ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓު ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓު ހަވާލުކުރުން އަވަސްކުރަން އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން 4000 ފުލެޓު ލިބޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށް، އެ ފަރާތްތަކަށް ލިބޭ ފުލެޓު ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށްގެންގޮސް ގުރުއަތުން ނެގިފައިވާ ފުލެޓު އެ ފަރާތަށް ފޯރުކޮށްދޭނެ ކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވާ އިރު، މިއަދާ ހަމައަށްވެސް ފުލެޓު ހަވާލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފުލެޓުތަކުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުންދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ކަމެކެވެ..،" އެމްޑީޕީން ބުންޏެވެ.
އެ ބަޔާނުގައި އެމްޑީޕީން ބުނީ، ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓު ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓު ހަވާލުކުރުން ރައީސް މުއިއްޒު ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ، ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ފުލެޓު ހަވާލުކުރުމުގެ މަސައްކަތް މި ހިނދުން މި ހިނދަށް ފެށުމަށް އެ ޕާޓީގެ ފަރާތުން ސަރުކާރަށް ގޮވާލާ ކަމަށެވެ.
މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓު ލިބުނު ބަޔަކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފީހަށް ގޮސް މުޒާހަރާވެސް ކުރިއެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވިދާޅުވެފައިވާ ގޮތަށް، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފަށާނީ އޭސީސީން ބަލަމުންދާ ފުލެޓުތަކުގެ މައްސަލަ އެ ކޮމިޝަނުން ނިންމުމުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ސަރުކާރުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު