ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، އަނބުރާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާއިން، ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އަދި އިންޑިއާގެ ހައި ކޮމިޝަންގެ އިސް ޑިޕެލޮމްޓުންނާއެކު ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ މަތީ ފަންތީގެ ބައްދަލުވުމެއް، މިނިސްޓްރީގައި ބާއްވައިފައެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި އިންޑިއާގެ ސިފައިންގެ މައްސަލައިގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
"ދެ ފަރާތުން ވެސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަވަސްކުރަން އެއްބަސްވެފައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތަށް ހުށަހަޅާފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ކަމަށެވެ.
"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ. ސަރުކާރުން، ރައީސް އޮފީހުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފައި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އިންޑިއާގެ ސިފައިންނަށް ރާއްޖެއަކު ނުތިބެވޭނެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ ވެސް އެއީ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް މުއިއްޒު ވަނީ، އިންޑިއާ ސިފައިން، އަނބުރާ ގެންދިއުމަށް، އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ. އަދި ވަނީ އެކަމާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ވެސް މަޝްވަރާކޮށްފައެވެ.
ސަރުކާރުން ބުނެފައިވަނީ މިހާތަނަށް އެނގުނު މައުލޫމާތުތަކުން އިންޑިއާގެ 75 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެ އަދަދު އިތުރުވެދާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އިންޑިއާ ސިފައިންގެ ސީދާ އަދަދު އަދި ނޭނގިފައިވަނީ، ކުރީ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު