި ޔޫރަޕު ނަސްލުގެ ދޮން މީހުންނާއި، މައިގަނޑު ގޮތެއްގައި އިންޑިއާއިންނާއި ޗައިނާއިން ހިޖުރަ ކުރި އޭޝިޔާ ދަރިކޮޅުގެ މީހުންނާއި، އެކި ނަސްލުތަކުގެ މީހުންގެ ކައިވަނީގެ ގުޅުންތަކުގެ ތެރެއިން އުފެދިފައި ވާ ވަކި ނަސްލަކަށް ނިސްބަތް ނުވާ މީހުން ހިމެނެއެވެ. ދެކުނު އެފްރިކާގެ މައިގަނޑު ޝަހަރުތަކަކީ ޕްރިޓޯރިއާ، ކޭޕް ޓައުން، ބްލޫމްފޮންޓެއިން، ޖޮހަނެސްބާގް، އަދި ޑާރބަނެވެ. މީގެ ތެރެއިން، އެންމެ އާބާދީ ބޮޑު އަދި އިޤްތިޞާދީ ގޮތުން އެންމެ މުހިއްމު ޝަހަރަކީ ޖޮހަނެސްބާގެވެ.
ދީނީ ގޮތުންނާއި ބަހަވީ ގޮތުން ވެސް ދެކުނު އެފްރިކާ އަކީ ވަރަށް ސިންދަފާތު ގައުމެކެވެ. ޤައުމުގެ ދުސްތޫރު ބަލައިގަނެފައި ވާ ރަސްމީ ބާރަ ބަސް އޮވެއެވެ. ޔޫރަޕުގެ އިސްތިޢުމާރީން އެ ޤައުމަށް އަރައި، ގަދަބާރުން ނަޞާރާ ދީން ފެތުރުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ޤައުމުގެ އާބާދީގެ 78 އިންސައްތަ މީހުންނަކީ ނަޞާރާއިންނެވެ. އޭގެ އިތުރުން، އެފްރިކާގެ މުސްކުޅި ދީންތަކަށް ނިސްބަތް ވާ މީހުންނާއި، މުސްލިމުންނާއި، ހިންދޫންނަކީ ވެސް ދެކުނު އެފްރިކާގައި މުހިއްމު ދީނީ ޖަމާޢަތްތަކެކެވެ.
އިޤްތިޞާދީ ގޮތުން ބަލާ އިރު، ދެކުނު އެފްރިކާ އަކީ އެފްރިކާގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. އިސްތިޢުމާރުގެ އަނިޔާވެރިކަމުގެ ސަބަބުން އުފެދުނު ޙާލަތާ ހުރެ މުޖުތަމަޢުގައި ޒަމާނުއްސުރެ އުފެދި މޫ ލައިފައި ވާ އެތައް މައްސަލަތަކަކާއި ގޮންޖެހުންތަކަކާ އެކުގައި ވެސް، ދެކުނު އެފްރިކާ ވަނީ އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެއީ އެފްރިކާގައި ދެވަނައަށް އެންމެ މުއްސަނދި ޤައުމެވެ. އެފްރިކާގައި އެންމެ ބޮޑަށް ސިނާއަތްތެރި ވެފައި ވާ، އަދި ޓެކްނޮލޮޖީގައި އެފްރިކާގެ އެންމެ ކުރި އަރައިފައިވާ ޤައުމެވެ. މިއަދު އެ ޤައުމުގެ ހަތަވިވަރުން ބޮލަކަށް ޖެހޭ މިންވަރަކީ 16،000 އެމެރިކާ ޑޮލަރެވެ. އެފްރިކާގެ "މާލީ ވެރިރަށް" ކަމުގައި ބެލެވޭ ޝަހަރަކީ ދެކުނު އެފްރިކާގެ ޖޮހަނެސްބާގެވެ. ސިންދަފާތު އިޤްތިޞާދެއް އޮންނަ ދެކުނު އެފްރިކާގައި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ބިމުން ޤުދުރަތީ ވަސީލަތްތައް ނެގުމާއި، މުދަލާއި ހަތިޔާރު އުފެއްދުމަކީ އެންމެ މައިގަނޑު ސިނާއަތްތަކެވެ. 19 ވަނަ ޤަރުނުގެ ފަހުކޮޅު، ދެކުނު އެފްރިކާއިން ރަނާއި އަލިމަސް ހޯދުމުން، އެ ޤައުމަށް އިޤްތިޞާދީ އިންޤިލާބެއް އައެވެ. ނަމަވެސް އޭގެ ފައިދާ އެއިރު ނެގީ، ޤައުމު އިސްތިޢުމާރު ކޮށްގެން ޤައުމުގައި ވެރިކަން ކުރަމުން ގެންދިޔަ އިނގިރޭސީންނެވެ. އިނގިރޭސި އިސްތިޢުމާރުން 1931 ވަނަ އަހަރު ފުރިހަމަ މިނިވަންކަން ލިބުމަށް ފަހުގައި ވެސް، އެ މުއްސަނދިކަމުގެ ފޮނިމީރުކަން ހޯދަމުން ދިޔައީ ޤައުމުގެ ވެރިކަމުގައި ތިބި ޔޫރަޕު ނަސްލުގެ ދޮން ސާހިބުންނެވެ. 2006 ވަނަ އަހަރާ ހަމަޔަށް ވެސް، ދެކުނު އެފްރިކާ އަކީ ދުނިޔޭގައި އެންމެ ގިނައިން ރަން އުފައްދާ ޤައުމެވެ. ފާއިތު ވެދިޔަ ސަތާރަ ވަރަކަށް އަހަރުގެ ތެރޭގައި ރަނުގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައި ވިޔަސް، މިއަދު ވެސް އެއީ ދުނިޔޭގައި ރަން އުފެއްދުމުގެ ސިނާޢަތުގައި ދުނިޔޭގެ ފަސްވަނަ ޤައުމެވެ. ދެކުނު އެފްރިކާގެ ބިމުގައި 6000 މެޓްރިކް ޓަނުގެ ރަން އަދިވެސް އެބަހުރި ކަމަށް ދިރާސާތަކުން ކަށަވަރު ކުރެވިފައި ވެއެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގައި، ދެކުނު އެފްރިކާގެ މައިގަނޑު ބައިވެރީންނަކީ އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިތުރުން، ޗައިނާ، ޔުނައިޓެޑް ސްޓޭޓްސް، ޖަރުމަން، ޖަޕާން، އިނގިރޭސި ވިލާތް، ނެދަރލޭންޑްސް، އިންޑިއާ، ސުޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ތައިލެންޑް، އޮމާން، އަދި ސްޕޭނެވެ. ދެކުނު އެފްރިކާ އަކީ ޤުދުރަތީ ވަސީލަތްތަކުގެ ގޮތުން އިންތިހާ ދަރަޖައަށް މުއްސަނދި ތަނަކަށް ވުމުގެ އިތުރުން، އިޤްތިޞާދު ތަރައްޤީ ކުރުމަށް އެ ޤައުމުގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ކުރިމަގުގައި އެފްރިކާގެ އެއްވަނަ އިޤްތިޞާދަކަށް ދެކުނު އެފްރިކާ ވާނެ ކަމަށް ގިނަ ދިރާސާވެރީން ދެކެއެވެ.
