ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން "އޭރިއާ އީ" ހިއްކަން ފަށައިފިއެވެ.

އާބަންކޯ އިން މިރޭ ބުނީ އޭރިއޭ އީ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށާއީ އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. އެ ސަރަހައްދުން 5.9 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އޭރިއޭ އޭ، ބީ އަދި އީ ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްގެންދަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ހާބާ އިންޖީނިއަރިން ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކަމަށް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން ބުނީ ތިލަފުށިން ބިން ހިއްކުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް، އެފަދަ މަސައްކަތްތަކަށް ތަފާތު ފުރުސަތު ހޯދައިދިނުން ކަމަށެވެ. އާބަންކޯ އިން އަބަދުވެސް މަސައްކަތް ކުރާނީ ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްގީއަށް ހިންގާ މުހިންމު މަޝްރޫއުތައް ތާވަލާ އެއްގޮތަށް ނިންމުމަށް ކަމަށެވެ.