އުދާސްކަމުގެ ނޭވާއެއް ދޫކޮށްލަމުން ސަރަންފީގައި ނާލާއަށް އިށީނދެވުނެވެ. ދިރިއުޅުމަށް އައިސްފައި އޮތް ހީނަރުކަމާއި އެކަނިވެރިކަމާމެދު ވިސްނާލަން މަޖުބޫރުވިއެވެ. އާއިލާގެ ލޯތްބަށް އެހިތް ހަޤީޤަތުގައި ވެސް ވަނީ ފެންބޮވައިގަނެފައެވެ. ނަމަވެސް ނަފުސުގެ މައްޗަށް އަތްގަދަކޮށްފައިވާ ބިރުވެރިކަމުގެ ސަބަބުން އެ ލޯތްބަށް ފާޅުގައި އިންކާރުކުރެވެނީއެވެ. ވަގުތު ވެފައިވަނީ އޭނަގެ ދުޝްމަނަކަށެވެ. އޭގެ ސަބަބުން މުސްތަޤުބަލާމެދު ނާލާގެ ހިތުގައި އުފެދިފައިވަނީ ޖެހިލުންވުމެވެ.
ދިރިއުޅުމުގައި އެއްވެސް ކަމަކަށް ޔަޤީންކަމެއް ނޯވެއެވެ. ބަލި އެނދުގައި އޮންނަ މީހާއަށްވުރެ ކުރިން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ޒުވާނާގެ ނިމުން އައިސްދާނެއެވެ. މަރަކީ ކޮންމެ މީހަކާ ވެސް ބައްދަލުކުރާނެ ހަޤީޤަތެކެވެ. ދުރާލާ އަޖަލުގެ ކުރީން އެކަމާ ކުރިމަތިލާން ވެސް ޖެހޭނެއެވެ.
ހަނަފަސްކަން ހަޔާތަށް ވެރިވެގެން އަންނަނީ އުއްމީދު ގެއްލުވާލުމުންނެވެ. އެފަދަ ފުރުސަތަކަށް ޝައިތާނާ ހުންނަނީ އަބަދުމެ ފާރަލައިގެންނެވެ. ނުބައި ވަސްވާސްތަކުން ސިކުނޑި ފުރާލައެވެ. އޭގެ ސަބަބުން މީހާ އިތުރަށް ބަލިކަށިވެއެވެ. ނާއުއްމީދުގެ ހިތިކަން އިހުސާސް ކުރެވެން ފަށައެވެ. ހަޔާތް ބަނަވެގެން ދެއެވެ. ދެން ހިތަށް ވެރިވެގެން އަންނަނީ ބިރުވެރި ވަހުމުތަކެވެ. ވޭނާއި ހިތްދަތިކަން ބަރުދާސްތުކުރަން ދަތިވާ ހިނދު ގޯސް މަގު ޚިޔާރުކުރެވެއެވެ.
ނާލާ އިނީ ދެފިކުރެއްގެ މަތީގައެވެ. ކުރިއަށް އަޅަންވީ ފިޔަވަޅާމެދު އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވިއެވެ. އޭނަގެ ހިތް ހުޅުވާލަންވީ ހެއްޔެވެ؟ ހިތުގެ ޝުޢޫރުތައް ބަންޑުން ކޮށްލަންވީ ހެއްޔެވެ؟ ލޯބިވާ ފަރާތްތަކުން ދިއްކޮށްލި މަދަދުވެރިކަމުގެ އަތުގައި ހިފަންވީ ހެއްޔެވެ؟ ތިރީތުންފަތުގައި ދަތް އަޅާލަމުން އިރުގެ ދަޅަތަކުން ގިރިޓީވަމުން އައި ޖައްވަށް ނަޒަރު ހުއްޓާލެވުނެވެ. ޚިޔާލުތަކުގެ ތެރެއިން ނާލާއަށް ނިކުމެވުނީ ލުޔޫންގެ އަޑަށެވެ.
ބެލްކަނީގެ ދޮރާއި ދިމާއަށް ބަލައިލިއިރު ލުޔޫން ހުއްޓެވެ. އަތުގައި ތަބަކެއް އޮތެވެ.
ނާލާ ބަދަލުކޮށްލި ހިނިތުންވުމަށް ފަހު ނާލާގެ ގާތަށް ލުޔޫން އައެވެ.
''މެންދުރު ވެސް ރަނގަޅަށް ނުކައި ހުރީ، އެހެންވެ ހަވީރު ސައި ހިފައިގެން މިއައީ...'' ލުޔޫން ވާހަކަދެއްކިއެވެ. އަތުގައި އޮތް ތަބަށް ސަރަންފީ ކައިރީގައި ހުރި ވަށް މޭޒު މަތީގައި ލުޔޫން ބެހެއްޓިއެވެ. އަދި ނާލާގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ.
''ކުޑާ...'' މާޔޫސްވެފައިވާ ނާލާގެ މޫނު ފެނުމުން ލުޔޫންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެއްޖެއެވެ.
''ލޫލޫ...'' ނާލާ ގޮވާލިއެވެ.
''ހޫމްމްމް...'' ނާލާ އިން ސަރަންފީއާ ޖެހިގެން ހުރި ސަރަންފީގައި ލުޔޫން އިށީނެވެ. ''ތަނަކަށް ތަދުވަނީތަ؟...''
ކަންބޮޑުވުން އެކުލެވިގެންވި ލުޔޫންގެ މޫނު ފެނި ނާލާގެ ހިތުގައި ރިއްސާލިއެވެ. ހުރިހާ އެންމެންގެ ކަންބޮޑުވުން ގުޅިފައިވަނީ އޭނައާއެވެ. ކޮންމެ ހިތެއްގައި ވެސް ބިރުވެރިކަމުގެ ހައިޖާނެއް އުފެދިފައިވާނެކަން ވެސް ގައިމެވެ. ނަމަވެސް އޭނަގެ ކުރިމަތީގައި އެ އިހުސާސްތައް ވަންހަނާކުރަން މަސައްކަތްކުރެއެވެ. އޭނަގެ ހިތަށް އުއްމީދެއް ގެނެސްދޭން ވެސް މަސައްކަތްކުރެއެވެ.
''ގާޑެންއަށް ގެންގޮސް ދީފާނަންތަ؟...'' ނާލާ އެދުނެވެ.
''ސޮރީ؟...'' ލުޔޫންއަށް ލިބުނީ ހައިރާންކަމެވެ. ކޮޓަރީގެ ހިމާޔަތުގެ ތެރޭން ނުކުންނަން ނާލާ ބޭނުންވެދާނެކަން ޤަބޫލުކުރަން އޭނައަށް ދަތިވީއެވެ.
''ގާޑެންއަށް ގެންގޮސްދީފާނަންތަ؟...'' ނާލާ ތަކުރާރުކޮށްލިއެވެ.
''ޔަޤީނެއްނު... މަންމަ ވެސް އެބައުޅޭ... ކުޑާ ބޭރަށް ނިކުތްތަން ފެނުނީމަ ވަރަށް އުފާވާނެ...'' ލުޔޫންއަށް ލިބުނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. ނާލާގެ ފަރާތުން ފެނުނު އެކުޑަ ބަދަލުން ވެސް ހިތަށް ފިނިކަމެއް ލިބުނެވެ.
''ފަހުން ދޯ ކާނީ؟...'' ފުރޮޅުލީގޮނޑީގައި ނާލާ އިށީންނަން އެހީތެރިވަމުން، މޭޒުމަތީ ހުރި ތަބަށް ލުޔޫން ބަލައިލިއެވެ.
''މިހާރު ކާހިތެއް ނެތް، މޭނުބައި ކުރާ ގޮތް ވެސް އެބަވޭ... މިރޭ ދެން އެއްޗެއް ކެވޭނީ...'' ނާލާ މަނާވެގަތެވެ.
''ބޭސް ކައިފިންތަ؟...'' ލުޔޫންއަށް ލިބުނު ނުތަނަވަސްކަމާއެކު ބުނެވުނެވެ.
''ހޫމްމްމް، ބޭސް ކައިގެން މިހިރީ، އިރުކޮޅަކުން ރަނގަޅު ވެދާނެޔޭ... ތިހާ ވަރަށް ހާސްނުވެބަލަ...'' ނާލާ ބުންޏެވެ. ލުޔޫންގެ ހިތަށް ހަމަޖެހުމެއް ގެނެންދޭން އޭނަ މަސައްކަތް ކުރިއެވެ. އޭނައާމެދު އަބަދު ފިކުރުބުޑޮވެފައި ހުންނާތީ ވެސް ނާލާ ދެރަވެއެވެ. ކޮއްކޮގެ ހުރިހާ ވަގުތެއް އޭނައަށް ހުސްކުރަން ބޭނުން ނުވާތީއެވެ. ރައްޓެހިންނާއެކު ބޭރަށް ގޮސް މަޖާ ކުރުމުގެ ފުރުސަތު ކޮއްކޮއަށް ލިބެންޖެހެއެވެ. މޮޅިވެރިކަން ހިތަށް ވެރިވަނީ އެފަދަ ޚިޔާލުތަކުންނެވެ.
*****
''ކޮލެޖްގެ ކަންތައް ކިހިނެއްތަ ދަނީ؟...'' ލިފްޓަށް އެރުވުމާއެކު ނާލާ ސުވާލުކޮށްލިއެވެ.
''ރަނގަޅަށް ދަނީ...'' ނާލާގެ ސުވާލުގެ ފަހަތުގައި ފޮރުވިފައި އޮތް މާނަ ލުޔޫންއަށް ނަގައިގަނެވެ. އިސްޖެހިފައި އިން ނާލާގެ މޫނަށް ލުޔޫން ބަލައިލިއެވެ. މޮޅިވެރިކަން ވެރިވެފައިވި އެމޫނު ފެނި ލުޔޫންގެ ހިތަށް ތަދުވެލިއެވެ. އެތުންފަތުގައި ކުޅެލާ ހިނިތުންވުންތައް މާޒީޔަށްވެ ހިނގައްޖެއެވެ. ދެލޮލުގައި ހުންނަ އުފާވެރިކަމުގެ ދިރުން ވެސް ގެއްލިއްޖެއެވެ. އެދުވަސްތައް އަނބުރާ ލިބުމަށް އެދެވުނެވެ. އެއީ ހަމައެކަނި އެހިތުގެ ދުޢާ އެވެ.
''ކުޑާ އެކަމާ ނުވިސްނައްޗޭ... ކޮލެޖެ ކަންތައް އިރާދަކުރެއްވިއްޔާ ދާނީ ރަނގަޅަށް، ކުޑާ ބަލަން ހުންނައްޗޭ އަހަރެން ލޯޔަރަކަށްވާނެ ދުވަސް، އެދުވަހު ކުޑާ ދާންޖެހޭނެ އަހަރެންގެ ގްރެޖުއޭޝަނަށް، ސޯ ޔޫ ވިލް ހޭވް ޓު ވިން ދަ ބެޓްލް އެގެއިންސްޓް ކެންސާރ... ކުޑާއަށް ވާނެ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ...'' ލުޔޫން ބުންޏެވެ. މުސްތަޤުބަލާ މެދު އޭނަ ވިސްނަން ބޭނުންވަނީ އުފާވެރިކަމާއެކުގައެވެ. އޭނަގެ ހުރިހާ އުފަލެއްގައި ނާލާ ބައިވެރިވާނެ މަންޒަރުތައް ތަސްވީރުކުރަމުންނެވެ. މި ދަތި އުނދަގޫ ދުވަސްތަކާއި ކުރިމަތިލާން ލިބޭ ހަމައެކަނި ހިތްވަރަކީ ވެސް އެއީއެވެ. ސާބިތުކަމުގައި ހުންނަން ބޭނުންވަނީ ވެސް ނާލާ ހިނިތުންވެލާ މަންޒަރު އެންމެ ފަހަރަކު ވިޔަސް ދެކިލަން ހިތް ބޭޤަރާރުވެފައިވާތީއެވެ.
ލުޔޫންގެ ވާހަކައާ މެދުގައި ނާލާއަށް ވިސްނާލެވުނެވެ. އޭނަގެ އަތުގައި ވަގުތު އެބައޮތް ހެއްޔެވެ؟ އެސުވާލުން އެކަނި ވެސް ހިތްމަވަރުވާން އުޅުނެވެ. ނަމަވެސް މަނާލްގެ ވާހަކަތައް އަނެއްކާ ވެސް ކަންފަތުގައި ގުގުމާލިއެވެ.
ތިރިއަށް އާދެވުމާއެކު ލިފްޓުގެ ދޮރު ހުޅުވުނެވެ. ލުޔޫން އަވަސްވެގަތީ ބޭރަށް ނިކުތުމަށެވެ.
'ކުޑާ އަހަންނަށް ވަޢުދެއް ވައްޗޭ...'' ފުރޮޅުލީގޮނޑި ކުރިއަށް ދުއްވާލަމުން ލުޔޫން ބުންޏެވެ.
''ކޮންކަމަކަށްތަ؟...'' ނާލާ ސުވާލުކޮށްލިއެވެ.
''މިކަމާ ކުރިމަތިލާނަން ކަމަށް، ދެޓް ޔޫ ވިލް ނޮޓް ގިވް އަޕް...'' ލުޔޫން ހާމަކޮށްލީ އެހިތުގެ އެދުމެވެ.
ޖަވާބެއް ނުލިބި އިރުކޮޅެއް ފާއިތުވެގެން ދިޔަ އެވެ. ހަޤީޤަތުގައި ނާލާ އިނީ ޖެހިލުންވެފައެވެ. މަންޒަރުތައް ނިއުޅިގެން ހިންގައިދާނެ ގޮތެއް ނޭނގޭތީއެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރަށް ވަނީ ލޮޅުން އަރައިގެން ގޮސްފައެވެ.
''ކުޑާ...'' ލުޔޫން ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ. ނާލާގެ ކޮނޑުގައި ވެސް އަތްޖައްސާލިއެވެ.
''ހޫމްމްމް...'' ނާލާ މަޑުމަޑުން ބުނެލިއެވެ. ހިތަށް ޔަޤީންކަން ހޯދަން ބޭނުންވެފައެވެ.
*****
ބަގީޗާއަށް ނިކުމެވުމާއެކު ނާލާއަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޤުދުރަތުގެ ރީތިކަމުގެ ތެރެއަށް ނަފުސު ދޫކޮށްލަން ބޭނުންވިއެވެ. ފަރިވެފައިވި މާމެލާމެލީގެ ގުލްޒާރުގެ ލުއިލުއި މީރު ވަސް ފަޒާގެ ތެރެއަށް ފެތުރިފައި އޮތެވެ.
''މަންމަ ގާތަށް ގެންގޮސްދީފާނަންތަ؟...'' ނާލާ އެދުނެވެ.
ލުޔޫންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނާލާއަށް އަންނަމުން ދިޔަ ބަދަލުތައް ހިތުގެ ހަމަޖެހުން ކަމުގައިވާން ފެށިއެވެ. ބަގީޗާއަށް ނިކުތް ނާލާ އާއި ލުޔޫން ފެނުމާއެކު ނަދީމާގެ މޫނު އުޖާލާވެގެން ދިޔަ އެވެ. ލޮލަށް ފެނުނު މަންޒަރު ފުރަތަމަ އޭނައަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. ތަކުރާރުކޮށް އެސްފިޔަ ތަޅުވާލުމުން ވެސް މަންޒަރު ބަދަލެއް ނުވިއެވެ. އޭރު ލުޔޫން އާއި ނާލާ އޭނަ ގާތަށް އާދެއެވެ.
މާގަސްތަކަށް ފެންދޭން ގެންގުޅުނު ހޮޅިގަނޑު ކައިރީގައި ހުރި ޚާދިމު ކުއްޖާ އަތަށް ދިއްކޮށްލަމުން ނަދީމާ ހިނގައިގަތީ ނާލާގެ ގާތަށް ދިއުމަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފިޔަވަޅުތައް މަޑުޖެހިލައިފިއެވެ. ނާލާގެ ގާތަށް ދާން ހަދައިފިނަމަ އަނބުރާލާފައި ނާލާ ކޮޓަރިއަށް ހިނގައިދާނެކަމުގެ ނުތަނަވަސްކަން ހިތުގައި އުފެދުނެވެ. އެއާއެކު ނަދީމާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެއްޖެއެވެ.
''މަންމާ...'' މަންމައަށް އައި ބަދަލުތައް ނާލައަށް ދޭހަކުރެވިއްޖެއެވެ. އެދެމެދުގައި އޮތް ގުޅުމަށް އައިސްފައި އޮތް ހީނަރުކަން ތަސައްވަރު ކުރެވި ދެރަވެސް ވިއެވެ. މަނާލްގެ ނަސޭހަތުގައި ހިފަން ނާލާ ގަސްދުކުރިއެވެ. ލޯބިވާ ފަރާތްތަކަށް ހިތް ހުޅުވާލަން އަޒުމުކަނޑައެޅިއެވެ. އޭރުން އެކަނިވަރިކަމުގެ ހިތިކަމަށް ނިމުމެއް އައިސްދާނެއެވެ. ދުނިޔެއަށް ބިކަވެ ނިކަމެތިވެއްޖެކަމުގެ ބިރުވެރި ހުވަފެނުން ހޭލަން ފަސޭހަ ވާނެއެވެ.
ނާލާގެ އަޑުން ނަދީމާ ޖަޒުބާތީ ވެއްޖެއެވެ. ކަރުނައިގެ ދިލަކަން ލޮލުން ފާޅުވުމާއެކު އަވަސް އަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ.
''ދަރިފުޅަށް ފިނި ނުވޭތަ؟...'' އެތެރެއަށް ނޭފަތް ދަމާލަމުން ނަދީމާ ސުވާލުކޮށްލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ނާލާގެ ގާތަށް ހުއްޓުނެވެ.
''މި ހެދުން ލީމަ އެހާ ބޮޑަށް ފިންޏެއް ނުވޭ...'' ލައިގެން ހުރި ފިޔާތޮށިކުލައިގެ ޖެކެޓްގައި އަތް ޖައްސާލަމުން ނާލާ ވާހަކަދެއްކިއެވެ. ނާލާގެ މޫނަށް ނަދީމާ ބަލައިލިއެވެ. އުއްމީދެއް އެހިތަށް ލިބުނެވެ. އިސާހިތަކު މަންޒަރުތައް ބަދަލުވެ މޮޅިވެރިކަމުގެ ސައިލު ކެހިގެން ހިނގައިދާނެކަމެވެ. އަވަސް އަވަހަށް މާތްﷲއަށް ހަމްދުކުރެވުނެވެ. ނާލާއަށް އެއައި ކުޑަ ބަދަލާމެދު ވެސް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ.
''މަންމާ... އައިމް ސޮރީ...'' ނާލާ ބުންޏެވެ.
''ކޮންކަމަކަށްތަ މަޢާފަށް ތިއެދެނީ؟... ދަރިފުޅު މަޢާފަށް އެދޭވަރުގެ ކަމެއް ނުވޭ...'' ނަދީމާ ދެފަރާތަށް ބޯހޫރާލިއެވެ. އަދި ނާލާއަށް ލުއި ހިނިތުންވުމެއް ދިނެވެ.
މަންމަގެ މޫނަށް ބަލަން ނާލާ އިނެވެ. މަންމަގެ އުފާވެރިކަމުން ދިލަ ހިތަށް ހަމަޖެހުމެއް ގެނެސްދިނެވެ. އެ ހިނިތުންވުން އަބަދުގެ އަބަދަށް ދެމިގެންދާން ހިތް އެދެން ފެށިއެވެ. ހިތަށް ކެތް ނުވަނީ މަންމަގެ ދެލޮލުން ކަރުނަ އޮހޮރޭ މަންޒަރުތައް ދެކޭށެވެ. އަމިއްލަ ނަފުސުގެ ބަލިކަށިކަމާމެދު އެއިން ކޮންމެ ފަހަރަކު ރުޅިއާދެވެއެވެ. އަމިއްލަ ހާލަތު ބަދަލުނުކުރެވޭތީއެވެ. މިއަދު ނާލާއަށް މަޖުބޫރުވެފައިވަނީ ދުނިޔެއާ މެދު އޭނަ ދެކެމުން އަންނަ ގިލަންވެރިކަމުގެ ނަޒަރު ބަދަލުކޮށްލާށެވެ.