ބައިނަލްއަޤްވާމީ ގުޅުންތަކުގައި ވެސް ދެކުނު އެފްރިކާ އަކީ މުހިއްމު ޤައުމެކެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އަލިފުދާލު) އުފެއްދި އިރު، އެކަމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި އެއް ޤައުމަކީ ދެކުނު އެފްރިކާއެވެ. އަލިފުދާލުގެ ޗާޓަރުގެ ދީބާޖާ ލިޔުއްވީ ވެސް އެއިރު ދެކުނު އެފްރިކާގެ ބޮޑުވަޒީރަކަށް ހުންނެވި ޔާން ސްމަޓްސް އެވެ. އެފްރިކަން ޔޫނިއަނުގެ ވެސް ބާނީއެއް ކަމުގައި ވާ ދެކުނު އެފްރިކާ އަކީ އެފްރިކާގެ ޤައުމުތަކުގެ ދާޚިލީ އަދި އަހުލީ މައްސަލަތަކާއި، ޤައުމުތަކުގެ މެދުގައި އުފެދޭ އަރައިރުންތަކާއި ޚުސޫމަތުތައް ހުއްޓުވައި، އެފްރިކާގައި ޞުލްޙަ ޤާއިމު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާ ޤައުމެކެވެ. ދުނިޔޭގެ އިޤްތިޞާދީ އަދި މާލީ ނިޒާމު އިޞްލާޙު ކުރުމުގެ މަޤްޞަދުގައި 2009 ވަނަ އަހަރު ވުޖޫދަށް ގެނެވުނު "ބްރިކްސް" ޖަމްޢިއްޔާއާ ފަސްވަނަ މެންބަރުގެ ގޮތުގައި 2010 ވަނަ އަހަރު ދެކުނު އެފްރިކާ ވަނީ ގުޅިފައެވެ. އަލިފުދާލުގައި ވެސް، ދެކުނު އެފްރިކާ ފެންނަނީ ބައިނަލްއަޤްވާމީ ޞުލްޙަ އާއި އަމަންއަމާންކަމަށް ވަކާލާތު ކުރާ، ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތަކަށް އިޙުތިރާމު ކުރުން ކުރިއަރުވާ ޤައުމެއްގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގައި އުޞޫލުތަކާއި ހަމަތައް ހިފަހައްޓާ ޤައުމެއްގެ ގޮތުގައެވެ.
ދެކުނު އެފްރިކާގެ ތާރީޚަކީ މުއްސަނދި އަދި ދިގު ތާރީޚެކެވެ. އެ ޤައުމު އޮންނަ ސަރަޙައްދުގެ ފުރަތަމަ ވަޒަންވެރީންނަކީ "ސާން" މީހުންނާއި "ޚޮއިޚޯއި" މީހުން ކަމުގައި މުއައްރިޚުން ވިދާޅުވެއެވެ. މި ދެ ޤަބީލާ ނުވަތަ ޖަމާޢަތް އެކު ވެގެން އުފެދުނު ނަސްލަކީ "ޚޮއިސާން" ގެ ނަން ދެވިފައި ވާ މީހުންނެވެ. އެ ދުވަސްވަރު، ދެކުނު އެފްރިކާގެ ބިންތަކުގައި މީހުން ދިރިއުޅެމުން ގެންދިޔައީ ޤަބީލާ މުޖުތަމަޢުތަކެއްގެ ގޮތުގައެވެ. ކޮންމެ މުޖުތަމަޢެއްގެ ވެސް ލީޑަރަކީ ޤަބީލާގެ ދޮށީ ޢުމުރުގެ މީހުންގެ ތެރެއިން ލީޑަރެއްގެ ގޮތުގައި އެންމެ ޤާބިލު މީހެކެވެ. ކޮންމެ މުޖުތަމަޢެއްގައި އޮތީ 500 އާއި 1000 އާ ދެމެދުގެ އާބާދީއެކެވެ. ތާރީޚުގައި ފެންނާން ހުރި ރިކޯޑުތަކުން އެނގޭ ގޮތުގައި، ދެކުނު އެފްރިކާގެ ބިންތަކުގައި އުޅުނު ޤަބީލާތަކުގެ ތެރޭގައި "ޒޫލޫ" އާއި "ވެންޑާ" އާއި "ކަލަންގާ" އާއި "ސޮންގާ" އަދި "ސޯތޯ" ހިމެނުނެވެ. ޢީސާއީ މީލާދުގެ 300 ވަރަކަށް އަހަރު ފަހުން، އެފްރިކާ ބައްރުގެ އުތުރުގެ ސަރަޙައްދުތަކުން ހިޖުރަ ކޮށްފައި "ބަންޓޫ" މީހުން ދެކުނު އެފްރިކާގެ ބިމަށް އައެވެ. އަދި ދެކުނު އެފްރިކާގެ ގިނަ ބިންތަކެއް ފަތަޙަ ކޮށް، އެ ބިންތަކުގައި އެމީހުންގެ ބާރުވެރިކަން ފެތުރިއެވެ. ފަހުގެ ދައުރުތަކުގައި ދެކުނު އެފްރިކާގެ ހުރިހައި ސަރަހައްދުތަކަށް ފެތުރިގެން ދިޔައީ އެ ބިމުގެ މުސްކުޅި ޤަބީލާތަކާއި ބަންޓޫން އެކު ވެގެން އުފެދުނު ނަސްލީ ޖަމާޢަތްތަކެވެ.
ދެކުނު އެފްރިކާއާ ހަމަޔަށް އައި ޔޫރަޕުގެ ފުރަތަމަ ބާރަކީ ޕޯޗުގީޒުން ނުވަތަ ފުރެތިކާލުންނެވެ. އެއީ މީލާދީން 1488 ގައި، އެމީހުންގެ ނައުފަހަރު އެފްރިކާ ކޮންޓިނެންޓުގެ ދެކުނު ކޮޅު ނުވަތަ "ކޭޕް އޮފް ގުޑް ހޯޕް" ވަށައިލައިފައި އޭޝިޔާއަށް ދާން ކުރި ދަތުރުތަކުގެ ތެރޭގައެވެ. ޕޯޗުގީޒުންނަށް ފަހު، އިނގިރޭސީންނާއި ހޮލެންޑު މީހުން ވެސް ހަމަ އެ މަގުން އޭޝިއާއަށް ކުރި ދަތުރުތަކުގައި، ދެކުނު އެފްރިކާއާ ހަމަޔަށް އައެވެ. ދެކުނު އެފްރިކާގެ ބިމުގައި ޤާއިމު ކުރެވުނު ފުރަތަމަ ޔޫރަޕިއަން ކޮލޮނީ އަކީ މީލާދީން 1620 ވަނަ އަހަރު އިނގިރޭސީން "ޓޭބަލް ބޭއި" ކިޔާ ސަރަޙައްދުގައި ޤާއިމު ކުރި ކޮލޮނީއެކެވެ. ދެވަނަ ކޮލޮނީ އަކީ މީލާދީން 1652 ގައި ހޮލެންޑު މީހުން ނުވަތަ ލަންދޭސީން "ޓޭބަލް ފަރުބަދަތަކުގެ" ދާވަނީގައި ބިނާ ކުރި ޢަސްކަރީ ކޮލޮނީއެކެވެ. އެ ކޮލޮނީގެ ނަމަކީ "ކޭޕް ކޮލޮނީ" އެވެ. މީލާދީން 1700 އާ ހަމަޔަށް ދިޔަ އިރު، ކޭޕް ކޮލޮނީގެ ސަރަޙައްދާއި އެ ސަރަޙައްދުގެ ވަށައިގެން އޮތް ބިންތަކުގައި ހޮލެންޑުގެ އިސްތިޢުމާރުގެ ވަކިގަނޑު އޮތީ ރަނގަޅަށް ހިއްޕައިލައިފައެވެ. އިސްތިޢުމާރު ކުރެވުނު ބިންތަކުގައި އެމީހުންގެ ދެހާހެއްހައި ރައްޔިތުން ދިރިއުޅެމުން ގެންދިޔައެވެ. އިސްތިޢުމާރީ ނިޒާމު ހިންގަމުން ދިޔައީ "ޑަޗް އީސްޓް އިންޑިއާ ކޮމްޕެނީ" ގެ ދަށުންނެވެ.
މީލާދީން 1795 އާއި 1806 އާ ދެމެދު، އިނގިރޭސީން ވެސް ކޭޕް އޮފް ގުޑް ހޯޕަށް އަލުން ފައިބައި، ހޮލެންޑު މީހުންނާ ހަނގުރާމަ ކޮށް ކޭޕް ކޮލޮނީ ނުވަތަ ކޭޕް ޓައުން ފަތަޙަ ކުރިއެވެ. އެ ހިސާބުން ދެކުނު އެފްރިކާގައި ޔޫރަޕު މީހުން އިސްތިޢުމާރު ކޮށްފައި އޮތް ސަރަޙައްދުތައް ވެގެން ދިޔައީ އިނގިރޭސި އަންބަރާތޫރިއްޔާގެ ބަޔަކަށެވެ. އިނގިރޭސި ވިލާތުގެ އެތައް ހާސް މީހުން، 1818 އިން ފެށިގެން ދެކުނު އެފްރިކާއަށް ހިޖުރަ ވެސް ކުރިއެވެ. އޭގެ ނަތީޖާ އަކީ ދެކުނު އެފްރިކާގެ ދޮން މީހުންގެ އާބާދީ ބޮޑު ވެ، ދޮން މީހުން އުޅޭ ސަރަޙައްދުތައް ގިނަ ވެ، ދެކުނު އެފްރިކާގެ ބިންތަކުގެ ބޮޑު ބައެއް ދޮން މީހުންގެ މިލްކުވެރިކަމުގެ ދަށަށް އައުމެވެ. މީލާދީން 1867 އާއި 1884 އާ ދެމެދު، ދެކުނު އެފްރިކާގެ ބިމުން އަލިމަހާއި ރަން ފެނުމުން، އެ ބިމަށް ހިޖުރަ ކުރާ އިނގިރޭސީންގެ ޢަދަދު ގިނަ ވެ، މުޅި ދެކުނު އެފްރިކާގެ ހުރިހައި ސަރަޙައްދުތަކަކަށް އިނގިރޭސި އިސްތިޢުމާރު ފެތުރުމުގެ މަސައްކަތް ވެސް އިހުނަށް ވުރެ ވަރުގަދަޔަށް ފަށައިގަނެވުނެވެ. މި މަސައްކަތުގެ ތެރޭގައި، އިނގިރޭސީން ވަނީ ދެކުނު އެފްރިކާގެ ވަޒަންވެރި ކަޅު މީހުންނާ ދެކޮޅަށް މެރުމާއި އަޅުވެތި ކުރުމުގެ ބިރުވެރި އެތައް ހާސް ޖަރީމާއެއް ހިންގައިފައެވެ. އެ ދުވަސްވަރު ދެކުނު އެފްރިކާގެ ބިން ވެފައި އޮތީ ހަނގުރާމަތަކާއި ލެއި އޮހޮރުވުމުގެ ހާއްޔަކަށެވެ.
ދެކުނު އެފްރިކާ އިނގިރޭސި ރަސްކަމުގެ ދަށުން މިނިވަން ކުރުމުގެ މަސައްކަތް ފެށުނީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މިނިވަންކަމުގެ ޙަރަކާތް ވެސް ފެށުނު ގޮތަށެވެ. އާދެ، އެ ޤައުމުގައި އާބާދު ވެގެން ތިބި އިނގިރޭސި ރައްޔިތުންނާއި ލީޑަރުންގެ ހިތްތަކުގައި، ރަސްކަމުގެ ސިޔާސަތުތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކުގެ ސަބަބުންނެވެ. މި މަސައްކަތް ކާމިޔާބު ކުރުމުގައި ފުރަތަމަ ޙާޞިލު ކުރެވުނު މޭލުގަލަކީ 1909 ވަނަ އަހަރު އިނގިރޭސި ޕާލަމެންޓުން ފާސް ކުރި "ސައުތު އެފްރިކާ އެކްޓް 1909" އެވެ. މި ޤާނޫނުގެ ދަށުން ދެކުނު އެފްރިކާއަކީ ވަކި ދައުލަތެއް ކަމަށް އިނގިރޭސި ދައުލަތުން ޤަބޫލު ކޮށް، އެ ދައުލަތަށް "އިސްމީ މިނިވަންކަން" (nominal independence) ދިނެވެ. އިނގިރޭސި ރަސްކަމުގެ ބާރުގެ ދަށުން މުޅީން މިނިވަން ވެ، މިނިވަންކަމާއި މުސްތަޤިއްލުކަމާއި ސިޔާދަތު ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތު ދެކުނު އެފްރިކާއަށް ލިބުނީ 1931 ވަނަ އަހަރުއެވެ.
ދެކުނު އެފްރިކާގައި ހޮލެންޑުގެ އިސްތިޢުމާރީ ވެރިކަން އޮތް ދުވަސްވަރު، އެމީހުން އޮތީ އެ ޤައުމުގެ ދޮން މީހުންނަށް ޚާއްޞަ އިމްތިޔާޒުތަކާއި ޢިނާޔަތްތަކާއި ފަސޭހަތައް ލިބިދިނުމުގެ ނިޒާމެއް ޤާއިމު ކޮށްފައެވެ. އެ ނިޒާމުގެ އަސާސީ ފަލްސަފާ އަކީ، ކަޅު މީހުންނަކީ ދަރަޖައިގެ ގޮތުން ދޮން މީހުންނަށް ވުރެ ހުރިހާ ގޮތަކުން ދަށް ބައެއް ކަމުގައި ބެލުމެވެ. ކަޅު މީހުންނަކީ ދޮން މީހުންނާ އަރާއަރަފޯދިގެން ނުވާ އަދި ދޮން މީހުންނަށް ލިބިގެންވާ ކަރާމާތާއި ޙުރުމަތާއި ޙައްޤުތައް ލިބިނުދެވޭނޭ ބައެއް ކަމުގައި ބެލުމެވެ. ދޮން މީހުންނަކީ ތަހުޒީބު ވެފައި ތިބި، ބުއްދި އާއި ޟަމީރު ފުރިހަމަ މީހުން ކަމުގައި، އަދި ކަޅު މީހުންނަކީ ތަހުޒީބެއް ނެތް، ބުއްދި އާއި ޟަމީރު ފުރިހަމަ ނޫން، އިންސާނިއްޔަތުކަމުގައި އުނި ބައެއް ކަމުގައި ބެލުމެވެ. ހޮލެންޑުގެ އިސްތިޢުމާރަށް ފަހު އިނގިރޭސި އިސްތިޢުމާރުގެ ދުވަސްވަރު، މި ދަންނަވާ ނަސްލީ އިމްތިޔާޒުގެ ނިޒާމު އިތުރަށް ފުޅާ ކޮށް ވަރުގަދަ ކުރެވުނެވެ.
ދެކުނު އެފްރިކާ 1931 ވަނަ އަހަރު މިނިވަން ދައުލަތަކަށް ވެގެން ދިޔަ އިރު ވެސް، ޤައުމުގެ ހުރިހައި ބާރުތަކެއް އޮތީ އާބާދީގެ 20 އިންސައްތައަށް ވުރެ ވެސް ކުޑަ ނިސްބަތެއް ޙިއްޞާ ކުރާ ދޮން މީހުންގެ އަތްމަތީގައެވެ. ވެރިކަމާއި، ޤާނޫނު ހެދުމާއި، ފަނޑިޔާރުގެއާއި، ޢަސްކަރިއްޔާ އާއި، ފުލުހުންނާއި، ޤައުމުގެ އިޤްތިޞާދީ ވަސީލަތްތަކާއި، ޢިލްމީ ވަސީލަތްތައް ފަދަ ހުރިހައި ކަމެއް އޮތީ ދޮން ސާހިބުންގެ އަތްމަތީގައެވެ. އެމީހުންގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ، އިސްތިޢުމާރީ ކާބަފައިންގެ ފުށުން ވާރުތަ ކުރި ނަސްލީ އިމްތިޔާޒުގެ ނިޒާމު ދަމަހައްޓައި ވަރުގަދަ ކުރުމެވެ. އެގޮތުން، ޤާނޫނުތަކުގެ ވަސީލަތުން، ދެކުނު އެފްރިކާގެ އާބާދީ ތިން ދަރަޖައަކަށް ނުވަތަ ތިން ފަންތިއަކަށް ބަހައިލެވުނެވެ. އެންމެ މަތީ ފަންތި އަކީ ދޮން މީހުންނެވެ. ދެވަނަ ފަންތި އަކީ ދެކުނު އެފްރިކާއަށް ވަޒަންވެރި ކަޅު މީހުންނެވެ. ތިންވަނަ ފަންތި އަކީ އަޅުން ގޮތުގައި އިސްތިޢުމާރީ ޒަމާނުގައި އިންޑިއާ އާއި ޗައިނާ އާއި މެލޭ ބިންތަކުން ގެނެވިފައި ތިބި އޭޝިއާ ދަރިކޮޅުގެ މީހުންނެވެ. ޤާނޫނީ ގޮތުން ހިންގުނު މި ނިޒާމަށް އެ ދުވަސްވަރު "އެޕަތައިޑް" (apartheid) މި ނަން ދެވުނެވެ.
"އެޕަރތައިޑް" ގެ ނިޒާމުން ދެކުނު އެފްރިކާގެ ދޮން މީހުން ފިޔަވައި އެހެން ރައްޔިތުންނަށް ކުރި އަނިޔާތަކާއި، ހިންގި ބޭއިންޞާފުތަކާއި ޒުލްމުވެރިކަމުގެ ވާހަކަތަކަކީ ތަފްޞީލު ގޮތެއްގައި ފޮތްފޮތުގައި ލިޔެވިފައި ވާ ދިގު ވާހަކަތަކެކެވެ. މި ލިޔުމުގައި އެ ވާހަކަތަކުގެ ތަފްޞީލުތައް ގެނައުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް، ހަނދާނަށް ގެނައުން މުހިއްމު ވާހަކަތަކެއް ވެއެވެ. އޭގެ ތެރެއިން އެއް ވާހަކަ އަކީ، ދެކުނު އެފްރިކާގެ ހަވަނަ ބޮޑުވަޒީރު ހެންޑްރިކް ވާރވުއަރޑް ވިދާޅުވެފައި ވާ ބަސްތަކެކެވެ. 1958 އިން 1966 އަށް ބޮޑުވަޒީރުކަން ކުރެއްވި ވަރވުއަރޑަކީ ޒަމާނީ ދެކުނު އެފްރިކާގައި "އެޕަރތައިޑް" ނިޒާމު އޮންނާން ވީ ގޮތުގެ ތަޞައްވުރު ކުރެއްސެވި އެއް މޭސްތިރިއެވެ. އެ ނިޒާމުގެ އެއް ބައްޕައެވެ. އޭނާ ދެކުނު އެފްރިކާގެ ކަޅު މީހުންނާ – ބަންޓޫ މީހުން – މެދުގައި ވިދާޅުވެފައި ވެއެވެ. "ކަލޭމެން މިއަދު ބަންޓޫއެއްގެ ގައިގައި ފިސާރިއަށް ތެޅިޔަސް، މާދަމާ އޭނާ ކަލޭމެންގެ ކުރިމަތީގައި ހުންނާނީ ހިނިތުން ވެގެންނެވެ. ބަންޓޫންނަކީ ރާމާމަކުނުތަކެއް ފަދަ ބައެކެވެ. ކަލޭމެން ކިތަންމެ ވަރަކަށް އެމީހުން އިހާނެތި ކޮށް ނިކަމެތި ކޮށްލިޔަސް، އެމީހުން އަބަދުވެސް ތިބޭނީ ކަލޭމެންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ދޭތޯ ސަލާން ޖެހުމަށް އަތްގޮށި ދިއް ކޮށްލައިގެންނެވެ. އަހަރެމެން ކޮންމެހެން ބަންޓޫންނަށް ވޯޓުގެ ޙައްޤު ދޭން ބިރު ގަންނާނޭ ކަމެއް ނެތެވެ. އެ ޙައްޤު ދިނީމާ، އެމީހުން ވޯޓު ލާނީ ދޮން މީހުންނަށެވެ. ސަބަބަކީ، ކުއްތާއަށް ސާހިބަކާ ނުލައި ނުއުޅެވޭ ފަދައިން، ބަންޓޫންނަށް ވެސް ދޮން ސާހިބުންނާ ނުލައި ނުއުޅެވުމެވެ. އެމީހުން އަހަރެމެންނަށް ބޭނުން ޖެހިގެން ވެއެވެ. އަހަރެމެންނަށް މުހުތާދު ވެގެން ވެއެވެ. އެމީހުން އުޅޭން ވީ ގޮތް ބުނެދޭ ސާހިބުންތަކެއްގެ ގޮތުގައެވެ."
އެޕަރތައިޑްގެ ނިޒާމުން އެޅި ނަސްލީ އިމްތިޔާޒުގެ ފިޔަވަޅުތަކާއި ހިންގި ޖަރީމާތަކުގެ ލިސްޓަކީ ވެސް ވަރަށް ދިގު ލިސްޓެކެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލައިލާ އިރު، ދެކުނު އެފްރިކާގެ ބިމުގެ އެންމެ ފަސްގަނޑު މޮޅު، އެންމެ ވިޔަނަ، އަދި އެންމެ ޤުދުރަތީ ވަސީލަތްތައް ގިނަ ސަރަޙައްދުތައް ދޮން މީހުންނަށް ޚާއްޞަ ކުރެވި، އާބާދީގެ 80 އިންސައްތަ ކަމުގައި ވާ ކަޅު މީހުންނަށް ޓަކައި ވަކި ޒޯނުތަކެއް ހަދައި، އެ ތަންތަނަށް "ބަންޓުސްޓޭން" މި ނަން ދެވި، އެ ތަންތަނުގައި މެނުވީ ކަޅު މީހުން ދިރިއުޅުމާއި ދަނޑުވެރިކަން ކުރުން މަނާ ކުރެވުނެވެ. ކަޅު ކުދީންނަށް ޚާއްޞަ ކޮށްގެން ސަރުކާރުން ހިންގާ ވަކި މަދަރުސާތަކަކާއި ކޮލެޖުތަކެއްގައި މެނުވީ، ކަޅު ކުދީން ތަޢުލީމު ޙާޞިލު ކުރުން މަނާ ކުރެވުނެވެ. ދޮން މީހުންގެ ނަސްލީ ޝަޚްޞިއްޔަތު ރައްކައުތެރި ކުރުމުގެ ފަލްސަފާގެ ދަށުން، ނަސްލީ ގޮތުން ތަފާތު އެއްވެސް ދެ މީހަކު ކައިވަނި ކުރުން މަނާ ކުރެވުނެވެ. ކަޅު މީހުންގެ އެތައް ހާސް މީހުންގެ ބިންތަކާއި ގެދޮރާއި މުދާ ދައުލަތަށް ނަގައި، ދޮން މީހުންނަށް ހަދިޔާ ކުރެވުނެވެ. ގޮނޑުދޮށްތަކާއި، ޕާކުތަކާއި، ޢާއްމު ތަންތަނުގައި ހުންނަ ގޮނޑި ނުވަތަ ބެންޗު ފަދަ ތަންތަނާއި، ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް ދޭ އުޅަނދުތަކާއި، މަދަރުސާތަކާއި، ހަސްފަތާލުތަކާއި، އެހެނިހެން ޢިމާރާތްތައް ވެސް ހުންނަނީ ދޮން މީހުންނަށް ޚާއްޞަ ތަންތަނާއި ކަޅު އަދި އޭޝިއާ ދަރިކޮޅުގެ މީހުންނަށް ޚާއްޞަ ތަންތަން ހެދިފައެވެ. ސަރުކާރުގެ އޮފީސްތަކާއި ޢާއްމު ޚިދުމަތާ ގުޅޭ އިދާރާތަކުގެ އޮފީސްތަކުގެ ތެރެއިން ވަކި ނަސްލަކަށް ޚާއްޞަ ކޮށްގެން ތަފާތު ތަންތަން ނުހެދޭނެ ބާވަތުގެ ތަންތަނުގައި، ދޮން މީހުން ވަދެނުކުމެ ވާން ޚާއްޞަ ދޮރުތަކާއި، ދޮން މީހުން އެ ތަންތަނުގެ ތެރޭގައި ހިނގައިބިނގައިވެ އުޅޭ ކޮރިޑޯތަކާއި، ދޮން މީހުންނަށް ޚިދުމަތް ދޭ ކައުންޓަރުތަކާއި، ދޮން މީހުން އިށީންނަ ގޮނޑިތައް ވެސް ހުންނަނީ ޚާއްޞަ ކޮށް ވަކި ކޮށްފައެވެ. އެޕަރތައިޑްގެ ނިޒާމާ ދެކޮޅަށް ކަޅު މީހުންގެ ތެރެއިން ކިރިޔާ ވެސް މަސައްކަތެއް ކޮށްފި ބަޔަކު، އެކި ޒާތްޒާތުގެ ކުށްތަކުން ކުށްވެރި ވާ ގޮތަށް ޤާނޫނުތައް ހަދައި، އެ ޤާނޫނުތަކުގެ ދަށުން އެތައް ހާސް ބަޔަކު ޖަލުތަކަށް ލެވުނެވެ. އޭގެ ތެރެއިން އެތައް ހާސް ބަޔަކު، ޖަލުގައި ދިން ވޭންދެނިވި އަނިޔާތަކުގެ ތެރޭގައި މަރު ވެފައި ވެސް ވެއެވެ. އެންމެ މަޝްހޫރު އެއް މިސާލަކީ، މަޝްހޫރު "ބްލެކް ކޮންޝަސްނެސް މޫވްމަންޓް" ގެ ލީޑަރު ސްޓީވް ބީކޯއެވެ.
މި ދެންނެވި ފަދަ އަނިޔާވެރި ނިޒާމަކުން ދެކުނު އެފްރިކާގެ ކަޅު ރައްޔިތުންނަށް ޖައްސައިފައި އޮތް ނިކަމެތި ޙާލުން އެމީހުން ސަލާމަތް ކޮށް، ކަޅު މީހުންގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ހޯދުމަށް ޓަކައި އެތައް ބަޔަކު ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. ގިނަ ޤުރުބާނީތަކެއް ވިއެވެ. ދޮން މީހުންގެ މައްޗަށް އެކުލެވޭ ދެކުނު އެފްރިކާގެ ސަލާމަތީ ބާރުތަކުން އެމީހުންނަށް ދެމުން ގެންދިޔަ ވަޙުޝީ އަނިޔާތަކާ އެކުގައި ވެސްމެއެވެ. މި މަސައްކަތުގައި އެންމެ މުހިއްމު އެއް ފަރާތަކީ "އެފްރިކަން ނެޝަނަލް ކޮންގްރެސް" ގެ ނަމުގައި އުފެއްދުނު ސިޔާސީ އަދި މުޤާވަމާގެ ތަޙްރީކެވެ.
1980 ގެ އަހަރުތަކުގެ ފަހުކޮޅު، އެޕަރތައިޑްގެ ނިޒާމު ބަލިކަށި ވެ ނެތިގެން ދިޔަ އިރު، އެ ނިޒާމާ ދެކޮޅަށް ތެދު ވެވަޑައިގެންނެވި ކަޅު ލީޑަރުންގެ ތެރެއިން އެންމެ ވަރުގަދަ ޝަޚްޞިއްޔަތެއްގެ ގޮތުގައި ކުރިޔަށް ނުކުމެވަޑައިގަތް ބެއިފުޅަކީ މަޝްހޫރު ނެލްސަން މަންޑޭލާއެވެ.
