އަމީނީމަގުގެ ފަހު ބައި ހަދައި ނިންމައި، އެ މަގު ހުޅުވާލައިފިއެވެ.

އަމީނީ މަގު ހުޅުވަން މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ މާދަމާއެވެ. ނަމަވެސް މިއަދު އެ މަގު ހުޅުވީ މާލެއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ޓްރެފިކް ފްލޯ ފަސޭހަ ކުރުމަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެ މަގު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ 28 ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާލެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެކަން ހާސިލުކުރުނީ އެ މަސައްކަތުގައި އުޅުނު މަސައްކަތްތެރިންގެ ބުރަ މަސައްކަތަކުންކަން ފާހަގަކަރައްވައި، އެ މަސައްކަތްތެރިންނަށް ޝުކުރު އަދަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ދައްކައިދިނީ މިސާލެއް. އަޅުގަނޑުމެންގެ ފުރަތަމަ ހަރުފަތް މި ގިރާކުރެވުނީ. އަޅުގަނޑުމެން މި ދައްކައިދިނީ އަޅުގަނޑުމެންގެ ލީޑާޝިޕްގައި ތިބި ފަރާތްތަކަށް މިކަން ނިންމޭނެކަން،" އޭނާ ވިދާޅުވިއެވެ.

އަމީނީ މަގު ހެދުމުގެ ފަހު ބައިގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި މިދިޔަ އާދިއްތަ ދުވަހު އެ ދެ ސެގްމެންޓުގައި ތާޅު އެޅުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022 ގައެވެ. އެއީ 84.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.