''މަންމަ ކުރީ ދުވަހު ގެނައި ރަތް ފިނިފެންމާ ގަސްތަކުގަ މާފޮޅެން ފަށައިފި، ހިނގާބަލަ... ދަރިފުޅަށް ދައްކާނަން...'' ނަދީމާ ބުންޏެވެ. އަދި އަވަސްވެގަތީ އޭނަ ހައްދާފައިވާ ފިނިފެންމާ ގަސްތައް ނާލާއަށް ދައްކާށެވެ. ނާލާއަށް އެންމެ ކަމުދާ މަލަކީ ފިނިފެންމަލަށް ވާތީއެވެ.
މަންމައަށް ލިބުނު އުފަލާ މެދު ލުޔޫން ވެސް ޝުކުރުކުރިއެވެ. ހިތާހިތާ ދުޢާ ކުރެވުނީ އެއުފާވެރިކަން ލެހެއްޓެވުމަށް އެދިއެވެ. އަނދިރިކަމުގެ ހިޔަނިން ރައްކާތެރިކޮށްދެއްވުމަށެވެ.
*****
''ކުޑާ ބޭނުމެއް ނުވޭތަ ޑޮކްޓަރު ބުނާ އެއްޗެއް އަޑުއަހަން؟...'' ހަމަހިލާ ޑޮކްޓަރުގެ ކޮޓަރިއަށް ދާން ނާލާ އެއްބަސް ނުވުމުން ލުޔޫންއަށް ސުވާލުކޮށްލެވުނެވެ. މިއަދަކީ ފަރުވާގެ ތަފްސީލުތައް ލިބޭ ދުވަހެވެ. ކީމޯ ތެރެޕީން ރަނގަޅު ބަދަލެއް އަންނަ ނަމަ އާއި ފަރުވާގެ އިތުރު މަރުހަލާތަކުގެ ތަފްސީލުތައް މަޝްވަރާކުރަން އޮތް ދުވަސް ވެސް މެއެވެ.
ދެބެއިން ވެސް މަޑުކޮށްލައިގެން ތިބީ ހޮސްޕިޓަލުގައި އޮތް ޕާކުގައެވެ. އެއީ ދެބެއިން ވެސް އެތަނަށް އައި ފުރަތަމަ ފަހަރެވެ. ނާލާ ގޮވައިގެން އަބަދު ވެސް އެތަނަށް އަންނަން ލުޔޫން ބޭނުން ވިއެވެ. އެފުރުސަތު އޭނައަށް ލިބުނީ އަދިކިރިޔާއެވެ.
''ބޭނުމެއް ނޫން...'' ނާލާ ހާމަކުރިއެވެ. ނާލާ ދާން ދެކޮޅު ހެދުމުން އެންމެފަހުން ޑޮކްޓަރާ ބައްދަލުކުރަން ދިޔައީ ބިލާލްގެ ދެމަފިރިންނެވެ. ލުޔޫން މަޑުކުރީ ނާލާ ގާތުގައެވެ.
''ކުޑާ ތީ ނަރުހެއްނު... ދެން ކީއްވެތަ ބިރުގަންނަނީ؟...'' ލުޔޫން ސުވާލުކޮށްލިއެވެ. ނިކަ ގަހެއްގެ ހިޔަލުގައި ހުރި ބޮޑު ބެންޗެއްގައި ލުޔޫން އިނެވެ. ޖެހިގެން ހުސްކޮށް ހުރި ޖާގައިގައި އިނީ ނާލާ އެވެ. މެންދުރުގެ ވަގުތަށް ވިޔަސް ޖެހިލާ ފިނި ރޯޅިތަކުން އިރުގެ ހޫނުކަން އިހުސާސެއް ނުކުރެވެއެވެ.
''އެހެންވެ ދާން ބޭނުންނުވަނީ...'' ނާލާ ހާމަކުރިއެވެ. ޑޮކްޓަރުގެ ފަރާތުން ލިބިދާނެ ބިރުވެރި ޚަބަރަކާ މެދު އޭނަ ވަކިން ބިރުގަނެއެވެ. އެފަދަ އެތައް މަންޒަރެއް ފެނި ތަޖުރިބާ ކުރެވިފައިވާތީއެވެ.
''ކުޑާއަށް އިނގޭތަ؟... ބިރާ ކުރިމަތި ލައިގެން މެނުވީ ކުރިއެރުމެއް ނުލިބޭނެ، އެހެން ނޫންނަމަ އަބަދު ހުންނާނީ ނުތަނަވަސްކަމެއްގެ ތެރޭގައި...'' ނާލާގެ އަތުގައި ހިފާލަމުން ލުޔޫން ވާހަކަދެއްކިއެވެ.
ނާލާ އިހްތިޔާރު ކުރީ ހިމޭންކަމެވެ. އެ ހިމޭންކަމުގެ ތެރެއިން ލުޔޫންގެ ވާހަކައާމެދު ނާލާ ވިސްނިއެވެ.
