އިންޑިއާއިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ، އާދައިގެ ބޭސް ރާއްޖެ އެތެރެކުރުން ނިމުމަކަށް ގެނެސް، ސީދާ ފެކްޓަރީން އެ ތަކެތި ގެންނަން ޖެހޭ ކަމަށެވެ.

"އާދައިގެ ބޭސް ގެނައުން ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް ދެން މާ ލަސްތަކެއް ނުވެ، އެތެރެ ކުރާނީ ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޔޫރަޕާއި އެމެރިކާއިން ބޭސް ގެނެވެން ފެށުމުން ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ރާއްޖެއިން މިހާރު އާއްމުކޮށް ބޭސް އެތެރެކުރަނީ، އިންޑިއާއިންނެވެ. އެ ގައުމުން އެތެރެކުރާ ބޭހުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ގިނަ ރައްޔިތުންނާއި ބައެއް ސިއްހީ މާހިރުންވެސް ކުރެއެވެ.