ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފައިދާ ނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ނިންމުމަށް ކެބިނެޓްގައި މިއަދު މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ސަރުކާރު ކުންފުނިތަކަކީ ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް އަމިއްލަ ފައިދާއިން ހިންގޭ ކުންފުނިތަކަށް ހެދުމަށް ފިނޭންސް މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ހުށަހެޅި ކަމަށާއި އެ ކަރުދާހާމެދު ގޮތްތަކެއް ނިންމުނު ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ކުންފުނިތައް ގިންތި ކުރެވޭ އުސޫލުތައް ތިން މަސް ތެރޭގައި މުރާޖައާކޮށް ނިންމުމާއި ކުންފުނިތަކުން ގައުމީ އަދި ޕަބްލިކް ކުންފުނިތަކާއި ހިއްސާ ވިއްކައިގެން ހިންގާނެ ކުންފުނިތައް ދެނެގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހާލުގައި އޮތް ކުންފުނިތައް ކޮޅަށް ޖެހުމަށް ކުރެވިދާނެ ކަންކަމާ ބެހޭ މަޝްވަރާތައްވެސް ކުރެވުނު ކަމަށެވެ.

"އެކަށީގެންވާ ގޮތަކަށް ނުހިނގާ ކުންފުނިތަކަށް ހަ މަސް ތެރޭގައި ރީސްޓްރަކްޗާ ކުރަން، ނުވަތަ މާޖް ކުރަން ޖެހިއްޖިއްޔާ އެކަން ކުރަން ފަށާގޮތަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ދަރަނި ކުޑަކުރުމަކީ ރައީސް މުއިއްޒުގެ އަމާޒެއް ކަމަށެވެ. އަދި ކުންފުނިތައް މާލީ ގޮތުން ބާރުވެރިކުރުވައިގެން އޭގެ ނަފާ ސަރުކާރަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.