ހިމޭންކަމުގެ ސުކޫތެއް ފާއިތުވެ ދިޔަ އެވެ. ނާލާގެ ހިމޭންކަމުގެ މާނަ ދޭހަކުރެވުމުން އިތުރަށް ލުޔޫން ވެސް ވާހަކައެއް ނުދެއްކިއެވެ. ވަގުތުދޭން ބޭނުން ވާތީއެވެ.
''އެއީ ކުރީ ދުވަހު ކުޑާއާ ބައްދަލުވި ކުއްޖާ ދޯ؟...'' ލުޔޫންއަށް ބުނެވުނެވެ.
ލުޔޫންގެ އަޑަށް ނާލާ ވެސް އިސްއުފުލައި ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި އެކަނި އިށީނދެގެން އިނީ މަނާލް އެވެ. އެވަގުތު އިއްތިފާޤަކުން ނާލާ އާއި މަނާލްގެ ނަޒަރު ބައްދަލުވިއެވެ.
ނާލާ އާއި ނަޒަރު ބައްދަލުވުމުން މަނާލް ހިނިތުންވެލިއެވެ. ކުރީ ދުވަހާ ޚިލާފަށް އެ ހިނިތުންވުމުގައި ރިހުމެއް އެކުލެވިގެން ވިއެވެ. ނާލާއަށް އެކަން ފާހަގަކުރެވި ހިތުގައި ސުވާލު އުފެދުނެވެ. ކަމެއް ގޯސްވީބާވައެވެ؟ ބީރައްޓެއްސަކާމެދު ހިތުގައި ކަންބޮޑުވުން އުފެދުމުން ހައިރާންކަން ވެސް ލިބުނެވެ.
''މިއަދު އެކަނި އައިސްގެން އުޅޭ ދުވަހަކީތަ؟... ކުރީ ދުވަހު އެކުގައި ހުރި އަންހެން މީހާ ނުއެއް ފެނޭ...'' ވަށައިގެން ހޯދާލަމުން ލުޔޫން ބުންޏެވެ.
ލުޔޫންއަށް އިތުރު ސުވާލެއް ނުކުރެވުނީސް ފެނުނީ މަނާލް ކޮޅަށް ތެދުވި ތަނެވެ. އަދި ލުއި ފިޔަވަޅުތަކެއްގައި ހިނގައިގެންފިއެވެ. މިސްރާބަކަށް ހުރީ ނާލާ އާއި ލުޔޫން ތިބި ބެންޗެވެ.
''ހާއި... ވީ މީޓް އެގެއިން...'' މަނާލް އައިސް ހުއްޓުނެވެ. އަދި ނާލާއަށް ބަލައިލިއެވެ. ''އެންމެ ރަނގަޅުތަ އަހަރެން އިށީނަސް؟...'' ހުސްކޮށް ހުރި ޖާގައަށް އިޝާރާތް ކުރަމުން މަނާލް ސުވާލުކޮށްލިއެވެ.'=
''ޔެސް ޔޫ ކޭން ސިޓް ވިތް އަސް...'' ލުޔޫން އަވަސް އަވަހަށް ބުނެލިއެވެ. ބީރައްޓެއްސަކަން މަނާލްގެ އެކުވެރި މިޒާޖު ލުޔޫންއަށް ކަމުދިޔައެވެ. ވާހަކަދައްކަން ފަސޭހަވީ ވެސް އެހެންވެއެވެ. ދިވެއްސަކަށް ވުމުން ވަކިން ބޮޑަށް ޝައުޤުވެރިކަން އުފެދުނެވެ.
''މަނާލް...'' ބެންޗުގައި އިށީންނަމުން މަނާލް ބުނެލިއެވެ. އަދި ލުޔޫންއާ ނަޒަރު ބަދަލުކޮށްލިއެވެ.
''ލުޔޫން...'' ލުޔޫން ވެސް ތަޢާރަފް ވެލިއެވެ.
ލުޔޫން އާއި ނާލާއަށް، މަނާލް ބަލައިލިއެވެ. އެދެމެދުގައި އޮތް ގުޅުން ދެނެގަންނަން އުޅޭ ކަހަލައެވެ.
''ހެހެހެ، އައިމް ހާރ ސިސްޓާރ...'' ލުޔޫން ނަގައިގަނެވުނެވެ.
''ހީވެއްޖެޔޭ...'' މަނާލް ހިނިތުންވެލިއެވެ. ''އަހަންނަށް ވެސް ތިހާ ކެއަރިންގް ބޭބީ ސިސްޓާއެއް ލިބުނު ނަމައޭ ހިތަށް އަރާ، އަހަންނަށް ލިބިފަ ހުންނަނީ ފޫހިމީހާގަނޑެއް... ހެހެހެ.... ނާލާ ޔޫ އާ ވެރީ ލަކީ...''
ނާލާއަށް ބަލައިލެވުނީ މަނާލްގެ މޫނަށެވެ. އޭރު ވެސް އެތުންފަތުގައި ހިނިތުންވުމެއް ވިއެވެ. މިފަހަރު އެހިނިތުންވުމަށް އުދާސްކަމުގެ ހިޔަނި އެޅިފައި ވިއެވެ. ނަމަވެސް އެ އިހުސާސްތަކުގެ ތެރޭގައި ނަފުސު ގައިދުވުމުގެ ފުރުސަތު ދޭން މަނާލް ބޭނުންނުވާ ކަމުގެ ހެކިތައް ފެންނަމުން ދިޔަ އެވެ. އެފަދަ ކުޅަދާނަކަން އޭނައަށް ލިބުނު ނަމައޭ ވެސް ނާލާގެ ހިތަށް އެރިއެވެ.
''އެކަނިތަ ތިއުޅެނީ؟...'' ލުޔޫންއަށް ސުވާލުކޮށްލެވުނެވެ.
''އުހޫނ... މަންމައާއެކު... މަންމަ ވެއްޖެ ކެންޓީނަށް ގޮސް...'' މަނާލް ޖަވާބު ދިނެވެ. ''އަދި އަލަށް ނާލާ މިތަނުން މި ފެނުނީ...''
''މިއަދު އަންނަ ހިތްވީ...'' ނާލާ ބުންޏެވެ.
''ނަތީޖާ ލިބޭ ދުވަސް ދޯ؟...'' މަނާލް ދެނެގަތެވެ. މަޢުނަވީ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.
''ކިހިނެއް އެނގުނީ؟...'' ނާލާގެ ހިތުގައި އޮތް ސުވާލު ބޭރުވީ ލުޔޫންގެ ދުލުންނެވެ.
''ހެހެހެ، މޮޅު ދޯ؟... މިތަނުން ނުފެންނަ މީހަކު ކުއްލިޔަކަށް ފެނުނީމަ އެނގިއްޖެ، ކޮންމެހެން ވިޔަސް މިތަނުން ނާލާ ފެނުމުން ވަރަށް އުފާވެއްޖެ، އަދި ބުނަން، ޑޮކްޓަރުން ކޮންމެ އެއްޗެކޭ ބުންޏަސް ދެރަނުވާތި، މާޔޫސް ނުވާތި... ޝިފާ ދެއްވާނީ މާތް ﷲ... އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅާދުންވަންތަ ރަސްކަލާނގެ، ބަލިވުމަކީ ވެސް އެކަލާނގެ ދެއްވި ނިއުމަތްތަކާ މެދު ޝުކުރުވެރިވާން ލިބޭ ފުރުސަތެއް، އަޅުކަންތަކަށް ހުޅިވިގެންދާނެ އިތުރު ދޮރެއް... އީމާންތެރިކަން ވަރުގަދަވުމުން ކޮންމެ ފަދަ އިމްތިހާނަކާ ވެސް ކެރިގެން ކުރިމަތިލާން ފުރުސަތު ލިބޭނެ.......'' މަނާލް ބުންޏެވެ. ''އޯލްވެއިސް ޕްރޭ ފޯރ އެ މިރޭކަލް، ހޭވް ފެއިތް...''
މަނާލްގެ ވާހަކަތަކުން ލުޔޫންގެ ހިތުގައި ވެސް ޝައުޤުވެރިކަން އުފެދުނެވެ. ކެންސަރާއި ހަނގުރާމަ ކުރަމުން އެދައްކާ ހިތްވަރަށް އައްސެރި ބަހާއި ސާބަސް ދޭހާ ވިއެވެ. ކިތަންމެ ހިތްދަތިވަގުތެއްގައި ވެސް މަނާލްގެ ހިތުގައި ސާބިތުކަން ވެއެވެ.
*****
''ކީމޯ އިން މާބޮޑު އަސަރެއް ނުކުރޭ... އެންމެފަހުން ހެދި ޓެސްޓުތަކާ އަޅާބަލާއިރު ހާލަތު ކުރިއަށް ވުރެން ގޯސްކަމަށް ދައްކަނީ...'' އިނގިރޭސި ބަހުން ޑޮކްޓަރު ބުނެލިއެވެ. ވާހަކަފަށަންވީ ގޮތެއް ނޭނގުމުން ޑޮކްޓަރުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެވެން ހުރި ފަރުވާތައް ވެސް ދަނީ މަދުވަމުންނެވެ. ނަމަވެސް އަލިމަގެއް ފެންނަ ގޮތެއް ނުވެއެވެ. ނާލާގެ ހަށިގަނޑުގައި އަޅާ ވޭނަށް ލުޔެއް ގެނެސްދިނުމުގައި ކޮންމެ ފަހަރަކު ކުރިމަތިލާން ޖެހެނީ ނާކާމިޔާބީއާއެވެ.
ނަދީމާގެ ދެލޮލުން ކަރުނަ ހިލުނެވެ. ކުރަމުން ދިޔަ ހުރިހާ އުއްމީދެއް ފެނަށް ވެއްޖެއެވެ. ގިސްލެވިދާނެތީ އަނގަމަތީގައި ނަދީމާއަށް އަތް އަޅާލެވުނެވެ.
''ނަދީމާ...'' ކަންބޮޑުވުމާއެކު ބިލާލްއަށް ގޮވާލެވުނެވެ. އަދި ނަދީމާގެ އަތުގައި ހިފާލިއެވެ.