1918 ވަނަ އަހަރު އުފަން ވެވަޑައިގެންނެވި މަންޑޭލާ އަކީ ޤާނޫނީ ވަކީލެކެވެ. 1940 ގެ ތެރޭގައި އޭނާ އިސްތިޢުމާރީ އަޅުވެތިކަމާ ދެކޮޅު ޙަރަކާތްތަކުގައި ބައިވެރި ވެވަޑައިގަންނަވާން ފެއްޓެވިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދެކުނު އެފްރިކާގެ ދޮން ސަރުކާރުން "އެޕަރތައިޑް" ގެ ނިޒާމު ޤާނޫނުތަކުގެ ބާރުގައި ފުޅާ ކޮށް ވަރުގަދަ ކުރުމުން، އެފްރިކަން ނެޝަނަލް ކޮންގްރެސްއާ އެކު މަންޑޭލާ އެ ނިޒާމާ ދެކޮޅު ޤައުމީ މަސައްކަތުގައި ކުރީ ސަފަށް ނުކުމެވަޑައިގަތެވެ. މި މަސައްކަތްތަކާ ހުރެ، "ފިތުނަ އުފެއްދުމުގެ" ކުށުގެ ތުހުމަތުގައި އޭނާ އެތައް ފަހަރަކު ހައްޔަރު ކުރެވުނެވެ. ޤައުމަށް ޚިޔާނާތްތެރި ވުމުގެ ކުށުގެ ތުހުމަތުގައި އޭނާގެ މައްޗަށް ޝަރީއަތް ހިންގުނެވެ. 1962 ވަނަ އަހަރު، ދެކުނު އެފްރިކާގެ ސަރުކާރު ވައްޓާލަން ރޭވިކަމުގެ ކުށް އޭނާގެ މައްޗަށް ކޯޓުގައި ސާބިތު ވެ، ޢުމުރަށް ޖަލަށް ލެވުނެވެ. އެ ޖަލު ޙުކުމް ތަންފީޛު ކުރެއްވުމަށް ޓަކައި އޭނާ ޖަލުގައި 27 އަހަރު ހޭދަ ކުރެއްވިއެވެ. އޭނާ ޖަލުން ސަލާމަތް ވެވަޑައިގަތީ، ދުނިޔޭގެ ޕްރެޝަރާއި ޚުދު ދެކުނު އެފްރިކާގެ ތެރެއިން އެކި ފަރާތްފަރާތުން ކުރިމަތި ވަމުން ދިޔަ ވަރުގަދަ ދެކޮޅުވެރިކަމާ ހުރެ "އެޕަރތައިޑް" ގެ ނިޒާމު އިތުރަށް ދެމެހެއްޓޭން ނެތިގެން، ދެކުނު އެފްރިކާގެ ދޮން ރައީސް އެފް. ޑަބްލިޔު. ޑި ކްލާރކްގެ ސަރުކާރުން އެ ނިޒާމު އިލްޣާ ކޮށް، އައު ދުސްތޫރީ ނިޒާމަކާ އެކު ދޮން މީހުންނާއި ކަޅު މީހުން ހަމަހަމަކަމުގައި އުޅޭނޭ ދައުލަތެއް ބިނާ ކުރުމުގެ މަސައްކަތަށް އާނބަސް ބުނުމުންނެވެ.
1989 ވަނަ އަހަރު ވެރިކަމާ ޙަވާލު ވެވަޑައިގަތް ޑި ކްލާރކްގެ ސަރުކާރުން އެކުލަވައިލި ސަރުކާރުން ގެނައި އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި، 1990 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު، މަންޑޭލާ ޖަލުން މިނިވަން ކުރެވުނެވެ. އަދި "އެޕަރތައިޑް" ގެ ނިޒާމު އުވާލުމާ މެދު ދޮން މީހުންގެ މެދުގައި ވޯޓެއް ނަގައި، 68.73 އިންސައްތަ މީހުންގެ ވޯޓުން އެކަމަށް ތާއީދު ކުރުމާ އެކު، "އެޕަރތައިޑް" ޤާނޫނުތައް އުވައިލެވުނެވެ. ދެ އަހަރު ފަހުން، 1994 ވަނަ އަހަރު ބޭއްވުނު ޢާއްމު އިންތިޚާބު ކަޅު މީހުންގެ އެފްރިކަން ނެޝަނަލް ކޮންގްރެސްއަށް ކާމިޔާބު ވުމާ ގުޅިގެން، ނެލްސަން މަންޑޭލާ ވެވަޑައިގަތީ ދެކުނު އެފްރިކާގެ ފުރަތަމަ ކަޅު ރައީސަށެވެ.
