މޭޔަރުކަމުގެ ގޮނޑި ޕީއެންސީއަށް ގެއްލުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުގެ ސިޔާސަތު ގޯސްވެގެން ނޫން ކަމަށާއި އެއީ މަސައްކަތް ނުކުރެވުނީމަ ނުކުތް ނަތީޖާއެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޒިމާ ޝަކޫރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމެވެ.
ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ މިދިޔަ ދުވަސްވަރު އާންމު މެންބަރުންނާ އެއްކޮށް މަސައްކަތްކުރަންވާ ގޮތަށް މަސައްކަތް ނުކުރެވުން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތަށް ރައްޔިތުން ތާއީދު ނުކުރުން ނޫން ކަމަށެވެ.
"އެއްގޮތަކަށް ވެސް ސަރުކާރުގެ ސިޔާސަތަށް އިތުބާރު ނެތީކީ ނޫން، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތީކީ ވެސް ނޫން. އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށްޓަކައި ހިދުމަތެއް ނުކޮށްދެއްވައިގެންނެއް ވެސް ނޫން. މި ދެންނެވީ މައިގަނޑު ސަބަބަކީ. އެހެންވީމާ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މިއީ ސަރުކާރުގެ ސިޔާސަތަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް އިތުބާރު ގެއްލިގެން ދިމާވި މައްސަލައެއް ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
މިއަދުގެ އިންތިހާބުގައި މޭޔަރުކަމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތާއީދާއެކު އަމިއްލަގޮތުން ނުކުމެވަޑައިގެންނެވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ހިމެނިވަޑައިގެންނެވިއެވެ. ބަލިވި ސަބަބުތަކުގެ ތެރޭގައި ރައީސް ޔާމީން ކެންޑިޑޭޓެއް ނެރެއްވުން ހިމެނޭތޯ ވެސް ނޫސްވެރިން އަދުރޭއާ ސުވާލުކުރިއެވެ.
"ރައީސް ޔާމީން ނެރުއްވި ކެންޑިޑޭޓެއް. އެ ކެންޑިޑޭޓަށް ލިބުނު ވޯޓާއި އަޅުގަނޑުމެންނަށް ލިބުނު ވޯޓާ އެއްކޮށްލީމާ އަޅުގަނޑުމެންނަށް ވިން ވާނެ. އޭގެ ސަބަބަކުންނެއް ނޫން، އަޅުގަނޑުމެންނަށް ފޯކަސް ނުކުރެވިގެން އިންތިހާބުން އަޅުގަނޑުމެން ބަލިވީ،" އޭނާ ވިދާޅުވިއެވެ.
މޭޔަރުކަމުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އިރު، ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ މިހާރު ވެސް ކައުންސިލު މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހުއެވެ. އަދި ރައީސް ޔާމީންގެ ތާއީދާއެކު ނުކުންނެވި ހުސައިން ވަހީދު ނިންމާލީ ހަތަރުވަނައަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު