އަންނަ ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހިލޭ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރު އެ އަދަދު އެއަށް ވުރެ ވެސް އިތުރު ކުރައްވާނެ ކަމަށެވެ.
"އޭގެ އިތުރު ކަންތައްތައް ވެސް ވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހޯދުމަށް އެއް ގައުމަކަށް ބަރޯސާވުމުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެ ތަކެތި ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް މިހާރު އެންމެ ދިމާލަކަށް ބަރޯސާއެއް ނުވާނެ، އަޅުގަނޑުމެން މިހާރު ވާނީ ތުރުކީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި. ހަނޑޫ، ހަކުރު ފުށާއި އެކި ބާވަތްތައް ތުރުކީއިން މިހާރު އެއް އަހަރާއި އިތުރު 10 އިންސައްތައަށް ވާ ވަރަށް ލިބުމަށް އެއްބަސްވުން ވަނީ ހެދިފައި،" ރައީސް ވިދާޅުވިއެވެ.
ފުށުގެ ޝިޕްމަންޓްގެ އިިތުރުން ހަނޑޫ އަދި ހަކުރުގެ އިތުރުން ފިޔާ، ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް ގެނައުމަށް ވެސް އެކި ގައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އެ ޝިޕްމަންޓްތައް ވެސް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭން ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް އަމިއްލަ ފައިިމައްޗަށް ތެދުވާ ގައުމަކަށް ހައްދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު