ނިމިދިޔަ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް މި ސަރުކާރުން ހާމަނުކުރަނީ، އެ އެއްބަސްވުންތަކުގައި ގޯހެއް ނެތުމުގެ ސަބަބުން ކަމަށް ނިމިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ސިޓީ ކައުންސިލުގެ މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާ "ފެހި.ތަނަވަސް.މާލެ" ގައި ރޭ ޝާހިދު ވިދާޅުވީ މި ސަރުކާރު އިދިކޮޅުގައި އޮތްއިރު ވަނީ ރައްޔިތުންގެ މެދުގައި އެމްޑީޕީގެ ސަރުކާރާމެދު ބިރުވެރިކަން އުފެއްދުމަށް ޓަކައި، އިންޑިއާއެކު ގައުމީ ސަލާމަތަށް ނުރައްކާވާ ގިނަ އެގްރީމެންޓުތަކެއް ހަދާފައިވާ ކަމަށް ބުނެފައި ކަމަށެވެ. އެ އެގްރީމެންޓުތަކުގެ ސަބަބުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ރައްޔިތުންގެ މެދުގައި ވާހަކަ ދައްކާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސަރުކާރުގައި ތިބި މީހުން ހަދާފައިވާ އެގްރީމެންޓުތައް ދައްކާށޭ، އޭގެ އެބަހުއްޓޭ ދިވެހިރާއްޖެއަށް ގެއްލުންވާނެ ގޮތަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ އެގްރީމެންޓުތައް ހަދާފަ އެބަހުއްޓޭ. އެ އެއްޗެހި ދައްކާށޭ، އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައީ 241 ކޮމިޓީއަށް އެ ލިޔުންތައް ފެންނާނޭ. އެހެންނަމަވެސް ބައިނަލްއަގުވާމީ އުސޫލުތަކާ ގާނޫނީ ހަމަތަކުގެ މަތިން އޭގެ ތެރެއިން އާންމު ކުރެވެން ހުރި ލިޔުންތައް އާންމުކުރާނެމޭ، އެނޫން އެއްޗިއްސެއް އާންމެއް ނުކުރެވޭނޭ. 55 ދުވަހުގެ ތެރޭގަ މި ފިތުނައިގެ ދޮލަނގު ބަލޮށް ލައިގެން އައި ސަރުކާރުން މިހާރު ބުނަމުން ގެންދަނީ ހަމަ އަޅުގަނޑުމެން ބުނި ވާހަކަ. ނެތޭ، ތިޔަ އެގްރީމެންޓުތައް ރައްޔިތުންނާ ހަމައަށް ނެރެވޭކަށް ނެތޭ. އެއީ ދެގައުމުގެ ދޭތެރޭގައި ވެފައިހުރި އެއްބަސްވުންތަކަށްވާތީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާގޮތަށް އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއިން އެންމެ ވެލި ފުކެއްގެ މިންވަރުހާވެސް ގެއްލޭ ގޮތަށް ގައުމަކާއެކު އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ.

ނިމދިޔަ ސަރުކާރުން ވަނީ އިންޑިއާއެކު 100 އަށްވުރެ ގިނަ އެއްބަސްވުންތައް ހަދާފައި ކަމަށް މި ސަރުކާރުން ބުނެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މި ސަރުކާރަށް 55 ދުވަސްވީއިރު ވެސް ސަރުކާރުން ކުރަމުންދަނީ އެ އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށް ޝާހިދު ވިދާޅުވިއެވެ. ސަރުކާރުން ދުވާލަކު ދެ އެގްރީމެންޓު ކިޔައިލި ނަމަވެސް، އެ ބުނާ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ މާއްދާއެއް ފެންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި އެތަކެއް ހާސް އިންޑިއާ ސިފައިން ގާއިމުވެތިބި ކަމަށް ބުނެ ސަރުކާރަށް އައިސް މިހާރު ބުނަމުންދަނީ އިންޑިއާ ސިފައިން ތިބި އަދަދު ސާފު ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. "އިންޑިއާ ސިފައިންނަކީ މީދާ"ތަކެއްތޯއާއި އެ މީހުން ތިބީ ހޮރުހަރަށް ވަދެ ފިލައިގެންތޯ، އޭނާގެ ހިތަށް އަރާވަޑައިގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.