''އިތުރު ފަރުވާއެއް ނެތީތޯ؟...'' އަރުތެރެ ބެދެމުން ދިޔަ ހާލު ނަދީމާ ސުވާލުކޮށްލިއެވެ. ކަރުނަ ފޮހެލަމުން ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކެތްތެރިވާން ބޭނުން ވިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.
''މިހާރު ބަލަމުން މިދަނީ އިތުރު ފަރުވާއަކަށް ނާލާގެ ހަށިގަނޑު ތައްޔާރުތޯ... މިހާރު ވެސް ވަރަށް ވީކް...'' ޑޮކްޓަރު ބުންޏެވެ. ހާމަކުރަން އޮތީ ފަސޭހަ ވާހަކަތަކެއް ނޫނެވެ. ކުރިމަތިވެދާނެ ހުރިހާ ގޮންޖެހުމަކާ މެދު ވިސްނާލަން ވެސް ޖެހުނެވެ.
''އެންމެ އެކަށީގެންވާނެ ފަރުވާއަކީ ކޮބައިތޯ؟... ކޮންމެ ފަރުވާއަކަށް ވެސް އަޅުގަނޑުމެން ތައްޔާރު...'' ނަދީމާގެ ކެތްރިކަން ކުޑަވާން ފެށިއެވެ.
''އަދި އިތުރު ޓެސްޓުތައް ހަދާލުމުން އެއްޗެއް ބުނަން އެނގޭނީ، އެކަމަކު އިތުރު އަލިމަގެއް ނުފެންނަނަމަ ބޯންމެރޯ ޓްރާސްޕްލާންޓަކަށް ދިއުން އެންމެ ރަނގަޅުވާނީ... އެއީ ވަރަށް ރިސްކު ބޮޑު ޕްރޮސީޖާއެއް... ކޮމްޕްލިކޭޝަންތައް ވެސް ގިނަ ވާނެ... ފޭޓޭލިޓީ ރޭޓް ވެސް މަތިވާނެ... އެންމެ އުނދަގޫ މަރުހަލާއަކީ ޑޯނަރެއް ހޯދުން...'' ޑޮކްޓަރު ބުނެދިނެވެ.
*****
ހަވީރެވެ. ވަގުތު ކައްޓަށް ބަލަހައްޓައިގެން ޝައިހާ އިނެވެ. ޑިއުޓީ ނިމޭނެ އިރަކަށެވެ. ވިވިއަންއާއެކު ޑިއުޓީގައި ނަގަން ވުމުން ޝައިހާ ހުރީ ރުޅިގަވެފައެވެ. ވިވިއަންގެ ވިހަ އަނގަޔާ ހެދި ނިއްތުން ރޫފިލައިގެންދާ އިރެއް ނުދެއެވެ.
''ކޮބާ ނާލާގެ ޚަބަރެއް ނުވޭތަ؟...'' ވިވިއަން ސުވާލުކޮށްލިއެވެ. ''މިހާރު ދެން ފަރުވާ ނުލިބުނިއްޔާ ވާނެ ކަމެއް ނޯންނާނެ، ޕޫއާ ސޯލް... ދެން މަރުވާނީ ކަން ނޭނގެ...'' އެއްވެސް އަސަރެއް ނެތް ގޮތެއްގައި ވިވިއަން ވާހަކަދެއްކިއެވެ.
''ނާލާއާ މެދު ތިހާ ވަރަށް ނުވިސްނާ އަމިއްލަ ދިރިއުޅުމާ މެދު ވިސްނަބަލަ...'' ޝައިހާ ރުޅިގަވެއްޖެއެވެ. ''އަދި ބުނަން ތިފާޑަށް ވާހަކަ ދައްކަނިކޮށް އެފަދަ ދެރަ ގޮތެއް ތިމާއަށް ކުރިމަތިނުވާނެކަމެއް އެނގެނީ ކިހިނެއް؟...''
''ހޫނ... ފެށީއޭ ދޯ... މީހަކަށް ހެޔޮ އެދިގެން އެއްޗެއް ބުނެވޭކަށް ވެސް ނޯންނާނެ...'' ވިވިއަން ތުންއަނބުރާލިއެވެ. ''އިނގޭތަ؟... ކުރީ ދުވަހު ރުހައިމް އޭނަގެ ވަގު ބިޓު ގޮވައިގެން އިމަޖެންސީ ރޫމަށް އައި ކަމަށްވޭ، އަހަރެންގެ ރައްޓެއްސެއް އުޅޭނެ އީ.އާރުގަ... އޭނަ ބުނީ... މިހާރު ފަސް މަސް ވެއްޖެޔޯ އެމަންޖެގެ ބަނޑަށް ވެސް... ދެމީހުން މެރީކޮށްގެން ކަން ނޭނގެ އުޅެނީ، ބަޓް އެކައިވެނި ސައްހައެއް ނުވާނެތާދޯ؟... ދުނިޔޭގެ ލަދުން ސަލާމަތްވާންކޮށްގެން އުޅޭ ކަމެއްހެން ހީވަނީ...''
(ނުނިމޭ)
ވާހަކަ
ވާހަކަ