ދިވެހި ސަރުކާރުން، ޓައިވާނާއެކު ގުޅުމެއް ނުބާއްވާނެ ކަމަށާއި ރާއްޖެއިން ބަލައިގަންނަނީ "ވަން ޗައިނާ" ޕޮލިސީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވަން ޗައިނާ ޕޮލިސީ ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ. އަދި ވަން ޗައިނާގެ ޕްރިންސިޕަލަކީ ރާއްޖެ އާއި ޗައިނާގެ ގުޅުން އޭގެ މައްޗަށް ބިނާވެފައިވާ އެއް އަސާސް ކަމަށް މިނިސްޓްރީޏް ބުންޏެވެ.

ޓައިވާނަކީ، ޗައިނާގެ މެއިން ލޭންޑުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެހެންކަމުން، ޗައިނާގެ އިސްތިގުލާލަށާއި ސިޔާދަތަށް އުނިކަން ލިބޭ އެއްވެސް ކަމެއް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ވަނީ ރާއްޖެއިން ޓައިވާނާއެކު އެއްވެސް ރަސްމީ ގުޅުމެއް ނުބާއްވާނެ ކަމުގެ ޔަގީންކަންދީ، ޗައިނާގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.

ރާއްޖެއިން، މިފަދަ ބަޔާނެއް ނެރެފައިމިވަނީ ޗައިނާގެ މެއިންލޭންޑާ ވަކިވެގެން ވަކި ދައުލަތެއް ހަދައިގެން އުޅޭ ޓައިވާނުގައި ރިޔާސީ އިންތިހާބު ބާއްވައި، ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ އިންތިހާބުވެފައި ވަނިކޮށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އިއްޔެ ހަވީރު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޗައިނާ އާއި ރާއްޖެއާ ދޭތެރޭގައި އޮންނަ ގާތް ގުޅުމަކީ ވަރަށް ނަމޫނާ ގުޅުމެއް ކަމަށާއި ދެ ގައުމުގެ ދޭތެރޭގައި މި އޮންނަ ގުޅުން ބިނާވެގެންވަނީ މައިގަނޑު ހަތަރު ޕްރިންސިޕަލެއް، އަސާސެއްގެ މައްޗަށް ކަމަށެވެ. އަދި ވަން ޗައިނާ ޕޮލިސީއަކީ މި ސަރުކާރުން ފުރިހަމައަށް ގަބޫލުކުރާ ޕޮލިސީއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.