އެޕަރތައިޑްގެ ނިޒާމު ނިމުމަކަށް ގެނެވި، ދުސްތޫރީ އަދި ޤާނޫނީ ގޮތުން ދެކުނު އެފްރިކާގައި ނަސްލީ ހަމަހަމަކަން ޤާއިމު ކުރެވުމާ ގުޅިގެން، އެ ޤައުމު ވެގެން ދިޔައީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެންމެ ޤަދަރު ކުރެވޭ އެއް މެންބަރަށެވެ. ބައިނަލްއަޤްވާމީ ގުޅުންތަކުގައި ނަމޫނާ ދައްކާ، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙުތިރާމު ކުރުމުގައި ވެސް ނަމޫނާ ޤައުމަކަށެވެ. ޒަމާނުއްސުރެ އޮތް ނަސްލީ އިމްތިޔާޒުގެ ނިޒާމުގެ ތެރެއިން އުފެދި މޫ ލައިފައި އޮތް އިޖުތިމާޢީ އަދި އިޤްތިޞާދީ ނަހަމަކަމާއި ނާއިންޞާފާއި ބޭޢަދާލަތުގެ ވަޅުގަނޑުން އަދިވެސް ދެކުނު އެފްރިކާއަށް މުޅިއަކުން އަރައެއްނުގަނެވެއެވެ. މިއަދު ވެސް، ކަޅު މީހުންގެ ބޮޑު އާބާދީއެއް އޮތީ ފަޤީރުކަމާއި ނުފުދުންތެރިކަމުގެ ޙާލަތެއްގައެވެ. ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށް ދެކުނު އެފްރިކާގެ ސަރުކާރުތަކުން ކުރާ މަސައްކަތްތަކަށް ސިޔާސީ ގޮންޖެހުންތައް ވެސް ކުރިމަތި ވޭމެއެވެ. ނަމަވެސް ދެކުނު އެފްރިކާ ކުރިޔަށް ދާތަން ފެންނަނީ ހެޔޮ މިސްރާބަކަށް، ހެޔޮ މަގެއްގައެވެ.
"އެޕަރތައިޑް" ގެ ދުވަސްވަރު ދެކުނު އެފްރިކާގެ ދޮން މީހުން ހިންގި ނަސްލީ އިމްތިޔާޒާއި އަނިޔާވެރިކަމުގެ ކަންތައްތަކަށް އެންމެ ބޮޑަށް މަދަދުވެރި ވެ އެހީތެރި ވެދިން ބަޔަކީ – އެކަކު ވެސް ޙައިރާން ވާން ނުޖެހޭނޭ ފަދައިން – އެމެރިކާ އާއި އިނގިރޭސި ވިލާތާއި ހުޅަނގު ޔޫރަޕުގެ އެހެނިހެން ޤައުމުތަކާއި އިސްރާއީލެވެ. އިސްރާއީލު އެއިރު އޮތީ، އެޕަރތައިޑް ދެކުނު އެފްރިކާގެ އެންމެ ގާތް އެއް އެކުވެރިޔާގެ ގޮތުގައެވެ. އިސްރާއީލުން ނިޔުކުލިއަރު ހަތިޔާރު ތަރައްޤީ ކުރުމުގައި ވެސް، ދެކުނު އެފްރިކާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ. ޚުދު ދެކުނު އެފްރިކާ ވެސް އެ ދުވަސްވަރު ވަރުގަދަ ޢަސްކަރިއްޔާއަކާ އެކު ނިޔުކުލިއަރު ހަތިޔާރު އުފެއްދިއެވެ. 1994 ވަނަ އަހަރު، މަންޑޭލާ ރައީސްކަމަށް ވަޑައިގަތުމަށް ފަހު އެ ހުރިހައި ހަތިޔާރެއް އަމިއްލަ އިސް ނެގުމުގައި އަލިފުދާލާ ޙަވާލު ކުރުމުން، ދެކުނު އެފްރިކާ ވެފައި ވަނީ ދުނިޔޭގައި އަމިއްލައަށް ނިޔުކުލިއަރު ހަތިޔާރު ދޫކޮށްލި ފުރަތަމަ އަދި ހަމައެކަނި ޤައުމަށެވެ.
އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެންނަށް މި ފެންނަ ދުނިޔޭގައި، އެމެރިކާ އާއި ހުޅަނގުގެ ޤައުމުތައް – އޮސްޓްރޭލިޔާ އާއި ނިއު ޒިލޭންޑް ހިމެނޭ ގޮތުން – މުޅި ދުނިޔެއަށް ދައްކާ މަންޒަރަކީ، އެމީހުންނަކީ ތަހުޒީބާއި އިންސާނިއްޔަތާއި ޢަދުލުއިންޞާފުގެ ބާރުތައް ކަމުގެ މަންޒަރެވެ. ދުނިޔޭގެ އެހެން މީހުންނަކީ އެމީހުންގެ ގާތުން މި ކަންތައްތައް ދަސް ކުރާން ޖެހޭ ޤައުމުތަކެއް ކަމުގެ މަންޒަރެވެ. ނަމަވެސް، 7 އޮކްޓޯބަރު 2023 އިން ފެށިގެން މިއަދާ ހަމަޔަށް ފަލަސްޠީނުގެ ޣައްޒާއާ ގުޅޭގޮތުން ކަންތައްތައް ހިނގަމުންދާ ގޮތަށް އެކަނި ބަލައިލިޔަސް، މިއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގުވެރި ޕްރޮޕެގެންޑާތަކަކުން ކުރަހައިފައި ވާ ދޮގު މަންޒަރެއްކަން ސާބިތު ވެއެވެ. އެޔާއެކު، ތާރީޚުގެ މި މުހިއްމު ފައްތަރުގައި ދެކުނު އެފްރިކާއިން ސާބިތުކަމާ އެކު އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ޢަދާލަތުގެ ކޯޓަށް މައްސަލަ ގެންދިޔަ ގެންދިޔުމުން ފެނިގެން ދިޔައީ، އެމެރިކާ އާއި އިނގިރޭސީންނާއި ދެންވެސް ޔޫރަޕުގެ ބާރުތަކުގެ މުނާފިޤުކަމާއި އަނިޔާވެރިކަމާއި ދޮގުވެރިކަމާ އެކުގައިމެ، ދުނިޔޭގައި އިންސާނިއްޔަތަށް ޓަކައި ހެޔޮ ގޮތުގައި މަސައްކަތް ކުރާނޭ މުޙުތަރަމް އަދި ޝަރަފުވެރި ދައުލަތްތަކެއް ވެސް އެބަތިބިކަމެވެ. ދެކުނު އެފްރިކާ އަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، އޭގެ ތެރެއިން އެއް ދައުލަތެވެ.
ކޮލަމް
ކޮލަމް
ކޮލަމް
ކޮލަމް